ކ. މާލެ
|
12 ޖެނުއަރީ 2023 | ބުރާސްފަތި 07:30
ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމްގައި ޔޫތު މިނިސްޓްރީގެ ޑިރެކްޓަރު ޖެނެރަލް އަލީ ޒަކީ ވާހަކަދައްކަވަނީ
ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމްގައި ޔޫތު މިނިސްޓްރީގެ ޑިރެކްޓަރު ޖެނެރަލް އަލީ ޒަކީ ވާހަކަދައްކަވަނީ
ރާއްޖެއެމްވީ
ރަންތާޖު ޤުރުއާން މުބާރާތް
"ރަންތާޖު" މުބާރާތުގެ އޮޑިޝަނުން އުނިވި ރަށްތަކުގައި ރަޖިސްޓްރީވި ފަރާތްތަކަށް ފުރުސަތު އޮންނާނެ، ރަޖިސްޓްރީ ނުވެވެސް ބައިވެރިވެވޭނެ
ނަން ނޯޓުކުރުމުގެ މުއްދަތު ޖެނުއަރީ މަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް ވަނީ އިތުރުކޮށްފައި
އޮޑިޝަންތައް ކުރިއަށް ގެންދާނީ 15 ޖެނުއަރީއާއި 16 ފެބްރުއަރީއާ ދޭތެރޭ
މިއީ 16 އަހަރާއި 45 އަހަރާ ދެމެދުގެ އުމުރުފުރާގެ ފަރާތްތަކަށް ހުޅުވާލެވިފައިވާ މުބާރާތެއް

ތިންލައްކަ ރުފިޔާގެ ފައިސާގެ އިނާމާއެކު، ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ޤުރުއާން މުބާރާތް "ރަންތާޖު" ގެ އޮޑިޝަން ބާއްވާ ރަށްތަކާއި ތާރީހުތަކަށް ގެނައި ބަދަލުތަކާއެކު ކުރިން އޮޑިޝަން ބޭއްވުމަށް ހަމަޖެހިފައިވާ ބައެއް ރަށްތަކުގައި މިހާރު އޮޑިޝަން ނެތްނަމަވެސް އެރަށްރަށުގެ އޮޑިޝަންގައި ރަޖިސްޓްރީވި ފަރާތްތަކަށް ފުރުސަތު އޮންނާނެކަމަށް މުބާރާތް އިންތިޒާމުކުރާ ފަރާތުން ބުނެފިއެވެ.

މި މުބާރާތަކީ މިނިސްޓްރީ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓާއި، އިސްލާމިކް މިނިސްޓްރީ އަދި ރާއްޖެ ޓީވީ ގުޅިގެން ކުރިއަށްގެންދާ މުބާރާތެކެވެ. އެގޮތުން މުބާރަތް ލޯންޗު ކޮށްފައިވަނީ ޖެނުއަރީ މަހުގެ 2 ވަނަ ދުވަހު ރާއްޖެޓީވީގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ. މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު އެންމެ ފުރަތަމަ ހުޅުވާލީ މިމަހުގެ 3 ވަނަ ދުވަހުއެވެ. އެއީ މާލެ ހިމެނޭގޮތުން 11 ތަނެއްގައި އޮޑިޝަންތައް ބާއްވާގޮތަށެވެ. އޭރު ފުރުސަތު ހުޅުވާލީ 10 ޖެނުއަރީގެ ނިޔަލަށް ނަން ނޯޓުކުރުމަށެވެ. ނަމަވެސް 11 ޖެނުއަރީގައި ވަނީ ރާއްޖޭގެ 9 ސަރަަޙައްދެއްގައި އޮޑިޝަންތައް ބާއްވާ ތާރީޚުތަކާއެކު އާންމުކޮށް ނަން ނޯޓުކުރުމުގެ މުއްދަތު ޖެނުއަރީ މަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް އިތުރުކޮށްފައެވެ.

ރަންތާޖު ގުރުއާން މުބާރާތާއި ގުޅޭގޮތުން ރާއްޖެޓީވީގެ "ފަލަސުރުޚީ" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ޔޫތު މިނިސްޓްރީގެ ޑިރެކްޓަރު ޖެނެރަލް އަލީ ޒަކީ ވިދާޅުވީ މިމުބާރާތް ބޭއްވުމުގައި އެންމެ ބޮޑަށް ބެލީ އެއް ތަނެއްގައި މުބާރާތް ކުރިޔަށް ގެންދިޔުމަށްވުރެ ބޮޑަށް މުޅި ރާއްޖޭގައި މުބާރާތް ކުރިޔަށް ގެންދިޔުމަށްކަމަށެވެ. އެގޮތުން އެންމެ ފުރަތަމަ އޮޑިޝަންތައް ބާއްވާނެ ސަރަހައްދުތަކެއް ކަނޑައަޅާ ރަޖިސްޓްރީވާން ހުޅުވާލުމުން ރަޖިސްޓްރީވަމުންދިޔަކަމަށެވެ. ނަމަވެސް ބައެއް ރަށްރަށުން ވަކި އަދަދަކަށްވުރެ މަދުން ރަޖިސްޓްރީވެފައިވާތީ އެރަށްރަށަށް ދަތުރުކުރުމުގެ ބަދަލުގައި ގިނައިން މީހުން ރަޖިސްޓްރީވެފައިވާ ތަންތަނުގައި އޮޑިޝަން ބޭއްވުމަށް ފަހުން މުއްދަތު އިތުރުކުރުމަށްފަހު ފުރުސަތު ހުޅުވާލީކަމަށެވެ.

އެހެންވެ މިމަހުގެ 10 އާ ހަމައަށް އައިއިރު ކުރިން އަތޮޅުތެރޭގައި ނިންމި 10 ރަށުގެ ތެރެއިން އެބަހުރި 4 މީހުން 2 މީހުން ކަހަލަ ގޮތަކަށް އެބަހުރި ރަޖިސްޓްރީވެފައި. ނަމަވެސް ބައެއް ރަށްރަށުގައި އެބަހުރި އެއަށްވުރެ ގިނައިންވެސް ރަޖިސްޓްރީވެފައި. މިހުރިހާ ކަމެއްވެސް ކުރުމުގެ މައިގަނޑު އެއް ބޭނުމަކީ ފަސޭހަކަމާއެކު ޝައުގުވެރިވާ މީހުން ތިބި ހިސާބަކުން ބައިވެރިވުން. އޮޑިޝަން އޮންނަ ދުވަސްތަކާއި ތަންތަން މިއޮތީ ކަނޑައެޅިފައި.
އަލީ ޒަކީ /ޔޫތު މިނިސްޓްރީގެ ޑިރެކްޓަރު ޖެނެރަލް

މިބަދަލާއެކު ކުރިން އޮޑިޝަން ބޭއްވުމަށް އިއުލާންކުރި ބައެއް ރަށްރަށް ވަނީ އުނިވެފައެވެ. ޒަކީ ވިދާޅުވީ އުނިވެފައިވާ ރަށްރަށުގައި ރަޖިސްޓްރީވެފައިވާ މީހުންނަށް އެމީހުން ބޭނުންވާ އެހެން ރަށަކުން މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ލިބިގެންދާނެކަމަށެވެ.

ކުރީގައި އިއުލާންކުރި ރަށްރަށުގެ ކުދިންނަށް ގުޅާފައި އަންގާނެ މިހާރު ހުރި ތަންތަން. މިހާރު ހުރި ތަންތަނުގެ ތެރެއިން އެކުދިން އޮޑިޝަނަށް ދާން ބޭނުންވާ ތަނެއް ކަނޑައެޅުމުގެ އިޚުތިޔާރު ލިބިގެންދާނެ.
އަލީ ޒަކީ /ޔޫތު މިނިސްޓްރީގެ ޑިރެކްޓަރު ޖެނެރަލް

މީގެއިތުރުން ރަޖިސްޓްރީވި ތަން ނޫން އެހެން ތަނެއްގައިވެސް އޮޑިޝަން ދެވޭނެކަމަށާއި ރަޖިސްޓްރީނުވެވެސް އޮޑިޝަންގައި ބައިވެރިވެވޭނެކަމަށް ޒަކީ ވިދާޅުވިއެވެ. އޮޑިޝަންގައި ބަލާނީ އެއްތަނެއްގައި އޮޑިޝަން ދީފައި ހުންނަ މީހަކު އަނެއް ތަނެއްގެ އޮޑިޝަންގައި ބައިވެރިވޭތޯކަމަށް ޒަކީ ވިދާޅުވިއެވެ.

ރަޖިސްޓްރީނުކޮށްވެސް ބައިވެރިވެވޭނެ. މީގައި ނުވާނެ ކަމަކީ އެއްތަނެއްގައި އޮޑިޝަން ދީފައި ހުންނަ މީހެއް އަނެއް ތަނެއްގައި ނުކުރެވޭނެ. ރަޖިސްޓްރީ ނުވިއަސް ބައިވެރިވެވޭނެ.
އަލީ ޒަކީ / ޔޫތު މިނިސްޓްރީގެ ޑިރެކްޓަރު ޖެނެރަލް

އޮޑިޝަންގެ މަރުހަލާގައި ދަތުރުފަތުރުކުރުމާއި ހުރުމާއި ކެއުމުގެ ކަންކަން ހަމަޖައްސާނީ އެބައިވެރިއަކު އަމިއްލައަށްކަމަށް ޒަކީ ވިދާޅުވިއެވެ. ނަމަވެސް އޮޑިޝަނަށްފަހު ހޮވޭ 20 ބައިވެރިންގެ ހުރިހާ ކަމެއް ބަލަހައްޓަމުންދާނީ މުބާރާތް އިންތިޒާމުކުރާ ފަރާތުން ކަމަށް ޒަކީ ވިދާޅުވިއެވެ.

އޮޑިޝަންތައް ކުރިއަށް ގެންދާނީ 15 ޖެނުއަރީއާއި 16 ފެބްރުއަރީއާ ދޭތެރޭގައެވެ. މުބާރާތުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން (އާރްޓީ ސްޕޭސް، ފުރިހަމަ ނަން، އުމުރު، އައިޑީ ނަންބަރު، އޮޑިޝަން ހަދަން ބޭނުންވާ ސަރަޙައްދު) ޖެހުމަށްފަހު، 450 އެސްއެމްއެސް ކުރެވޭނެއެވެ. މިއީ 16 އަހަރާއި 45 އަހަރާ ދެމެދުގެ އުމުރުފުރާގެ ފަރާތްތަކަށް ހުޅުވާލެވިފައިވާ މުބާރާތެކެވެ.

އޮޑިޝަން ކުރިއަށްދާނެ ތާރީހުތައް:

  1. 15 ޖެނުއަރީ 2023 - ސ. ހިތަދޫ
  2. 18 ޖެނުއަރީ 2023 – ގދ ތިނަދޫ
  3. 21 ޖެނުއަރީ 2023 – ދ ކުޑަހުވަދޫ
  4. 1 ފެބްރުއަރީ 2023 - ބ. އޭދަފުށި
  5. 4 ފެބްރުއަރީ 2023 – ހދ ކުޅުދުއްފުށި
  6. އަދި 16 ފެބްރުއަރީ 2023 - މާލެ
- ކޮމެންޓް