އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިން ފޯރި މިވަނީ ގަދަވެފައެވެ. ދެ ކެންޑިޑޭޓުންގެ ވާހަކަތަކާއި އެބޭފުޅުންނަށް ތާއީދުކުރާ މީހުން ތާއީދުކުރާ ސަބަބުތައް ދަނީ ހާމަކުރަމުންނެވެ. އޭގެ ތެރެއިން ވެލިދޫގައި ބޭއްވި ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ކެމްޕެއިން ޖަލްސާގައި, ތުޅާދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ހިސާން ހުސައިން ދެއްކެވި ވާހަކަފުޅު ވަރަށް ބޮޑަށް ޚާއްސަވެއްޖެއެވެ. ތަފާތުވެއްޖެއެވެ. ރައީސް ޔާމީންގެ ސަރުކާރުގެ ދުވަސްވަރު ކޮންމެ ދުވަހަކުހެން ޓީވީތަކުން ފެނުނު ހިސާންގެ ވާހަކަތަކުން ގިނަބަޔަކަށް ފުން އަސަރުތަކެއް ކޮށްފިއެވެ. ޔާމީންގެ ވެރިކަމުގައި ރައީސް ނަޝީދު ޖަލުގައި އޮންނެވިއިރު އެމަނިކުފާނުގެ ގާނޫނީ ވަކީލުންގެ ޓީމުގައި އެންމެ އެސްކޮށް އުޅުއްވި އެއް ލޯޔަރަކީ ހިސާންއެވެ. އަދި އޭރު ކުރެވުނު މުޒާހަރާތަކުގައި ގިނަ އަދަދެއްގެ ބަޔަކު ހައްޔަރުކުރަމުން ދިޔައިރު އެމީހުންގެ ދިފާއީ އެއް ލޯޔަރަކީވެސް ހިސާނެވެ. އެކަމަކު ތަފާތުވީ ހިސާން ރައީސް ސޯލިހަށް ތާއީދުކުރެއްވީތީއެއް ނޫނެވެ. ތަފާތުވީ ހިސާންގެ "ޗޮއިސްއަކަށް" ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވެގެންދިޔަ ސަބަބުގެ ގޮތުގައި ވިދާޅުވި އަސަރުގަދަ ވާހަކަފުޅުތަކުންނެވެ.
ހިސާންގެ ވާހަކަ ފެއްޓެވީވެސް ރައީސް ނަޝީދު ރައީސް ސޯލިހާ މުޚާތަބުކުރައްވާ "ރިއެކްޓް" ކުރުން މިލަފްޒާ ގުޅުވާލައްވައިގެންނެވެ. ރައީސް ނަޝީދު އިސްތިއުފާދެއްވި ސިޓީ ފުރަތަމަ ލިބުނު ހިސާން ތަޖްރިބާގެ އަލީގައި ވިދާޅުވީ، ގައުމެއްގެ ވެރިއަކު މާއަވަސް އަވަހަށް ރިއެކްޓްކުރެއްވުމަކީ މާ ގަދަކަމެއް ނޫންކަމަށެވެ. އަދި އެކަމުން ނުކުންނަ ނަތީޖާވެސް މާ "ސަޅި"އެއް ނޫންކަމަށެވެ.
ހިސާން ވިދާޅުވީ އެމްޑީޕީގެ ފުރަތަމަ ވެރިކަން ބަދަލުވެގެންދިޔަގޮތުން އުޅެންޖެހުނު ހާލު އެއްވެސް މީހަކު ހަނދާނުން ނުނެތޭނެ ކަމަށެވެ. 2012 ވަނަ އަހަރުން ފެށިގެންއައިސް 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބާހަމައަށް އެމްޑީޕީގެ ލަޝްކަރު އޮތީ އިހުތިޖާޖުގައެވެ. މަގުމަތީގައެވެ. ކޮންމެ ދުވަހަކު މުޒާހަރާގައެވެ. އަނބިދަރިން ދޫކޮށް، ތުއްތުދަރިން ދޫކޮށް އަޅުގަނޑުމެން އެންމެން ތިބީ ޤައުމަށްޓަކައި ނުކުމެ ހެޔޮވެރިކަމެއް މިގައުމަށް ގެނައުމުގެ ބޭނުމުގައެވެ. އެއީ އެމްޑީޕީގެ ރަންޒަމާން ކަމަށާއި އެދުވަހުގެ އެހާލުގައިވެސް އަޅުގަނޑުމެން މަގުމައްޗަށް ނުކުމެތިބީ އިންތިޚާބު ކާމިޔާބު ކުރެވޭނޭ ކަމުގެ ފޮނިއުއްމީދުތަކެއްގައެވެ.
"މާ ބޮޑަށް ރިއެކްޓްކުރެއްވީމަ ރިޔާސީ ދައުރެއްގަ ތިން ނައިބު ރައީސުން އައްޔަންކުރަން އެބަޖެހޭ. އަނެއްބައި ފަހަރު މާގަދައަށް ރިއެކްޓް ކުރެއްވީމާ ވެރިކަން އެބަ ވެއްޓިގެންދޭ. އަނެއްބައި ފަހަރު ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްގެން ނޫނީ ވެރިކަން ނުއެއް ދެމެހެއްޓޭ. ބައެއް ފަހަރަށް ސުޕްރީމް ކޯޓު ފުރާޅުން ޓިނު ނަގައިގެން އެތާ ތިއްބަވާ ފަނޑިޔާރުން ދަމާ ކޫއްތާ ނެރެން ޖެހޭ. މި ރިއެކްޝަންގެ ނަތީޖާއަކީ އަޅުގަނޑުމެން ރައްޔިތުން ނުކުމެ މަގުމަތިވުން. އަޅުގަނޑުމެން ޖެހެނީ ރެޔާ ދުވާލު މަގުމަތީގައި ގަނަތެޅެން." ހިސާން ވިދާޅުވިއެވެ.
"އެކަމަކު އެޖޯޝާ ފޯރީގަވެސް އަޅުގަނޑުމެންނަކަށް 50 އިންސައްތައެއް ނުހޯދުނު. އަޅުގަނޑުމެންނަކަށް 50 ޕަސެންޓެއް ނުލިބުނު. އަދި ދެވަނަ ބުރުގަ ދެޕަސެންޓް. އެންމެ ދެޕަސެންޓް ހޯދަން އަޅުގަނޑުމެންނާ ބައިވެރިވާނެ މީހަކު ނުވި. އެއީ ހަގީގަތުގަ އަޅުގަނޑުމެންނަށް ދެވަނަ ބުރުގައި ވެރިކަން ނުލިބުނު ސަބަބަކީ. އެއީ އަޅުގަނޑުމެން މިއަދު ވިސްނާ ފިކުރުކުރަންޖެހޭނެ ކަމެއް." ހިސާން ވިދާޅުވިއެވެ.
ހިސާން ވިދާޅުވީ އެއަށްފަހު އަޅުގަނޑުމެން އަނެއްކާވެސް ނުކުތީ މަގުމައްޗަށް ކަމަށާއި އެއީ މާ ބިރުވެރި މަގުމައްޗެއް ކަމަށެވެ. ބިރުވެރި މާހައުލެއް ކަމަށެވެ. ބޭއިންސާފާއި އަނިޔާވެރިކަމުގެ ހާއްޔެއްކަމަށެވެ. އެނާމާން މާހައުލުގައިވެސް އަޅުގަނޑުމެން މަގުމަތީގައި ތިބީ ދިވެހިރައްޔިތުންގެ ހައްގުގައި ކަމަށެވެ. އެދުވަހު އަޅުގަނޑުމެން މަގުމަތީގައީ ތިބީ އެމްޑީޕީއަށް ކުރާ އިތުބާރެއްގެ ސަބަބުންނެވެ. އެމްޑީޕީން ދިވެހިރައްޔިތުންނަށް ހެޔޮ ވެރިކަމެއް ގެނެސްދޭނެކަމުގެ ޔަގީންކަން އަޅުގަނޑުމެންގެ ހިތްތަކުގައި އޮތީތީ ކަމަށެވެ.
"އެ ހަތް އަހަރު. އެއް އަހަރެއް ދެއަހަރެއްގެ ވާހަކައެއް ނޫން އިނގޭތޯ. ހަތް އަހަރު. އަޅުގަނޑުގެ ދުވަސް ކޮންމެ ދުވަހަކު ފެށެނީ ހައްޔަރީންގެ ލިސްޓުން. ކުރީ ދުވަހު ހައްޔަރުކުރީ ކިތައް މީހުންތޯ. ކޮންބައެއްތޯ. އެދުވަހު ކޯޓަށް މުއްދަތަށް ގެންދަނީ ކިތައް މީހުންތޯ. ވަކީލުންނަށް ކޯޓަށް ވަދެވޭނެތޯ، ނުވަދެވޭނެތޯ. ވަކީލުންގެ ޓީމުން އެދުވަހު ޝަރީއަތަށް ދާން ތިބީ ކިތައް މީހުންތޯ. ވަކީލު ބައްދަލުވުން ޖަލުގަ ހުރި ހައްޔަރީންނަށް ލިބޭނެތޯ. މިއަދު ފުލުހުންނާ ކުރަންޖެހޭނީ ކޮން ޒުވާބެއްތޯ. ކޯޓު ދޮރުމަތިންތޯ ބޭރުކޮށްލާނީ، ކޯޓަށް ވައްދާނެތޯ. ދޫނިދޫ ޖަލުން މާފުށީ ޖަލުން އަތޮޅުވެހިން މާލޭ ޖަލަށް. ކޯޓަށް. ބައެއް ފަހަރު 170އަށްވުރެ ގިނަ މީހުން އެއްފަހަރާ އެކިއެކި ޖަލުތަކުގައި ބަންދުކޮށްފަ ތިބި. އަޅުގަނޑުގެ ދުވަސް ފެށެނީވެސް ނިމެނީވެސް ކޯޓުން ގޮޅިއަށް ގޮޅިން ކޯޓަށް. ކޮންމެ ދުވަހަކީވެސް ބިރުވެރި ދުވަހެއް." އެ ނާމާން ހާލަތު ހިސާން ވިދާޅުވިއެވެ.
ހިސާން ވިދާޅުވީ އެއީ ފަސްފަހަތަށް ބަލަމުން ނުތަނަވަސްކަމުގައި އުޅުނު ދުވަސްވަރެއް ކަމަށާއި، މިއަދު އަޅުގަނޑުމެން ކުރިއަށްދާންވީ އެހެންވެގެންކަމަށެވެ. އަދި އެއީ މަގުމަތިން ހިނގާފައިދަނިކޮށް ނަގައި ޖިޕަށްލާނީ ކޮން ވަގުތެއްގައިކަން ނޭނގޭ ދުވަސްވަރެއް ކަމަށާއި، އެއީ ވިޔަފާރިތަކަށާއި އާއްމު މިނިވަންކަމަށްވެސް ނުރައްކާ އޮތް، ނާމާން، ބިރުވެރި ދުވަސްވަރެއް ކަމަށެވެ.
"އެދުވަހު އެހާލުގަ އަޅުގަނޑުމެން އުޅުނީ ގައުމުގެ މަސްލަހަތަށްޓަކާ. ގައުމަށްޓަކާ، ދިވެހި ރައްޔިތުންނަށް ހެޔޮ ވެރިކަމެއް ހޯދައިދިނުމަށްޓަކާ. ރައްޔިތުންނަށް ތާހިރު ދިރިއުޅުމެއް ހޯދައިދިނުމަށްޓަކާ. ހާސްކަމާ ބިރުވެރިކަމުން ނުކުމެ، ރައްޔިތުންނަށާ ގައުމަށް ހަމަޖެހުމެއް ހޯދައިދިނުމަށްޓަކާ. ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހްގެ ވެރިކަމުގެ 4 އަހަރު ރައްޔިތުންނަށް މި ހޯއްދަވައިދެއްވި ހިތްފަސޭހަކަމާ ސިޔާސީ ހަމަޖެހުމަކީ ހަގީގަތުގަ މަނިކުފާނު އަޅުގަނޑުމެންގެ ޗޮއިސްއަށް ވާ ސަބަބު. ކުއްލިއަކަށް ނިންމުންތައް ނުނިންމަވާ، ޚިޔާލުތަފާތުވުމާ، ތަފާތު ޚިޔާލުތަކުގެ ތެރެއިން ވެރިކަން ކުރެވޭނެކަން މަނިކުފާނު ސާބިތުކޮށްދެއްވައިފި. އެއީ މަނިކުފާނު އަޅުގަނޑުމެންގެ ޗޮއިސްއަކަށް ވާ ސަބަބަކީ" ހިސާން ވިދާޅުވިއެވެ.
ހިސާން ވިދާޅުވީ ރިޔާސީ އިންތިޚާބެއްގައި އަޅުގަނޑުމެން ކެންޑިޑޭޓެއް ޚިޔާރުކުރާއިރު ވިސްނަންޖެހޭނީ، އަދި ބަލަން ޖެހޭނީ ގައުމީ މަސްލަހަތަށް ކަމަށެވެ.
"ގައުމީ އިންތިޚާބެއް ކާމިޔާބު ކުރެވޭނީ ކޮން ކެންޑިޑޭޓަކަށްތޯ. 2013 ވަނަ އަހަރު އަޅުގަނޑުމެންނަށް ވޯޓެއް ނުނެގުނު. އިންތިޚާބެއް ކާމިޔާބެއް ނުކުރެވުނު. 2018 ވަނަ އަހަރު އަޅުގަނޑުމެން ވޯޓު ނެގިން. އިންތިޚާބުވެސް ކާމިޔާބުކުރިން. އެއީ މަނިކުފާނު އަޅުގަނޑުމެންގެ ޗޮއިސްއަށް ވާ ސަބަބަކީ" ހިސާން ވިދާޅުވިއެވެ.
ހިސާން ވިދާޅުވީ މިޕާޓީގެ މެންބަރުން އަލުން އަނބުރާ މަގުމައްޗައް ދާން ބޭނުމެއް ނޫންކަމަށެވެ.
"ވަރަށް ސާފުކޮށް މިދަންނަވަނީ، އަޅުގަނޑުމެން މިޕާޓީގެ މެމްބަރުން އެތައް އެތައް ގުރުބާނީއެއް ވެއްޖައިން މަގުމަތީގަ. މިއަދު ހަމަޖެހިގެން ހިންދެމިލައިގެން ދިރިއުޅެވެން އޮތް ދުވަހު އަލުން އަނބުރާ ގައުމު ހަލަބޮލިކޮށް ސިޔާސީ ހަމަނުޖެހުމެއްގެ ތެރެއަށް ވަންނާކަށް ބޭނުމެއްނޫން. އަޅުގަނޑުމެން ތާހިރު ދިރިއުޅުމެއް، ހިތްހަމަޖެހުމާ އެއްކޮށް، އާއިލާއާއެއްކޮށް، ވަޒީފާތަކުގަ އުޅެން ބޭނުން. މިޕާޓީގެ މެންބަރުން އަލުން އަނބުރާ ބިރުވެރިކަމާ ހާސްކަމުގެ ތެރެއަށް ދާކަށް ބޭނުމެއް ނޫން. އަނބުރާ ޖަލު ގޮޅިތަކަކަށް ދާކަށް ބޭނުމެއްނޫން. އެހެންވީމަ އަޅުގަނޑުމެންގެ ޗޮއިސްއަކީ މަނިކުފާނު." ހިސާން ވިދާޅުވިއެވެ.