ކޮންމެ ސަރުކާރެއްވެސް ވެރިކަމަށް އަންނަނީ ކެމްޕެއިންގައި ރައްޔިތުންނަށްވާ ވައުދުތަކަކާއެކުގައެވެ. އެވައުދުތައް ފުއްދާނެ, އަދި ފުއްދަން މަސައްކަތްކުރާނެ ކަމަށް ބުނެ ރައްޔިތުންނަށް އެއުއްމީދު ގެނުވަމުންނެވެ. ވެރިކަމުގެ ދައުރު ނިމޭއިރު އެސަރުކާރެއް ނުވަތަ އެ ރައީސެއްގެ ގާބިލްކަން ރައްޔިތުން މިނަނީ އެވައުދުތަކުގެ ތެރެއިން އެ ވެރިއަކަށް ފުއްދުނު މިންވަރެއްގެ މައްޗަށެވެ.
ރައީސް އިބްރާހީމް މުހައްމަދު ސޯލިހްވެސް ވެރިކަމަށް ވަޑައިގެންނެވީ އެފަދަ ގިނަ ވައުދުތަކަކާއެކުގައެވެ. ޚާއްސަކޮށް އެމަނިކުފާނު ނިސްބަތްވެ ވަޑައިގަންނަވާ އެމްޑީޕީގެ އިތުރުން، ގުޅިފައިވާ ޕާޓީތަކުން އެކުލަވާލި ކޯލިޝަން މެނިފެސްޓޯއެއް ހިއްޕަވައިގެންނެވެ.
ރައީސް ސޯލިހްގެ މިދައުރު ނިމެންދާއިރު، އެމަނިކުފާނު ވެވަޑައިގެންފައިވަނީ ވެވަޑައިގެންނެވި ވައުދުތައް އެންމެ ގިނައިން ފުއްދެވި ރައީސްގެ ގޮތުގައެވެ. ކުރުކޮށް ފޮނިކޮށް ބުނާނަމަ، ވައުދުތަކުގެ ޖަވާބު އެންމެ ގިނަ މަޝްރޫއުތަކުން ދެއްވި ރައީސްގެ ގޮތުގައެވެ.
ވެރިކަމުގެ 5 އަހަރުގެ ދައުރުގައި އެމަނިކުފާނަށް ރަނގަޅަށް މަސައްކަތްކުރައްވަން ލިބިވަޑައިގަތީ 3 އަހަރެއްހާ ދުވަހެވެ. ދެއަހަރަށްވުރެ ގިނަ ދުވަސް ހޭދަކުރައްވަން ޖެހިވަޑައިގަތީ، މުޅި ދުނިޔެ އެފުށް މިފުށަށް ޖަހާލި އާލަމީ ވަބާ "ކޮވިޑް"ގެ ހާލަތުގައެވެ. ކުރިން އަންދާޒާކުރެވިފައި ނުވާ ހާލަތެއް ކުއްލިއަކަށް މެދުވެރިވެ ގައުމުތައް ހުއްޓުނު ބީދައިން، ރާއްޖެވެސް އެއްކޮށް ހުއްޓުނެވެ. ބޭރުފައިސާ ލިބޭ އެންމެބޮޑު ވަސީލަތްކަމަށްވާ ޓޫރިޒަމް އެއްކޮށް ބަންދުުރަން ޖެހުނެވެ. އެންމެ ގިނަ ވަޒީފާތަކުގައިތިބި ރިސޯޓްތައް ނުހުޅުވި އޮންނަން ޖެހުމުން އެތައް ބައެއްގެ ވަޒީފާތަކަށް ބުރޫއެރިއެވެ. އެހެންނަމަވެސް އެފަދަ ސަރުކާރު މުވައްޒަފުންގެ މުސާރައިން ލޯލާރިއެއްވެސް ނުކަނޑައި އެވެރިން ބެލެހެއްޓިއެވެ. އިނދަޖެހެމުންދިޔަ ވިޔަފާރިތައް ނަގައި ކޮޅަށްޖެހުމަށް ލުއިލޯނު ދޫކުރިއެވެ. ނަތީޖާއެއްގެގޮތުން ދުނިޔޭގެ އެހެން ގައުމުތަކުގައި އެތައް ވިޔަފާރިއެއް ބަނގުރޫޓުވެ، އެތައް މިލިއަން ބައެއްގެ ވަޒީފާގެއްލި މަގުމަތިވިނަމަވެސް، ﷲގެ ހެޔޮ ރަހުމަތާއި ރައީސް ސޯލިހްގެ ހިކުމަތު އަމަލީގެ ސަބަބުން އެހާލަތެއް ދިވެހިންނަކަށް މެދުވެރިއެއް ނުވިއެވެ. އަދި މުޅި ދުނިޔެއަށް ނަމޫނާ ދައްކަވައި، އެންމެ އަވަހަށް ވެކްސިން ހޯއްދަވައި ރާއްޖޭގެ ހުރިހާ ރައްޔިތުންނަށާއި ރާއްޖޭގައި ދިރިއުޅޭ ހުރިހާ ބިދޭސީންނަށްވެސް ހިލޭ ފޯރުކޮށްދެއްވިއެވެ. އެހެންކަމުން ރައީސް ސޯލިހްގެ ގެއްލުނު ދެއަހަރާއެކު އެމަނިކުފާނުގެ މަޝްރޫއުތަކާއި ވައުދުތަކުގެ ޖަވާބު ފެށެނީ އެހާހިސާބުންނެވެ.
ކޮވިޑްގެ ހާލަތާއި، ޔޫކްރެއިން-ރަޝިޔާ ހަނގުރާމާގައި ދުނިޔޭގެ އިގްތިސޯދާއި ދަތުރުފަތުރަށް ލިބުނު ހީނަރުކަމާއެކުވެސް އެމަނިކުފާނުގެ ވެވަޑައިގެންނެވި ވައުދުތައް ހުއްޓުމެއްނެތި އެދަނީ ފުއްދަމުންނެވެ. މިއަދު ބޮޑެތި ޕްރޮޖެކްޓްތަކެއް ނުހިނގާ ހަމަ އެއްވެސް ރަށެއް މި ރާއްޖެއަކު ނެތެވެ. އޭގެ ބައެއް ތަފްސީލްތަކަށް ނަންބަރުން ބަލައިލަމާ ހިނގާށެވެ. ރައީސް ސޯލިހްވެސް ވިދާޅުވާ ގޮތަށެވެ.
ސްކޫލުތައް އެޅުމާއި މަރާމާތު ކުރުމާއި އިތުރު ކްލާސްރޫމްތަކާއި މަލްޓިޕަރޕޯސް ހޯލްތައް އަދި ލެބްތައް ގާއިމްކުރުންފަދަ 98 މަޝްރޫއު ކުރިއަށް އެބަދެއެވެ. އަދި އެފަދަ 28 މަޝްރޫއު ނިމިފައިވާއިރު، ދައުރުގެ ބާކީ އޮތް ދުވަސްތަކުގައި އޭގެ ގިނަ މަޝްރޫއުތަކެއް ނިމި އަދި ގިނަ މަޝްރޫއުތަކެއްގެ ބޮޑުބައި ނިމޭނެއެވެ.
ސިއްހީ ނިޒާމަކީ ރާއްޖެއަށް އެންމެ ބޮޑަށް ބޭނުންޖެހިފައިވާ އެއް ދާއިރާއެވެ. އެކަމަށްވެސް ރައީސް ސޯލިހް ވަނީ ޚާއްސަ އިސްކަމެއް ދެއްވާފައެވެ. ވަކިން ޚާއްސަކޮށް ރަށްރަށުގެ ސިއްހީ ނިޒާމް ވަރުގަދަ ކުރުމަށެވެ. އެގޮތުން ސިއްހީ ދާއިރާއިން 39 މަޝްރޫއު މިހާރުވެސް ކުރިއަށް ގެންދާއިރު، 32 މަޝްރޫއެއް ވަނީ އެއްކޮށް ނިމިފައެވެ. އަދި ރާއްޖޭގެ 5 ސަރަހައްދެއްގައި ޓަރޝަރީ ފެންވަރަށް 5 ހޮސްޕިޓަލެއް ދަނީ ތަރައްގީކުރުމުގެ މަސައްކަތް ކުރަމުންނެވެ. އަދި ޒަމާންތަކެއް ކުރިން ފެށިގެން ހައްލެއް ލިބިފައިނެތް އެންބިއުލާންސްގެ ދަތިކަން ހައްލު ކުރުމަށް މި ސަރުކާރުން ވަނީ 137 ރަށަކަށް އެމްބިއުލާންސް ދީފައެވެ.
ރަނގަޅު ފެންވަރަކަށް ރާއްޖޭގެ ރަށްރަށުގެ މަގުހެދުމުގެ ވައުދަށް ބަލާއިރު، މަގުހެދުމުގެ 31 މަޝްރޫއެއް ކުރިއަށް އެބަދެއެވެ. އަދި 5 މަޝްރޫއެއް ވަނީ ނިމިފައެވެ.
ރާއްޖޭގެ ރަށްތައް ހުރި ގޮތުން، ރަށްރަށުގެ ރައްޔިތުންގެ އެންމެބޮޑު އެއް ކަންބޮޑުވުމަކީ ރަށްގިރުމެވެ. އެރަށްތައް ހިމާޔަތްކުރުމަށްޓަކައި މިސަރުކާރުން ގޮނޑުދޮށް ހިމާޔަތްކުރުމުގެ 15 މަޝްރޫއު ކުރިއަށް ގެންދާއިރު، 14 މަޝްރޫއު ވަނީ ނިމިފައެވެ.
ރައީސް ސޯލިހް އަބަދުވެސް ވިދާޅުވާ އެއްވާހަކައަކީ ތަރައްގީގެ ވާހަކަދެއްކުން ފެށޭނީވެސް ގައިން ތާހިރުވެގެން ކަމަށެވެ. އެވައުދު ފުއްދުމުގެގޮތުން، ފެނާއި ނަރުދަމާގެ 127 މަޝްރޫއު ކުރިއަށްދާއިރު، 12 މަޝްރޫއު ވަނީ ނިންމާލާފައެވެ. އަދި މިދައުރު ނިމެންވާއިރަށް ރާއްޖޭގެ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާ ގާއިމްކޮށް ނިންމާލެވޭނެކަމުގެ ޔަގީންކަން އެމަނިކުފާނަށް އެބައޮތެވެ.
ރަށްރަށުގެ ރައްޔިތުން ބުނާގޮތުންނަމަ، ދުނިޔެމައްޗަށް ގަދައަށް ވައިކޮޅެއް ޖެހޭނަމަ އޮޑިވެރިން ތިބެންޖެހެނީ ހޭލައެވެ. ފަޅުގައި އޮތް އޮޑިއަށް ވެދާނެ ގެއްލުމަކަށް ފާރަވެރިވެގެންނެވެ. އެކަމަކު މިދައުރު ނިމޭއިރު އެކަން ހައްލުކުރައްވާނެކަމަށް ރައީސް ސޯލިހް ދަނީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ. އެގޮތުން ލަފައި ފުރުމުގެ ދަތިކަން ހައްލުކުރުމަށް 36 މަޝްރޫއެއް ކުރިއަށްއެބަގެންދެއެވެ. އަދި 47 މަޝްރޫއެއް ވަނީ ނިމިފައެވެ.
މިސަރުކާރުން މިސްކިތް އެޅުމަށްވެސް ދަނީ ޚާއްސަ ސަމާލުކަމެއް ދެމުންނެވެ. އެވައުދުގެ ތެރެއިން 14 މަޝްރޫއު މިހާރުވެސް ކުރިއަށް ގެންދާއިރު، ޖުމްލަ 17 މަޝްރޫއު ވަނީ ނިމިފައެވެ.
ނިމިދިޔަ ސަރުކާރުގައި ކޮމަންވެލްތުން ރާއްޖެ ވަކިވުމުން، ބައިނަލްއަގްވާމީ ފެންވަރުގެ އެތައް ކުޅިވަރަކުން ދިވެހި ކުޅުންތެރިންނާއި އެތުލީޓުން މަހްރޫމްވިއެވެ. އެކަމަކު އެކަން ނިމުމަކަށް ގެނައުމުގެ އިތުރުން، ކުޅިވަރު ތަރައްގީކުރުމުގެ 85 މަޝްރޫއުތައް ކުރިއަށް އެބަގެންދެއެވެ. އަދި ޒަމާނީ ދަނޑުތައް ގާއިމްކުރުމުގެ 129 މަޝްރޫއު މިހާރު ވަނީ ނިންމާލާފައެވެ.
ކުރިންއިވޭ އެއްއަޑަކީ ކޮންމެވެސް ރަށެއްގެ ރައްޔިތުން ކަނު އަނދިރީގައި ތިބި ވާހަކައެވެ. ޖަނަރޭޓަރު ސެޓް ހަލާކުވެގެން ކަރަންޓު ދެވޭނެ ގޮތެއް ނެތްކަމުގެ ވާހަކައެވެ. މިސަރުކާރުގެ ޖަވާބަކީ އެޝަކުވާކުރަން ދެން ރައްޔިތުންނަށް ނުޖެހޭނެކަމެވެ. ކަރަންޓުގެ ޔަގީންކަން އެންމެންނަށް މިހާރުވަނީ ފޯރުކޮށްދީފައެވެ. އެކަން ކުރުމަށް 144 ރަށެއްގައި 313 ޖަނަރޭޓަރ ބަހައްޓައި 76 އާ އިންޖީނުގެތައް އެޅުންފަދަ މަޝްރޫއުތައްވަނީ ހިންގާފައެވެ.
މިސަރުކާރާއި ރައީސް ސޯލިހް ބަލައިގަންނަ އެންމެ ބޮޑު އާބާދީއަކީ ޒުވާނުންނެވެ. އޭގެ ޖަވާބު ދެނީވެސް އެޒުވާނުންނެވެ. ކިތައްމެ ބޭނުންވިއަސް މީގެކުރިން މަތީތައުލީމް ހާސިލް ކުރެވޭނެ ގޮތެއްނެތް ކުދިންގެ އެ ހާސްކަން ރައީސް ސޯލިހް ހައްލުކޮށްދެއްވީތީއެވެ. ބޭނުން ދާއިރާއަކުން ހިލޭ ކިޔެވޭނޭ މަގު ތަނަވަސްކޮށްދެއްވީތީއެވެ. މިސަރުކާރުން އަލަށް ފެށި ހިލޭ ޑިގްރީ ޕްރޮގްރާމްގެ ދަށުން 16002 ދަރިވަރުންނަށް މިހާތަނަށް ވަނީ ފުރުސަތު ދެވިފައެވެ. އަދި 6519 ދަރިވަރުންވަނީ އެފުރުސަތުގެ ދަށުން ކިޔަވާފައެވެ.
ކޮންމެއަކަސް ރައީސް ސޯލިހަކީ ރައްޔިތުންނަށް ވައުދެއް ވެވަޑައިގެންފިނަމަ "އަދު ނޫން، މާދަން" ވިދާޅުނުވެ އެ ވައުދެއް ފުއްދަވައި ނިންމަވައި، އަމަލުން ޖަވާބުދެއްވާ ވެރިއެކެވެ. އަދި އެމަނިކުފާނުގެ ސިޔާސަތަކީ ބޮޑުރަށެއް ކުޑަރަށެއް ތަފާތު ނުކުރުމުގެ ސިޔާސަތެވެ. އެންމެންނަށް ހަމަހަމަ ސިޔާސަތެވެ.