ޕާކިސްތާނުގެ އާންމު އިގްތިސާދީ ހާލަތު ދަށަށް ގޮސް އިގްތިސާދީ ކާސިރާއަކާ ކުރިމަތިލާން ޖެހިދާނެކަމުގެ ކަންބޮޑުވުން އިތުރުވަމުން ދިއުމާއެކު, ޚަރަދު ކުޑަކުރުމުގެ ގޮތުން ޝޮޕިންގ ސެންޓަރުތަކާއި މާރުކޭޓުތައް ކޮންމެ ރެޔަކުވެސް އަވަހަށް ބަންދު ކުރުމަށް ސަރުކާރުން އަންގައިފިއެވެ. ޑިފެންސް މިނިސްޓަރ ޚަވާޖާ އާސިފް ވިދާޅުވީ، މިގޮތަށް ކަންތައް ކޮށްފިނަމަ 274.3 މިލިއަން ޑޮލަރު އެގައުމަށް ސަލާމަތް ކުރެވޭނެ ކަމަށެވެ.
ޕާކިސްތާނުގެ އިންޖީނުގެތައް ހިންގުމަށް އާންމުގޮތެއްގައި ބޭނުންކުރަނީ އިމްޕޯޓްކުރާ ފޮސިލް ފިއުލެވެ. ތެލުގެ އަގު މުޅިދުނިޔޭގައިވެސް މިދިޔަ އަހަރު ބޮޑުވެގެން ދިއުމާއެކު، އެގައުމުންވެސް ތެލަށް ކުރަންޖެހޭ ޚަރަދު ވަރަށް ބޮޑަށް އިތުރުވެގެން ގޮސްފައިވެއެވެ.
ބައެއްމީޑިއާ ރިޕޯޓްތައް ބުނާގޮތުގައި، ކުރިން ހުރި ބޭރު ފައިސާގެ ރިޒަރވް 50 އިންސައްތަ މަދުވެގެން ދިއުމަށްފަހު، މިދިޔަ އަހަރު ނިމުނުއިރު އެގައުމުގައި ހުރީ 11.7 ބިލިއަން ޔޫއެސް ޑޮލަރު ކަމަށްވެއެވެ. މިއީ ތެޔޮ ހިމެނޭހެން އެއްމަހުގެ އިމްޕޯޓަށް ބޭނުންވާނެ ވަރު އެކަންޏެވެ.
މިނިސްޓަރު އާސިފް އަންގާރަ ދުވަހު ނޫސްވެރިންނާ ބައްދަލުކުރައްވައި ވިދާޅުވީ، ޝޮޕިންގ މޯލްތަކާއި މާރުކޭޓުތައް ރޭގަނޑު 8:30ގައި ބަންދުކުރަން އަންގާފައިވާއިރު، ސަރުކާރު އޮފީސްތަކުން ކަރަންޓް ބޭނުންކުރާވަރު 30 އިންސައްތަ ދަށްކުރުމަށްވެސް ވަނީ އަންގާފައި ކަމަށެވެ.
މީގެ އިތުރުން ކަރަންޓުގެ ޚަރަދު ކުޑަ ނޫން، އެނބުރޭ ފަންކާއާއި އެހެންވެސް އާލާތް އުފެއްދުންވެސް ޖުލައިމަހުން ފެށިގެން މަނާކުރެވޭނެއެވެ.
220 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ޕާކިސްތާނުގެ އިގްތިސާދު ހަމަޔަކަށް އެޅުވުމަށް ދަތިތަކެއް ކުރިމަތިވެފައިވާތާ އަހަރުތަކެއްވަނީ ވެފައެވެ. މިކަމުން އަރައިގަނެވޭތޯ ބެލުމަށް 2019 އަހަރު އައި.އެމް.އެފްއިން 6 ބިލިއަން ޑޮލަރުގެ ބެއިލް އައުޓް އެހީ ފޯރުކޮށްދީފައި ވެއެވެ. އެއަށްފަހު މިދިޔަ އަހަރުގެ އޮގަސްޓް މަހުވެސް އިތުރު 1.1 ބިލިއަން ޑޮލަރު ފޯރުކޮށްދީފައި ވެއެވެ.
ޕާކިސްތާނުގެ ހާލަތު މިހާ ގޯސްވެފައި ވަނީ މިދިޔަ އަހަރު ކުރިމަތިވި ފެންބޮޑުވުމުގެ ކާރިސާއާ ގުޅިގެންނެވެ. އޮކްޓޯބަރުމަހު ވަރލްޑް ބޭންކުން ބުނެފައިވާގޮތުގައި ފެންބޮޑުވުމުގެ ސަބަބުން ޕާކިސްތާނަށް ލިބުނު ގެއްލުން 40 ބިލިއަނަށް އަރާނެކަމަށް އަންދާޒާ ކުރެވެއެވެ.