ކ. މާލެ
|
4 ޖެނުއަރީ 2023 | ބުދަ 11:33
އެމެރިކާއިން އަޅަމުންދާ ނުރަނގަޅު ފިޔަވަޅުތަކުގެ އަގު، އެންމެ ފަހުން އެ ޤައުމަށް އަދާ ކުރަން ޖެހޭނެ ކަމަށް ޗައިނާ އެމްބަސީގެ ވަޒީރު ވިދާޅުވޭ
އެމެރިކާއިން އަޅަމުންދާ ނުރަނގަޅު ފިޔަވަޅުތަކުގެ އަގު، އެންމެ ފަހުން އެ ޤައުމަށް އަދާ ކުރަން ޖެހޭނެ ކަމަށް ޗައިނާ އެމްބަސީގެ ވަޒީރު ވިދާޅުވޭ
ރޮއިޓާރސް
އެމެރިކާއާއި ޗައިނާގެ ކޯޅުން
ކޮންމެ ކަމެއް ސިޔާސީކޮށް ހަތިޔާރަކަށް ނުހެދުމަށް ޗައިނާއިން އެމެރިކާއަށް ގޮވާލައިފި
 
ޗައިނާ އެމްބަސީގެ ވަޒީރު، ޖިންގް ކުއާން ވިދާޅުވީ ޤައުމީ ސަލާމަތުގެ ނަމުގައި ހައްދެއް ނެތް މިންވަރަށް އެމެރިކާއިން ފަތުރަމުންދާ މަފްހޫމަށް ނިމުން ގެންނަން ޖެހޭ ކަމަށް
 
2021 ވަނަ އަހަރަށް ބަލާއިރު، ޗައިނާއިން އެމެރިކާގައި ކުރި އިންވެސްޓްމަންޓްތަކުގެ މިންވަރު ވަނީ 52 ޕަސެންޓް ދަށަށް ގޮސްފައި

ދުނިޔޭގެ އެންމެ ވަރުގަދަ 2 ބާރުގެ ގޮތުގައި އޮތް އެމެރިކާއާއި ޗައިނާގެ ކޯޅުންތަކުގެ ވާހަކައަކީ ސިލްސިލާ ގޮތެއްގައި، މެދުކެނޑުމެއް ނެތި، ތާ އަބަދުމެހެން އިވެމުންދާ ވާހަކައެކެވެ. ތަފާތު އެކި މައްސަލަތަކުގައި ދެ ޤައުމުން ބަދަލު ކުރަމުންދާ ބަހުގެ ހަމަލާތަކަކީ ދޭދޭ ކަމަކަށް ވީ ނަމަވެސް، ބަވަނަ ވެފައި ވާ އަދުގެ ދުނިޔޭގައި އެމެރިކާއާއި ޗައިނާ އޮތް މަޤާމުގެ ގޮތުން، އެ ހަމަލާތަކުން މުޅި ދުނިޔެއަށް ކުރާ އަސަރުވެސް ބޮޑެވެ. ދުނިޔޭގެ އެންމެ ވަރުގަދަ ބާރުތަކުގެ މެދުގައި ބަދަލު ކުރާ ހަމަލާތަކާ، ދޭ އިންޒާރުތަކުގެ ސީދާ އަސަރު ފޯރަނީ، ކަމާ ނުވެސް ބެހޭ، އާދައިގެ ޤައުމުތަކަށް ކަމީވެސް ޤަބޫލު ކުރަން ޖެހިފައި އޮތް ޙަޤީޤަތެކެވެ.

ޗައިނާ މީޑިއާ ގުރޫޕް (ސީއެމްޖީ)ގެ އާ ގޮތްޕެއް ކަމަށް ވާ ޔޫޔުއާންޓަންޓިއަންއަށް ދެއްވި ބަސްދީގަތުމެއްގައި، އެމެރިކާގައި ހުންނަ ޗައިނާ އެމްބަސީގެ ވަޒީރު، ޖިންގް ކުއާން ވިދާޅުވީ، ޤައުމީ ސަލާމަތުގެ ނަމުގައި ހައްދެއް ނެތް މިންވަރަށް އެމެރިކާއިން ފަތުރަމުންދާ މަފްހޫމަށް ނިމުން ގެންނަން ޖެހޭ ކަމަށާ، އިޤްތިޞާދާއި ވިޔަފާރިއާ ގުޅޭ ކަންކަން ސިޔާސީކޮށް، ހަތިޔާރަކަށް ހަދަމުން ދާ ދިއުމަށްވެސް ނިމުން ގެންނަން ޖެހޭ ކަމަށެވެ.

އަހަރަމެން އަބަދުވެސް މި ދަނީ 3 ނުކުތާއެއް ފާހަގަ ކުރަމުން. ފުރަތަމަ މި ބުނަނީ ޤައުމީ ސަލާމަތަކީ މުހިންމު ކަމެކޭ. އެކަމަކު އެއީ އެންމެނަށް އެއް ހަމަ ކުރެވޭ ނުވަތަ މާ ކަންތައްގަނޑު ބޮޑުކޮށްލެވޭނެ ކަމެއް ނޫން. ކޮންމެ ކަމަކާއި ކޮންމެ ކޮންމެ މައްސަލައެއް، ޤައުމީ ސަލަމާތަކާ ނުގުޅުވޭނެ. ޤައުމީ ސަލަމަތާއި އިޤްތިޞާދީ ތަރައްޤީއާއި ޚާރިޖީ ސިޔާސަތާ ދެމެދު ހަމަހަމަ ކަމެއް އޮންނަންޖެހޭނެ. ދެވެނަ ކަމަކަށް މި ބުނަނީ، ޗައިނާއާއި އެމެރިކާގެ އިޤްތިޞާދާއި ވިޔަފާރީގެ ގުޅުމަކީ ދޭދޭ ފެންވަރުގައި ދެ ފަރާތަށްވެސް ފައިދާ އޮތް ކަންތައްތަކަކަށް ވާންޖެހޭނެއޭ. ދެފަރާތުގެ ވިޔަފާރިތަކަށްވެސް އިންސާފުވެރި، ހެޔޮ ވިޔަފާރި ވެއްޓެއް ޤާއިމު ކޮށްދިނުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއް. އިޤްތިޞާދާއި ވިޔަފާރީގެ ކަންކަން ސިޔާސީކޮށް، ހަތިޔާރަކަށް ހަދައިގެން ނުވާނެ. ތިން ވަނަ ކަމަކަށް މި ބުނަނީ، ދޭދޭ ޘަޤާފީ ބަދަލު ކުރުންތަކަކީ، ދޭދޭ ޢުއްމީދީ ގުޅުމެއްގެ ބިންގަލޭ. ފަހަރެއްގައިވެސް އެއީ ބިރުވެރިކަމެއްގެ ގޮތުގައި ސިފަ ކޮށްގެން ނުވާނެ.
ޖިންގް ކުއާން؛ އެމެރިކާގެ ހުންނަ ޗައިނާ އެމްބަސީގެ މިނިސްޓަރ

އެމެރިކާއިން ޗައިނާއާ މެދު ގެންގުޅޭ ސިޔާސަތުތަކަށް އިޝާރާތް ކުރައްވަމުން ޖިންގް ވިދާޅުވީ، ބައެއް ދާއިރާތަކުން އެމެރިކާއިން ގެންގުޅޭ ސިޔާސަތުތަކަކީ ހައްދު ފަހަނަ އަޅާފައި ވާ ސިޔާސަތުތަކެއް ކަމަށާ، އެކަމުގެ ނަތީޖާ، ފިސާރި ބިރުވެރި ކަމަށެވެ.

2021 ވަނަ އަހަރަށް ބަލާއިރު، ޗައިނާއިން އެމެރިކާގައި ކުރި އިންވެސްޓްމަންޓްތަކުގެ މިންވަރު ވަނީ 52 ޕަސެންޓް ދަށަށް ގޮސްފައެވެ. ސައެންސްއާއި ޓެކްނޮލޮޖީ އަދި އިންޖިނޭރު ކަމާއި ހިސާބު ޢިލްމުގެ ރޮނގުން މަތީ ތަޢުލީމު ހާޞީލު ކުރަމުން ދިޔަ 2000 އަށް ވުރެ ގިނަ، ޗައިނާ ދަރިވަރުންގެ ވިސާއަށް ވަނީ ހުރަސް އަޅާފައެވެ. ޖެނުއަރީ 2022 އާއި އޮކްޓޯބަރ 2022 އާ ދެމެދު، ޗައިނާއިން ވިސާ ދޫކުރި އެމެރިކާ ދަރިވަރުންގެ ނިޞްބަތް ވަނީ، އޭގެ ކުރީ އަހަރުގެ އެ މުއްދަތާ އަޅާ ބަލާއިރު 38 ޕަސެންޓް ދަށަށް ގޮސްފައެވެ.

އެމެރިކާއިން އަޅަމުންދާ ނުރަނގަޅު ފިޔަވަޅުތަކުގެ އަގު، އެންމެ ފަހުން އެ ޤައުމަށް އަދާ ކުރަން ޖެހޭނެ ކަމަށް ޖިންގް ވިދާޅުވިއެވެ. އެމެރިކާގައި އުފައްދާ ޗިޕް، ޗައިނާއަށް އެކްސްޕޯޓް ކުރުން މަނާ ކޮށްފައި އޮތް އޮތުމުގެ ސަބަބުން އެކަނިވެސް، އެމެރިކާގެ ކުންފުނިތަކަށް، 10 ބިލިއަން ޑޮލަރުގެ ގެއްލުންވާނެ ކަމަށް އަންދާޒާތަކުން ދައްކައެވެ. ނަމަވެސް، މިއީ އަދާ ކުރަން ހަމަ ލާއިގު އަގެއް ކަމަށް އެމެރިކާއިން ޤަބޫލު ކުރެއެވެ. އަދި ފަހުގެ ތާރީޚެއްގައި އެފަދަ އަގެއް ދާ ކުރަން މަޑު ކުރަން ހަދައިގެން، މާ ބޮޑަށް ލަސް ވެދާނެ ކަމަށްވެސް އެމެރިކާއިން ޤަބޫލު ކުރެއެވެ.

ޗައިނާއަކީ އަމިއްލަ ފައިމައްޗަށް ތެދުވެ، އަމިއްލަވަންތަކަމުގެ މައްޗަށް ބަރޯސާވެ، ޒާތީ ކުރިއެރުން ހޯދުމުގެ ޘަޤާފަތެއް ގެންގުޅޭ ޤައުމެއް. ބޭރުގެ ފަރާތްތަކުން އަހަރަމެންނަށް ކުރިމަތި ކުރާ ފިއްތުންތަކާއި ހުރަސްތައް ވަނީ، މިނިވަން އީޖާދުތައް އުފެއްދުމަށް އަހަރަމެންނަށް ލިބޭ އިތުރު ހިތްވަރަކަށް. ހަލުވި ދުވެލީގައި، ޓެކްނޮލޮޖީގެ މައިދާނުގައި ކުރިއެރުންތައް ހޯދުމަށް ލިބޭ ހިތްވަރަކަށް. ހަމަ އެއާއެކު، ކުންފުނިތަކަށް ލިބިދޭ ޤާނޫނީ ޙައްޤުތަކާއި މަސްލަހަތުތައް ދިފާޢުކޮށް، ހިމާޔަތް ކުރުމަށް ބޭނުން ކުރެވެން އޮތްހާ ހަތިޔާރެއްގެ ބޭނުން ކުރަން އަހަރަމެން ތާޢީދު ކުރަން. މީގެ ކުރިންވެސް، ސާނީ ގުރޫޕް، ޝައޯމީ، ވީޗެޓް އަދި އެނޫންވެސް ޗައިނާގެ ކުންފުނިތަކުން ވާނީ، އެމެރިކާގެ ސަރުކާރާ ދެކޮޅަށް ޝަރުޢީ އިމުގެ ތެރެއިން ކާމިޔާބުތަކެއް ހޯދާފަ.
ިންގް ކުއާން؛ އެމެރިކާގެ ހުންނަ ޗައިނާ އެމްބަސީގެ މިނިސްޓަރ

ޗައިނާގެ ޑިޕްލޮމެޓިކް މަންދޫބު އިތުރަށް ވިދާޅުވީ، ފިކުރީ މުދަލުގެ ޙައްޤު ހިމާޔަތް ކުރުމަށް ޗައިނާއިން ހާއްސަ ސަމާލުކަމެއް ދޭ ކަމަށެވެ. އެގޮތުން، 2021 ވަނަ އަހަރުގެ ތެރޭގައި ޗައިނާއިން އީޖާދީ ޕޭޓަންޓްގެ ގޮތުގައި 696000 ޕޭޓަންޓް ދޫކޮށްފައި ވާ ކަމަށް މައުލޫމާތު ލިބެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 މަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް