ކޭއެފްސީ އާއި ޕިއްޒާ ހަޓް ފަދަ މަޝްހޫރު ފްރެންޗައިޒްތަކާއެކު ރަސްފަންނުގެ "ބީޗް ޕެވިލިއަން" ތަރައްގީކޮށް، ހިންގައި ބަލަހައްޓަން ބަޔަކާ ހަވާލު ކުރީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 21 ވަނަ ދުވަހުއެވެ.
ރަސްފަންނުގައި ޕެވެލިއަން ހަދާ އެ ސަރަހައްދު ތަރައްގީ ކުރުމުގެ މަސައްކަތް ހައުސިން މިނިސްޓްރީން ހަވާލު ކޮށްފައި ވަނީ މާލޭ ވޯޓާ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) އާއެވެ. އަދި ރަސްފަންނުގައި ކޭއެފްސީ އާއި ޕިއްޒާ ހަޓްގެ އިތުރުން ޕެވިލިއަން ތަރައްގީ ކުރުމުގެ މަސައްކަތް ބްރަދާސް ކޭޓްރިންއާ ހަވާލު ކޮށްފައި ވަނީ އެމްޑަބްލިޔުއެސްސީގެ ފަރާތުންނެވެ.
ކޭއެފްސީ އާއި ޕިއްޒާހަޓް ރަސްފަންނުގައި ހިންގުމުގެ ހުއްދަ ބްރަދާސް ކެޓްރިން އަށް ދީފައި ވަނީ 10 އަހަރުގެ މުއްދަތަށެވެ. އަދި މަސައްކަތް ހަވާލު ކޮށްފައި ވަނީ އެއްބަސްވުމުގައި ސޮއިކުރާ ތާރީހުން ފެށިގެން ފަސް މަސް ދުވަސް ތެރޭގައި ނިންމާ ހިދުމަތް ދޭން ފަށާ ގޮތަށެވެ.
ނަމަވެސް އެއްބަސްވުމުގައި ސޮއި ކުރިތާ 10 މަސް ދުވަސް ވެފައިވާއިރު ރަސްފަނަށް ކޭއެފްސީ އަދި ޕިއްޒާ ހަޓް އައުމުގެ އެއްވެސް ކުލަވަރެއް ފެނިފައެއް ނުވެއެވެ، އަދި ޕެވިލިއަންގެ މަސައްކަތެއް ވެސް އެ ސަރަހައްދުގައި ކުރަމުންދާ ތަނެއް ނުފެނެއެވެ. ފެންނަނީ އެތަނުގައި ހަދާ ޕެވިލިއަންގެ އިމާރާތުގެ އޮނިގަނޑުގެ ބޭރުން ޖަހާފައި ހުރި ދާތައް ފީވެ ފައިބަމުންދާ މަންޒަރެވެ. އިމާރާތުގެ އޮނިގަނޑު ވީރާނާ ވަމުންދާ މަންޒަރެވެ.
މިކަމާ ގުޅޭ ގޮތުން މައުލޫމާތު ސާފް ކުރުމަށް އެމްޑަބްލިޔުއެސްސީގެ އެމްޑީ އިބްރާހީމް ފަޒުލް ރަޝީދަށް ރާއްޖެއެމްވީން ތަކުރާތުކޮށް ގުޅައި، މެސެޖް ކުރި ނަމަވެސް އޭނާ ޖަވާބު ދެއްވާފައެއް ނުވެއެވެ. އަދި މައުލޫމާތު ސާފްކުރުމަށް އެމްޑަބްލިޔުއެސްސީގެ ޕަބްލިކް ރިލޭޝަންސް އަށް ގުޅުމުން މައުލޫމާތު ސާފް ކުރުމަށް ފަހު ޖަވާބު ދޭނެ ކަމަށް ވިދާޅުވިއެވެ. ނަމަވެސް އޭގެ ފަހުން ރާއްޖެއެމްވީން ގުޅި ނަމަވެސް ފޯނަށް ޖަވާބު ދީފައެއް ނުވެއެވެ.
މީގެ އިތުރުން އެތަން ތަރައްގީ ކުރުމުގެ މަސައްކަތް އެމްޑަބްލިޔުއެސްސީއާ ހަވާލު ކުރި ހައުސިން މިނިސްޓްރީ އަށް ގުޅުމުން ވެސް އެކަމުގެ މައުލޫމާތު ސާފްވާ ގޮތް ވަނީ ނުވެފައެވެ.
އެގޮތުން ހައުސިން މިނިސްޓްރީގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ މައުލޫމާތު ދެވޭނީ އެމްޑަބްލިޔުއެސްސީ އަށް ކަމަށެވެ. އަދި އެ މައުލޫމާތު އެމްޑަބްލިޔުއެސްސީ އަށް މެދުވެރިކޮށް ނުލިބުނު ކމަށް ރާއްޖެއެމްވީން ބުނުމުން ހައުސިން މިނިސްޓްރީގެ މީޑިއާ އޮފިޝަލް ވިދާޅުވީ މައުލޫމާތު ސާފް ކުރުމަށް ފަހު މަސައްކަތް ގޮސްފައިވާ ހިސާބު އަންގާނެ ކަމަށެވެ. ނަމަވެސް މިއަދާ ހަމައަށް ވެސް ހައުސިން މިނިސްޓްރީ އަށް އެ މައުލޫމާތު ދެވޭ ގޮތް ވަނީ ނުވެފައެވެ.
އެއްބަސްވުމުގައި ސޮއި ކުރެއްވުމަށް ފަހު އެމްޑަބްލިޔުއެސްސީގެ އެމްޑީ ފަޒުލް ވިދާޅުވެފައި ވަނީ ބީޗް ޕެވިލިއަން ހިންގަން ހުޅުވާލި ފުރުސަތުގައި އެންމެ ރަނގަޅު ޕްރޮޕޯސަލެއް ހުށަހަޅާފައި ވަނީ ބްރަދާސް ކޭޓަރިންނުން ކަމަށެވެ. މިދިޔަ އަހަރުގެ މެދުތެރޭގައި ނިންމައި ހުޅުވަން ބުނި ޕެވިލިއަންގެ މަސައްކަތް ލަސްވެގެން ދިޔައީ ބައެއް އިދާރީ މަސައްކަތްތައް ދިގުލައިގެން ދިޔުމުން ކަމަށް ފަޒުލް ވިދާޅުވެފައި ވެއެވެ.
ބްރަދާސް ކޭޓްރިންގެ އެމްޑީ ހުސެއިން ނިޔާޒު އޭރު ވިދާޅުވެފައި ވަނީ، ޕެވިލިއަންގެ ހިދުމަތް ދޭން ފަށާނީ ދުނިޔޭގެ މަޝްހޫރު ފްރެންޗައިޒްތަކަކާ އެކު ކަމަށެވެ. އެގޮތުން ފަށާއިރު ވެސް ކޭއެފްސީ އަދި ޕިއްޒާ ހަޓްގެ ހިދުމަތް އެތަނުން ލިބިގެންދާނެ ކަމަށެވެ. އޭގެ އިތުރަށް އެހެން މަޝްހޫރު ފްރެންޗައިޒްޗްތައް ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް ވިދާޅުވި އެވެ.
ޕެވީލިއަން ތަރައްގީކުރުމަށް ހަވާލުކޮށްފައިވާއިރު އެތަނުގެ ފަސްޓް ފްލޯގައި ކެފޭ އޭރިއާއެއް ހަދާނެ ކަމަށް ހައުސިން މިނިސްޓްރީން ވަނީ ބުނެފައެވެ. އަދި ތިރީގައި ފަސް ފާހަނަ ހިމެނޭ ގޮތަށް އިންޑޯ ޝަވާ އޭރިއާއަކާއި އާމުން އިށީންނާނެ ޖާގަތަކެއް ވެސް ގާއިމް ކުރާނާއި އަދި ކާއެއްޗެހި ވިއްކާ ފިހާރައެއް ވެސް ހުޅުވާނެ ކަމަށް ވަނީ ބުނެފައެވެ.
މީގެ އިތުރން ރަސްފަންނުގައި ޝޮޕިން މޯލަކާއި ހޮޓަލެއް ތަރައްގީ ކުރުމާ ގުޅޭ ގޮތުން 2016 ވަނަ އަހަރުގެ ޖޫން މަހުގެ 13 ވަނަ ދުވަހު ފިނޭންސް މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނެފައި ވަނީ މި ވަގުތު ރީޓެއިލް ވިޔަފާރިކުރަން ބޮޑު ޝޮޕިން މޯލެއް ނެތް ކަމަށާއި ހާއްސަކޮށް މަތީ ފެންވަރުގެ ބްރޭންޑުތަކުގެ ތަކެތި ވިއްކާ ފިހާރަތަކެއް ނެތް ކަމަށެވެ. އެ މިނިސްޓްރީން ބުނީ މާލޭގައި ދިރިއުޅޭ ބޮޑު އާބާދީއަށާއި މާލެ ޒިޔާރަތްކުރާ ޓޫރިސްޓުންނަށް އަމާޒުކޮށްގެން މަތީ ފެންވަރު ތަކެތި ވިއްކާ ފިހާރަތަކެއް ހިމެނޭ ގޮތަށް މަޝްރޫއެއް ހިންގަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. އަދި މި މަޝްރޫއުގެ ދަށުން ތަރައްގީކުރާ ޝޮޕިން މޯލާއި ހޮޓަލް ކުއްޔަށްދެނީ 50 އަހަރަށެވެ. މި ތަން ތަރައްގީކުރަނީ 70،000 އަކަފޫޓުގެ ސަރަހައްދެއްގަ އެވެ.
ސިންގަޕޫރުގެ މެރީނާ ބޭގެ ތަސްވީރު ރަސްފަންނާ މެދު ދެއްކި ނަމަވެސް އެއީ އަދި ކުރެހުމެކެވެ. ހަގީގަތަކަށް ވުމުގެ ކޮޅުމައްޗެއް ފެންނާކަށް ނެތެވެ. ސަރުކާރުން އެބުނާ ވަރުގެ ޝޮޕިން މޯލްތަކެއް ތަރައްގީކުރަން ބަޔަކު ޝައުގުވެރިވި ކަމެއް ނުވަތަ ނޫން ކަމެއް ވެސް އެނގޭކަށް ނެތެވެ. ޔަގީންވާ ކަމަކީ އެވަރުގެ ބިޔަ ތަނެއް ހެދުމުގެ ކުޑަވެސް ނިޝާނެއް އަދި ފެންނަން ނެތް ކަމެވެ. އޭގެ ބަދަލުގައި ފެންނަނީ ފެނުގެ ތެރޭގައި ހުރި ޕެވިލިއަންގެ އޮނިގަނޑު އެތަނަށް ވީރާނާވެ ކަރުތާފެނަށް ގެނބެމުންދާތެނެވެ. ފަހަރުގައި ރައީސް ޔާމީންގެ ވެރިކަމުގެ ދައުރުގެ ފަހު އަހަރު ގުނަމުންދާ އިރު ކުއްލިއަކަށް އެތަނުން ފާޅުވުން އެކަށީގެން ވެއެވެ.