ލެގޯއޭ ބުނުމުން އިތުރު ތައާރަފަކަށް ބޭނުން ނުވާނެކަން ގައިމެވެ. ކުޑަކުދިންނުން ފެށިގެން ބޮޑެތި މީހުންގެ މެދުގައިވެސް ލެގޯގެ މަގުބޫލުކަން އޮވެއެވެ. އެހެން ކަމުން މުހިންމު މެސެޖެއް ފޯރުކޮށްދިނުމަށް، ލެގޯއަކީ މުހިންމު މަސްދަރެއްގެ ގޮތުގައިވެސް ސިފަ ކުރެވިދާނެއެވެ. ދާދި ފަހުން އެފަދަ ކަމެއް މިސްރުގައި މި ވަނީ ކޮށްފައެވެ. ގްރޭންޑް އިޖިޕްޝަން މިއުޒިއަމްއަށް އެތައް ސަތޭކަ ކިޔަވާ ކުދިންނެއް ޖަމާވީ ލެގޯ ބްލޮކްސް ބޭނުން ކޮށްގެން، އިއާދަކުރުވަނިވި ހަކަތައިގެ ފަރުމާތައް ތައްޔާރުކުރުމަށެވެ.
ވައިން ހަކަތަ އުފައްދަން ބޭނުންކުރާ ޓަރބައިންތަކާއި، އިރުގެ އަވިން އުފައްދާ ހަކަތަ ބޭނުންކުރާ ކާރުތައް ތައްޔާރުކުރުމުގެ ފަންނުވެރިކަން ފެނިގެން ދިޔަ ލެގޯ ލީގް ޑިސްކަވަރ މުބާރާތުގައި، އުމުރުން އެންމެ 4 އަހަރާއި 6 އަހަރުގެ ކުދިން ވާދަކުރިއެވެ.
މި މުބާރާތުގެ މައިގަނޑު މަގުސަދަކަށް ވީ، ލެގޯ ސްޓްރަކްޗަރތައް ބޭނުންކޮށްގެން އިއާދަކުރުވަނިވި ހަކަތަ ރައްކާކޮށް، ފޯރުކޮށްދީ، އެއްތަނުން އަނެއް ތަނަށް އުފުލާނެ ގޮތްތަކަށް ހައްލު ހޯދުމެވެ.
ލެގޯ ލީގް ޑިސްކަވަރ މުބާރާތް ކުރިއަށް ދިޔައީ 400 ދަރިވަރުން 80 ޓީމަކަށް ބަހާލައިގެންނެވެ. ކޮންމެ ޓީމެއްގައިވެސް 5 ދަރިވަރުން ހިމެނުނުއިރު، މިސްރުގެ 9 ގަވަނަރޭޓުގެ ދަރިވަރުން ވާދަކުރިއެވެ. މުބާރާތުގެ މައިދާނަށް ހާޒިރުވުމުގެ ކުރިން ،އީޖާދަކާމެދު ޚިޔާލުކޮށް ތަމްރީނުވުމަށް ކޮންމެ ޓީމަކަށްވެސް 3 މަސް ދުވަހުގެ މުހުލަތެއް ދިނެވެ.
މި އަހަރުގެ ޝިއާރު އަމާޒު ކުރީ ހަކަތައަށް. އަދި ދެމެހެއްޓެނިވި ސާފު ހަކަތައިގެ ދާއިރާއިން ހައްލުތަކެއް ހޯދަން. އެ ހަކަތަ ރައްކާކޮށް، ފޯރުކޮށްދޭނެ ގޮތްތައް ހޯދަން. އަދި އެ ރައްކާކުރާނެ ގޮތްތަކެއް ހޯދަން. މިތާ އެބައުޅޭ 400 ދަރިވަރުން. ކޮންމެ ޓީމެއްގަ 5 ދަރިވަރުންނާއެކު، 80 ޓީމު އެބަ ވާދަ ކުރޭ. މިއަދު އެކުދިން އަހަރުމެންނަށް ދައްކާލާނީ މިދިޔަ 3 މަސްދުވަހު އެކުދިން ދަސްކުރި އެއްޗެއް. އަހަރުމެން މިތަނަށް އައިސް މި ތިބީ އެ ކުދިން އީޖާދުކުރި ހައްލުތައް ބަލާލަންއައިމަން އަލްގައްބާނީ؛ ލެގޯ ޗެމްޕިއަންޝިޕްގެ އޮފިޝަލެއް
މުބާރާތް އިންތިޒާމު ކުރުމުގެ ކަންކަމުގައި އިސްކޮށް ހުރި އައިމަން އަލްގައްބާނީ ފާހަގަކުރިގޮތުގައި، މި ހަރަކާތުގެ ސަބަބުން އެހެން ކުދިންނާ އެކުވެގެން ޓީމެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ ހުނަރު ދަސްވުމުގެ އިތުރުން، މައްސަލަތަކަށް ހައްލު ހޯދާނެ ހުނަރުވެސް ދަރިވަރުންނަށް ދަސްވެގެންދެއެވެ.
ލެގޯ ބްލޮކްސް ބޭނުން ކޮށްގެން އިއާދަކުރުވަނިވި ހަކަތައާބެހޭ އިތުރު ކަންކަން ދަސްކުރުމަށް، މީ އެކުދިންނަށް ލިބުނު ވަރަށް އާދަޔާ ޚިލާފު ފުރުސަތެއް. ޓަރބައިން ހަދާނެ ގޮތާ، އިއާދަކުރުވަނިވި ހަކަތައިގެ އެކި ކަހަލަ އެއްޗެހި އުފައްދަން އެކުދިން ދަސްކުރޭ. 5 އަހަރާ 7 އަހަރުގެ ކުދިންނަށް ބަލާއިރު، މީ ވަރަށް ރަނގަޅު ތަޖުރިބާއެއް. މި ހުރިހާ ކަމެއް ދަސްކޮށް، ކުރިއަށް އޮތް ތަނުގަ އިރާދަކުރެއްވިއްޔާ މުޖުތަމައާ މިކަންކަން ހިއްސާ ކުރެވިގެންދާނެ.ރަންދާ އަމީން؛ ލެގޯ ޗެމްޕިއަންޝިޕްގައި ބައިވެރިވި ކުއްޖެއްގެ މަންމަ
ގިނަ ބަޔަކު ލޯބިކުރާ ލެގޯ ބޭނުންކޮށްގެން ތިމާވެއްޓާމެދު ހޭލުންތެރިކަން އިތުރުކުރުމުގެ މަގުސަދުގައި ލެގޯ ލީގް ޑިސްކަވަރ މުބާރާތް ކުރިއަށް ގެންދިޔަ ގްރޭންޑް އިޖިޕްޝަން މިއުޒިއަމް ހުންނަނީ، ދުނިޔޭގެ އަޖައިބުތަކުގެ ލިސްޓުން ޖާގަހޯދާފައިވާ މިސްރުގެ އަހުރާމްތަކާ ޖެހިގެންނެވެ. ގްރޭންޑް އިޖިޕްޝަން މިއުޒިއަމް ރަސްމީކޮށް ހުޅުވާނެކަމަށް ލަފާކުރެވެނީ 2023 ވަނަ އަހަރުގެ ތެރޭގައެވެ.