ލެސްޓަރ ސިޓީގެ ބެލްޖިއަމް ޑިފެންޑަރ ވައުޓް ފާސް އަތުން ބައިކޮޅަށް ވަން ދެގޯލުން މޮޅުވެ, ލިވަޕޫލަށް ހަމަޖެހުމާއި އުއްމީދެއް ލިބިއްޖެއެވެ.
އިނގިރޭސި ޕްރިމިއަރ ލީގުގައި ލެސްޓަރ ސިޓީ އަތުން ލިވަޕޫލް 2-1 ން މޮޅުވީ, ލެސްޓަރ 1-0 ން ކުރީގައި ވަނިކޮށް ފުރަތަމަ ހާފްގެ ފަހު ހަތް މިނިޓްގެ ތެރޭގައި ވައުޓް ފާސް އަތުން ބައިކޮޅަށް ވަން ދެ ގޯލުންނެވެ. މެޗު ފަށައިގެން ހަތަރު ވަނަ މިނިޓްގައި ފުރަތަމަ ލަނޑު ޖަހާ ކުރި ހޯދީ ލެސްޓަރ ސިޓީންނެވެ. އެޓީމަށް ކުރި ހޯދައިދިނީ ޑިއުސްބެރީ ހޯލްއެވެ. އުނދަގޫ މޮޅާއެކު ލިވަޕޫލަށް ލިބުނު ހިތްހަމަޖެހުމަކީ ގަދަހަތަރަކާ ދެމެދު އޮތް ފަރަގު ދެ ޕޮއިންޓަށް ކުޑަވުމެވެ. މިވަގުތު ހަތަރު ވަނައިގައިއޮތް ޓޮޓެންހަމް އޮތީ 30 ޕޮއިންޓާއެކުއެވެ. ލިވަޕޫލް ހަ ވަނައިގައި އޮތީ 28 ޕޮއިންޓާއެކުއެވެ. ލެސްޓަރ ސިޓީ އޮތީ 13 ވަނައިގައެވެ.
ލީގުގައި ބްރެންޓްފޯޑް ވަނީ 2-0 ން ވެސްޓް ހޭމް ބަލިކޮށް, ތާވަލްގެ ނުވަވަނައަށް ޖެހިލާފައެވެ. އެއީ 23 ޕޮއިންޓާއެކުއެވެ.