ވަރލްޑް ކަޕަށް މެދުކަނޑާލިއިރު އޮތް ފޯމްގައި ޕްރިމިއަރ ލީގު ތާވަލްގެ އެއްވަނާގައި އޮތް އާސެނަލް ފަށައިފިއެވެ.
އިނގިރޭސި ޕްރިމިއަރ ލީގުގައި މިސީޒަންގައި ބޮޑު ތަފާތެއް ދައްކަމުން އައި އާސެނަލް އޮތީ ވަރލްޑް ކަޕަށް ލީގު މެދުކަނޑާލިއިރުވެސް އެއްވަނާގައެވެ. އަލުން ލީގު ފަށައިގެން އާސެނަލް ކުޅުނު ފުރަތަމަ މެޗުގައި ވަނީ 3-1 ން ވެސްޓް ހޭމް ޔުނައިޓެޑް ބަލިކޮށް, ކުރިން އޮތް ފޯމް ދަމަހައްޓާފައެވެ. މެޗުގައި އާސެނަލްއިން ތިން ލަނޑު ޖަހާ މެޗު ކާމިޔާބުކުރީ 27 ވަނަ މިނެޓުގައި ޕެނަލްޓީއަކުން ވެސްޓް ހޭމް ކުރި ހޯދާފައިވަނިކޮށެވެ. ޕެނަލްޓީ ކާމިޔާބުކުރީ ބެން ރަހުމާއެވެ. ދެވަނަ ހާފް ސަށައިގެން އަށް ވަނަ މިނެޓުގައި އާސެނަލްއަށް ނަތީޖާ ހަމަހަމަކޮށްދިނީ ސަކާއެވެ. އޭގެ ހަތަރު މިނެޓު ފަހުން ކުރި ހޯދައިދިނީ މާޓިނެލީއެވެ. އަދި ތަފާތުބޮޑުކޮށްދިނީ އެންކެޓިއާއެވެ. އާސެނަލްގެ ފުރަތަމަ ލަނޑާއި ފަހު ލަނޑު ޖަހަން ފުރުޞަތު ތަނަވަސްކޮށްދިނީ ކެޕްޓަން އޮޑެގާޑެވެ.
މެޗުން މޮޅުވެ އާސެނަލް އެއްވަނާގައި ހަތް ޕޮއިންޓްގެ ލީޑެއް ނެގިއިރު ލިބުނު އެންމެ ބޮޑު ހިތްހަމަޖެހުމަކީ އެޓީމްގެ ކުރީގެ ކޯޗު އާސެން ވެންގާ އެމިރޭޓްސް ސްޓޭޑިއަމްގައި އިނދެ ޓީމަށް ހިތްވަރު ދިނުމެވެ. މެޗަށްފަހު ކޯޗު އާޓެޓާ ބުނީ އާސެން ވެންގާ އަދިވެސް އިތުރު ވަގުތު ޓީމާއެކު ހޭދަކުރާނެކަމަށް އުއްމީދުކުރާކަމަށެވެ. ވެންގާއަކީ އާސެނަލްއަށް އެންމެ ފަހުން ލީގު ހޯދައިދިން ކޯޗެވެ.