ކ. މާލެ
|
26 ޑިސެންބަރ 2022 | ހޯމަ 17:47
ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީނަށް ޓިކެޓް ހަވާލުކުރަނީ
ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީނަށް ޓިކެޓް ހަވާލުކުރަނީ
ޕީޕީއެމް
މަގޭ ރިޕޯޓް
ޔާމީނަށް އިއްވި ޖަލު ހުކުމާއެކު ޕީޕީއެމްގެ ރިޔާސީ ޓިކެޓްގެ ބަހުސް
އަބްދުﷲ ޔާމީނަށް އިއްވި 11 އަހަރުގެ ޖަލު ހުކުމާއެކު މިވަނީ އިންތިޚާބުގައި ވާދަކުރެއްވުމުގެ ޝަރުތެއް އުނިވެފައި
ޕީޕީއެމްގެ ލީޑަރޝިޕުން ބުނަމުން އަންނަނީ ޕީޕީއެމްގެ ރިޔާސީ ޓިކެޓަށް ބަދަލެއް ނާންނާނެ

އިދިކޮޅު ރިޔާސީ ކެންޑިޑޭޓް ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އިއްވި 11 އަހަރުގެ ޖަލު ހުކުމާއެކު މިވަނީ އިންތިޚާބުގައި ވާދަކުރެއްވުމުގެ ޝަރުތެއް އުނިވެފައެވެ. އެމަނިކުފާނުގެ މައްޗަށް ދައުވާކުރި މަނީލޯންޑަރިންގ އާއި ރިޝްވަތުގެ ދައުވާ ސާބިތުވެ ޖިނާއީ ހުކުމެއް އިއްވާފައިވާއިރު ގާނޫނު އަސާސީގެ 109 ވަނަ މާއްދާގެ ޅ ން އަންނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު މިވަނީ ޔާމީނަށް ގެއްލިފައެވެ. އިންތިހާބުގައި ވާދަކުރުމުގެ ޝަރުތުތައް ކަނޑައަޅާފައިވާ އެ މާއްދާގައިވާ ގޮތުން ޖިނާއީ ކުށެއް ކުރިކަން ސާބިތުވެގެން އެއް އަހަރަށް ވުރެން ދިގު މުއްދަތެއްގެ ހުކުމެއް ކޮށްފައިވާ މީހަކުނަމަ، އެ ހުކުމް ތަންފީޒުކޮށް ނިމުނުތާ ނުވަތަ އެ ހުކުމުން ކަނޑައެޅުނު އަދަބު މާފު ކުރެވުނުތާ ތިން އަހަރު ވާން ޖެހޭނެއެވެ.

ޔާމީނަށް މީގެކުރިންވެސް 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމުގެ ފުރުސަތު ގެއްލުނެވެ. އެއީ އެމްއެމްޕީއާރުސީގެ ހިޔާނާތާއި ގުޅިގެން އޭރު ކުރެވުނު ފަސް އަހަރުގެ ޖަލު ހުކުމާއެކުއެވެ. ނަމަވެސް އެދައުވާ ސްޕްރީމް ކޯޓުން ބާތިލުކުރުމާއެކު ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު އެމަނިކުފާނަށް ލިބިވަޑައިގަތެވެ. އަދި އޭގެފަހުން ޕީޕީއެމް/ޕީއެންސީން ވަނީ ބޮޑު ޖަލްސާއެއް ބާއްވާ ހުރިހާ ދާއިރާއެއް ތަމްސީލުކުރާ މެމްބަރުންގެ އަތުން ރައީސް ޔާމީނަށް ރިޔާސީ ޓިކެޓް އަރުވާފައެވެ. ޓިކެޓް އެރުވިއިރުވެސް ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީލޯންޑަރިންގ އާއި ރިޝްވަތުގެ ދައުވާގެ ޝަރީޢަތް ކޯޓުގައި ދިޔައީ ހިނގަމުންނެވެ. އެންމެފަހުން އެދައުވާތައް ސާބިތުވެ އެމަގު ބަންދުވިނަމަވެސް އަދި މިއީ މިވަގުތަށް މަންޒަރު ފެންނަގޮތެވެ. އެމައްސަލަ އިސްތިއުނާފުކޮށްގެން ޔާމީނަކީ މައުސޫމް ބޭފުޅެއްކަމަށް ކަނޑައެޅުމުގެ ފުރުސަތު އަދިވެސް އެބައޮތެވެ. އަދި 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް އެމަނިކުފާނަށް ވާދަކުރުމުގެ ފުރުސަތު ލިބިވަޑައިގަންނަވާފާނެއެވެ.

ނަމަވެސް މިއީ އަދި ކުރެވޭ އުންމީދުތަކެކެވެ. ވަކިން ޚާއްސަކޮށް ޕީޕީއެމް/ޕީއެންސީގެ މެމްބަރުންނާއި ޔާމީންގެ ސަޕޯޓަރުންގެ އެއުންމީދު ވަރަށް ބޮޑެވެ. އެއީ ޔާމީނާއި ޔާމީންގެ ސަޕޯޓަރުންނަށް ގަބޫލުކުރެވޭ ގޮތުގައި 2023 ވަނަ އަހަރު އެޕާޓީއަށް ވެރިކަން ލިބޭނެއެވެ. ކެންޑިޑޭޓަކީ ރައީސް ޔާމީނެވެ. ނަމަވެސް މިހާރުގެ ހާލަތަށް ވާހަކަދައްކާނަމަ އެމަގު އަދި އޮތީ ބަންދުވެފައެވެ. އެހެންކަމުން ޕީޕީއެމްގެ ލީޑަރޝިޕުން ކިތަންމެ އެވާހަކަ ދައްކަން ބޭނުންނުވިއަސް އަދި އެކަމަށް އާންމުންގެ ތެރޭގައި ބަހުސްކުރަން ބޭނުންނުވިއަސް ނުވަތަ އެވާހަކަތަކުގެ އަޑު މަޑުކުރަން ބޭނުންވިއަސް ޕީޕީއެމްގެ ރިޔާސީ ޓިކެޓަށް ދެން ވާނެ ގޮތުގެ ބަހުސްތައް ހިނގާނެއެވެ. އެވާހަކަތައް ދައްކާނެއެވެ.

އެއް ނަޒަރިއްޔާއިން ވިސްނާނަމަ އެވާހަކަތައް ނުދެއްކުމަކީވެސް ލިބޭނެ ގެއްލުމެކެވެ. އެއީ އިންތިޚާބު އަންނަނީ ބޯމަތިވަމުންނެވެ. އިސްތިއުނާފުގެ މަރުހަލާ ކޯޓުގައި ހިނގަން ވަގުތުނަގާނެއެވެ. އެމުއްދަތުގެ ތެރޭގައިވެސް ޕީޕީއެމްގެ ލީޑަރޝިޕުގެ ބޭފުޅުން އަޑަށް ބާރުލައްވާފައި މިހާރުވެސް ވިދާޅުވަމުން ގެންދަވާ ޕީޕީއެމްގެ ރިޔާސީ ޓިކެޓަށް ބަދަލުނާންނާނެކަމަށް ވިދާޅުވާ ވިދާޅުވުން ތަކުރާރުކުރެއްވަމުން ދަނިކޮށް ޔާމީނަށް ކްރިމިނަލް ކޯޓުން އިއްވި 11 އަހަރުގެ ޖަލު ހުކުމް ސްޕްރީމް ކޯޓުން ދަމަހައްޓައިފިނަމަ އެހިސާބުން އެހެން ގޮތެއް ހޯދަން މަޖުބޫރުވާނެއެވެ. ސްޕްރީމް ކޯޓުން ޔާމީން މައުސޫމްކަމަށް އެއް ފަހަރު ކަނޑައަޅާފައިވުމުން ދެންވެސް އެގޮތަށް ކަނޑައަޅާނެކަމަށް އުންމީދުކޮށްގެން ތިއްބާ އެނޫން ގޮތަކަށް މަންޒަރު ބަދަލުވެގެންވެސް ހިނގައިދާނެއެވެ.

އެހެންކަމުން ހަގީގަތުގައި ޕީޕީއެމްގެ ރިޔާސީ ޓިކެޓަކީ ޕްލޭން އޭ ގެ އިތުރުން ޕްލޭން ބީ އާއި ޕްލޭން ސީ ކިޔަމުންގޮސް އަކުރުތައް ހުސްވާވަރަށް ޕްލޭން އޮންނަންޖެހޭ ވަރުގެ ކަމެކެވެ. އެމްޑީޕީ އަށްފަހު އެންމެ ބޮޑު ސިޔާސީ ފިކުރަކީ ޕީޕީއެމް އެވެ. އެފިކުރުގެ ރިޔާސީ ކެންޑިޑޭޓަކު ރިޔާސީ އިންތިޚާބަށް ނުނެރުމަކީ ވޯޓުލާން ނިކުންނަ އާބާދީގެ ބޮޑު ބަޔަކަށް މާޔޫސްކަން ވެރިކުރުވާނެ ކަމެކެވެ. ޕީޕީއެމްގެ ރިޔާސީ ޓިކެޓަކީ ޔާމީނޭ ޔާމީނަކީ ޕީޕީއެމްގެ ރިޔާސީ ޓިކެޓޭ ކިޔާލަ ކިޔާލަ ތިބެވޭވަރަށްވުރެ ސިޔާސީ މަޝްރަހުގައި ޕީޕީއެމްގެ ކުރިމަގު އޮންނާނެ ގޮތާއިމެދުވެސް މިކަމާ ގުޅުންތަކެއް އެބަހުއްޓެވެ. މިވަގުތު އެވާހަކަ ޕީޕީއެމްގެ ލީޑަރޝިޕުން ފާޅުގައި ދައްކަން ބޭނުންނުވިއަސް އެ ބަހުސްތަކާއި އެވިސްނުންތަކަކީ ޕީޕީއެމްގެ ލީޑަރޝިޕުގެ ތެރޭގައިވެސް ކުރެވޭނެ ބަހުސްތަކެކެވެ. މިހާތަނަށް ތިލަވެފައިވާ މައުލޫމާތުތަކަށް ބަލާލާއިރު އެމްޑީޕީއަށް ވަމުންދާ ގޮތް ބަލައި ފިލާވަޅު ލިބިގެން ޔާމީން ނޫން އެހެން ކެންޑިޑޭޓެއް ޕީޕީއެމުން ނުނެރުމަކީވެސް އެކަށީގެންވާކަމެކެވެ. މާނައަކީ ޔާމީން އަށް އިއްވި ހުކުމް އިސްތިއުނާފު މަރުހަލައިން ދަމަހައްޓައިފިނަމަ ޕީޕީއެމް އިން ރިޔާސީ އިންތިޚާބަށް ކެންޑިޑޭޓަކު ނުނެރޭގޮތަށް ފަހަތަށް ޖެހިދާނެއެވެ. އެއީ ރާއްޖޭގައި އަބަދުވެސް ސިޔާސީ ޕާޓީތަކުގައި ކަން ހިނގާގޮތުގެ މަތިން އެކެއްގެ ވަށައިން ހުރިހާ އެންމެން އެނބުރޭ ސަގާފަތުގެ ދަށުންނެވެ.

- ކޮމެންޓް