އަފްޣާނިސްތާނުގައި ވެރިކަން ކުރާ ތާލިބާނުންގެ އެންގުމަށް އެ ގައުމުގެ ޔުނިވަރސިޓީތައް އަންހެން ކިޔަވާ ކުދިންނަށް ބަންދުކުރެވިފައިވާކަން ހަޔަރ އެޑިޔުކޭޝަން މިނިސްޓަރުގެ ސިޓީއަކުން އާންމުކޮށް އިއުލާނުކޮށްފިއެވެ. މިބަދަލު ގެނެވުނީ އެހެން ގޮތަކަށް އަންގަންދެން ކަމަށާއި އަދި ވަގުތުން ބަދަލަށް އަމަލު ކުރަން ފަށަން ޖެހޭ ކަމަށް ސިޓީގައި މިނިސްޓަރު ވިދާޅުވެފައިވެއެވެ.
މިގެނެވުނު ބަދަލާއެކު އަފްޣާނިސްތާނުގެ އަންހެން ކުދިންނަށް މަތީ ތައުލީމަށް އިތުރު ހުރަހެއް އެޅުނީއެވެ. މިހާރުވެސް ގިނަ ސެކަންޑަރީ ސްކޫލްތައްވެސް ވަނީ އަންހެން ކުދިންނަށް ބަންދުކޮށްފައެވެ.
މީގެ ތިން މަސް ކުރިން އެތައްހާސް އަންހެން ކުދިންވަނީ ޔުނިވަރސިޓީ އެންޓްރަންސް އެގްޒޭމް ހަދާވެސްފައެވެ. ނަމަވެސް ކުދިންނަށް ކުރިޔަށް ދެވޭނެ ދާއިރާތައް ވަނީ ވަރަށް ބޮޑަށް ހަނިކޮށްފައެވެ. މިގޮތުން ޖަރނަލިޒަމް ނުވަތަ ނޫސްވެރިކަން އެއްގޮތަކަށްވެސް ނުކިޔެވޭ ގޮތަށް އޮތްއިރު، ޖަނަވާރުންނަށް ފަރުވާ ކުރުމުގެ އިލްމާއި އެންޖިނިއަރިންގ، އިކޮނޮމިކްސް އަދި އެގްރިކަލްޗަރ ވެސް ހިމެނެނީ އަންހެނުންނަށް ނުކިޔެވޭނެ މާއްދާތަކުގެ ތެރޭގައެވެ.
ތާލިބާނުން މިދިޔަ އަހަރު އަފްޣާނިސްތާނުގެ ވެރިކަމާ ހަވާލުވި ހަމައިން ޔުނިވަރސިޓީތަކުގައި ވަނީ އަންހެން ކުދިންނާއި ފިރިހެން ކުދިންނަށް ވަކި ކްލާސްރޫމްތައް ހަމަޖައްސައި އަދި ޔުނިވަރސިޓީތަކަށް ވަދެނުކުމެ ހެދުމަށް ވެސް ވަކި ދޮރުތަކެއް ހަމަޖައްސާފައެވެ. މީގެ އިތުރުން އަންހެން ކުދިންނަށް ކިޔަވާ ދެވޭނީ ހަމައެކަނި އަންހެން ޓީޗަރުން ނުވަތަ އުމުރުން ދުވަސްވީ ފިރިހެން ޓީޗަރުންނަށް ކަމަށް ވަނީ އަންގާފައެވެ.
ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައި ހަމައިން އެ ގައުމުގެ ތައުލީމީ ދާއިރާގެ ކަންތައް ވަނީ ވަރަށް ބޮޑަށް ގޯސްވެގެން ގޮސްފައެވެ. އަދި އެ ގައުމުގައި ތިބި އެމެރިކާ ސިފައިން ފޭބި ހަމައިން ވަރަށް ގިނަ އަދަދެއްގެ ޓީޗަރުން ވަނީ ގައުމު ދޫކޮށް އެހެން ގައުމުތަކަށް ހިޖުރަކޮށްފައެވެ.
އަފްޣާނިސްތާނުގެ އިގްތިސާދު ވެސް ފަހަކަށް އައިސް ބިނާވެފައި އޮތީ ބޭރުގެ އެހީ ދޭ ފަރާތްތަކުގެ އެހީގެ މައްޗަށެވެ. އަންހެން ކުދިންނަށް ސެކަންޑަރީ ސްކޫލްތައް ބަންދުކުރި ހަމައިން އެހީ ދޭ އޭޖެންސީތަކުން ތައުލީމީ ދާއިރާއަށް ވަމުން އައި އެހީ ވަނީ ހުއްޓާލާފައެވެ. ނުވަތަ މަދުކޮށްފައެވެ. މިކަމުގެ ސަބަބުން މިހާރު ތިބި ގިނަ ޓީޗަރުންނަށް ވެސް މުސާރަ ނުދީ އެތައް މަހެއް ދާކަމަށް ވެއެވެ.
ތާލިބާން ސަރުކާރުން އެންމެ ފަހުން މި އެޅި ފަޔަވަޅާ ގުޅިގެން ބައިނަލްއަގުވާމީ މުޖުތަމައުގެ ކަންބޮޑުވުން އިތުރުވެގެން ދާނެއެވެ.
އަފްޣާނިސްތާނުގެ އަންހެނުންގެ ތައުލީމުގެ ކަންތައް ރަނގަޅު ކުރުމުން މެނުވީ ތާލިބާނުންގެ ސަރުކާރު ރަސްމީކޮށް ބަލައިނުގަންނާނެ ކަމަށް އެމެރިކާ އާއި ހުޅަނގުގެ އެހެން ގައުމުތަކުން ވަނީ ބުނެފައެވެ.
ޕާކުތަކުގައި އިސްލާމީ ގާނޫނާ ޚިލާފު ކަންކަން ހިނގާކަމަށް ބުނެ މިދިޔަ ނޮވެމްބަރު މަހު ތާލިބާން ސަރުކާރުން ވަނީ އަންހެނުން ޕާކުތަކަށް ދިޔުން ވެސް މަނާކޮށްފައެވެ.