ކ. މާލެ
|
18 ޑިސެންބަރ 2022 | އާދީއްތަ 17:33
އީރާންގެ މުޒާހަރާ
އީރާންގެ މުޒާހަރާ
އޭއެފްޕީ
އީރާންގެ މުޒާހަރާ
އީރާންގައި ސަރުކާރާ ދެކޮޅު މުޒާހަރާތައް އަދިވެސް ކުރިއަށްދަނީ
މިފަހަރުގެ މުޒާހަރާތަކުގައި މިހާތަނަށް 458 މީހުން ވަނީ މަރުވެފައި

އީރާންގައި ސަރުކާރާ ދެކޮޅަށް ކުރަމުން ގެންދާ މުޒާހަރާތައް ފުޅާވަމުންގޮސް, އެންމެ އިރު ދެކުނުގެ ސިސްތާން-ބަލޮޗިސްތާން ޕްރޮވިންސާ ހަމައަށް ފޯރައިފިއެވެ. މުޒާހަރާތައް ކުރަމުންދާތާ ހަތަރުވަނަ މަހަކަށް އެޅިފައިވާއިރު، އަފްޣާނިސްތާނާއި ޕާކިސްތާނާ އިންވެގެން އޮންނަ ސިސްތާން ބަލޮޗިސްތާން ޕްރޮވިންސްގެ ޒާހިދާންގައި ހުކުރު ދުވަހު އެތައް ހާސް ބަޔަކު އެއްވެ ސަރުކާރާ ދެކޮޅަށް މުޒާހަރާކޮށްފައި ވެއެވެ. މިހިސާބުގައި މީގެ ކުރިންވެސް ވަނީ ސަރުކާރާދެކޮޅު މުޒާހަރާތައް ވަރަށް ބޮޑަށް ކުރިއަށްގެންގޮސްފައެވެ. އެއީ ފުލުސް އޮފިސަރަކު 15 އަހަރުގެ އަންހެން ކުއްޖަކު ރޭޕްކުރި މައްސަލައިގައެވެ. އެފަހަރުގެ މުޒާހަރާތަކުގައި 90ށްވުރެ ގިނަ މީހުން މަރުވެފައި ވެއެވެ.

މިފަހަރުގެ މުޒާހަރާތައް ކުރިއަށްދަނީ ފުލުހުން ހައްޔަރުކުރި 22 އަހަރުގެ އަންހެނެއް ކަމަށްވާ މަހްސާ އަމީނީ ފުލުހުންގެ ހައްޔަރުގައި ހުއްޓާ މަރުވުމާ ގުޅިގެންނެވެ. އޭނާގެ އާއިލާއިން ބުނަނީ މަހްސާ މަރުވީ ފުލުހުން އޭނާގެ ބޮލަށް އަނިޔާ ކުރުމުގެ ސަބަބުން ކަމުގައެވެ.

މުޒާހަރާތަކުގައި ބައިވެރި ވުމުގެ ގޮތުން ޖަރމަނީގައި ދިރިއުޅެމުން އަންނަ އީރާންގެ ހަތް މީހުން ވަނީ 24 ދުވަސް ވަންދެން ބަޑުހައިހޫނުކަމުގެ ހަޅުތާލެއްވެސް ކޮށްފައެވެ.

އީރާން ހިއުމަން ރައިޓްސް ބުނާގޮތުގައި ޑިސެމްބަރ 7 ވަނަ ދުވަހާ ހަމަޔަށް މުޒާހަރާތަކުގައި މަދުވެގެން 458 މީހުން ވަނީ މަރުވެފައެވެ. މީގެ ތެރޭގައި 63 ކުޑަކުދިންނާއި 29 އަންހެނުން ހިމެނެއެވެ. އެތައްހާސް ބަޔަކު ވަނީ ހައްޔަރު ކޮށްފައެވެ.

މުޒާހަރާތަކާ ދެކޮޅަށް ސަރުކާރުން އަޅަމުން ގެންދާ ހަރުކަށި ފިޔަވަޅުތައް ބޭރުގެ ގައުމުތަކާ ޖަމާއަތްތަކުން ގެންދަނީ ކުށްވެރި ކުރަމުންނެވެ. އަދި އަންހެނުންގެ ހައްގުތަކާބެހޭ އދ.ގެ ކޮމިޝަނަކުން ބުދަ ދުވަހު އީރާން ވަނީ ވަކިވެސް ކޮށްފައެވެ.

މުޒާހަރާތަކާ ގުޅިގެން ހައްޔަރުކުރެވުނު މީހުންގެ ތެރެއިން ދެމީހުންނަށް މިހާރު ވަނީ މަރުގެ އަދަބުވެސް ދީފައެވެ. އެއީ 23 އަހަރުގެ ދެ ޒުވާނުންނެވެ.

އެމްނެސްޓީ އިންޓަރނޭޝަނަލްއިން ހުކުރު ދުވަހު ވަނީ އީރާނުން އަދިވެސް އިތުރު 26 މީހަކަށް މަރުގެ އަދަބު ދީފާނެކަމުގެ ބިރު އެބައޮތް ކަމަށް ބުނެފައެވެ. ލަންޑަންގައި މަރުކަޒު ހުންނަ އެމްނެސްޓީން ފާހަގަކޮށްފައިވާ ގޮތުގައި އީރާނަކީ ޗައިނާ ފިޔަވައި ދެން އެންމެ ގިނައިން މީހުންނަށް މަރުގެ އަދަބު ދޭ ގައުމެވެ.

- ކޮމެންޓް