މިނިވަން ނޫހުގެ ނޫސްވެރިޔާ އަހްމަދު ރިލްވާން އަބްދުﷲގެ މަރާ ރައީސް އަބްދުﷲ ޔާމީންއާ ގުޅުވައި، މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގު ކުރާ ކޮމިޝަންގެ މެންބަރު މިސްބާހް އައްބާސް ދެއްކެވި ވާހަކައާ ގުޅިގެން އޭނާގެ މައްޗަށް އަބުރުގެ ދައުވާކުރާނެކަމަށް ޔާމީންގެ ވަކީލުންގެ ޓީމުން ބުނެފިއެވެ.
މަރު ކޮމިޝަނުން ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ ރިލްވާން މަރާލި މައްސަލައިގެ ތަފްސީލީ މައުލޫމާތުތަކެއް ހާމަކޮށްފައެވެ. ނޫސްވެރިންގެ ބައްދަލުވުމުގައި މިސްބާހު ވިދާޅުވީ، ރިލްވާން މަރާލި މައްސަލައިގައި ތުހުމަތު ކުރެވޭ ތ. އޮމަދޫ މުހައްމަދު މުނާޒު، ސީރިއާއަށް ފުރީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުގައްޔޫމްގެ އެހީތެރިކަމާއެކުގައި ކަމަށް މަރު ކޮމިޝަނަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.
މި މައްސަލައިގަ ތުހުމަތު ކުރެވޭ ތ. އޮމަދޫ މުހައްމަދު މުނާޒު އޭރުގެ ރައީސުލްޖުމްހޫރިއްޔާއާ ބައްދަލުކޮށް އޭނާގެ ބައިވެރިވުން ނުހިމެނޭ ގޮތަށް، އަހުމަދު ރިޟްވާން އަބްދުﷲ ގަދަކަމުން ކާރަކަށް ލައިގެން ގެންގޮސް މަރާލުމުގައި ބައިވެރިވި މީހުންނާއި އެކަން ކުރިގޮތް ކިޔައިދީފަވާ ކަމަށް ކޮމިޝަނަށް މައުލޫމާތު ލިބިފައިވޭ އަދި އޭނާ ސީރިއާއަށް ފުރައިގެން ގޮސްފައި ވަނީ އޭރުގެ ރައީސުލްޖުމްހޫރިއްޔާގެ އެހީތެރިކަމާއެކުކަން ވެސް ތަހުގީގަށް އެނގިފައިވޭ،މިސްބާހު އައްބާސް / މަރު ކޮމިޝަންގެ މެންބަރު
އޭނާ ވިދާޅުވީ އެ މައުލޫމާތު ކޮމިޝަނާ ހިއްސާކުރި ފަރާތަކީ މުނާޒާ ވަރަށް ގާތް އަދި މުނާޒު ސީރިއާގައި ހުރެގެން އެމީހުންނާއި ބައިވެރިވެ ހަނގުރާމަ ކުރުމަށް ސީރިއާއަށް ދާން ރެކްރޫޓް ކުރަން އުޅުނު މީހެއް ކަމަށެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި މިސްބާހު ދެއްކެވި ވާހަކަތަކާއި ގުޅިގެން ޔާމީންގެ ވަކީލުންގެ ފަރާތުން ނެރުނު ބަޔާނުގައި ބުނީ ރިލްވާންގެ މަރާ ރައީސް ޔާމީނާ ގުޅުވައި ދެއްކި ވާހަކަތަކުގައި އެއްވެސް ހަގީގަތެއް ނެތް ކަމަށެވެ.
މިސްބާހް އައްބާސް ދެއްކި ވާހަކަތަކަކީ މީހަކު އެހެން މީހަކު ގާތު ބުނި ކަމަށް އެމީހާ ދެއްކި ކަމަށް ބުނެ، ބުނި ބުންޏަށް ދައްކާފައިވާ އެއްވެސް އަސްލެއް ނެތް ޔޯލަ ވާހަކަތަކެއްކަން ޚުދު މިސްބާހް އައްބާސްގެ ވާހަކައިންވެސް އެނގެއެވެ،ޔާމީންގެ ވަކީލުންގެ ފަރާތުން ނެރުނު ބަޔާން
ރައީސް ޔާމީންގެ ވަކީލުން ތުހުމަތު ކުރެއްވީ އެއީ އަންނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި އެމަނިކުފާނު ވާދަކުރައްވާތީ، އެމަނިކުފާނުގެ މަގުބޫލުކަން ކުޑަކުރުމަށް، ވަކި ފަރާތެއްގެ ސިޔާސި މަންފާއަކަށް މިސްބާހު ދެއްކެވި ވާހަކަ ކަމަށެވެ.
ޔާމީނުގެ އަބުރު ނަގާލުމަށްޓަަކައި މިސްބާހް އައްބާސް ކަނޑައެޅިގެން ހަގީގަތާ ޚިލާފު ދޮގު ވާހަކަތަކެއް ދައްކާފައިވާތީ ޔާމީންގެ އަބުރު ނަގައިލުމުގެ ދައުވާ މިސްބާހް އައްބާސްއާ ދެކޮޅަށް ކުރުމަށް ޓަކައި މައްސަލައިގެ ދައުވާ ފޯމު މިހާރު ތައްޔާރު ކުރަމުންދާ ކަމަށާއި މިކަމުގައި އަޅަން ޖެހޭ ގާނޫނީ އެންމެހައި ފިޔަވަޅެެއް ލަސްކުރުމެއް ނެތި އަޅަމުންދާނެކަމަށް ބަޔާނުގައިވެއެވެ.
މަރު ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ރައީސް ޔާމީނާއި މުނާޒް ބައްދަލުކުރި ކަމަށް ބާރުދޭ ވާހަކަތަކާ ގުޅޭ ގޮތުން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މިސްބާހު ވަނީ، 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ތެރޭގައި ރިލްވާން މަރުވެފައިވާ ކަމަށް ވަރަށް ޔަގީންކޮށް ރައީސް ޔާމީން ވިދާޅުވިކަން ފާހަކުރައްވާފައެވެ. އަދި މުނާޒް، ރައީސް ޔާމީނާ ބައްދަލުކުރި ކަމުގެ މައުލޫމާތު އެއް ފަރާތަށް ވުރެ ގިނަ ފަރާތުން ލިބުނު ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އެ ބައްދަލުވުމުގައި، ދައުލަތުގެ އިސްވެރިންނާއި ގޭންގުތަކާ އޮތް ގުޅުމާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން މަރު ކޮމިޝަންގެ ރައީސް ފަރީޝާ އަބްދުﷲ ވިދާޅުވީ، 2014 ވަނަ އަހަރުން ފެށިގެން ގިނަ އަދަދެއްގެ ޒުވާނުންގެ ކުށުގެ ރެކޯޑު ފޮހެދީފައިވާ ކަމަށެވެ. އަދި އެފަދަ ޒުވާނުން ރިހެބިލިޓޭޓް ކުރުމަކާ ނުލައި އެމީހުންނަށް ސަރުކާރުގެ ތެރެއިންނާއި ސަރުކާރުގެ ހިއްސާ އޮންނަ އެހެނިހެން ކުންފުނިތަކުން ވަޒީފާ ދިން ކަމަށް އޭނާ ވިދާޅުވިއެވެ.