ރާއްޖޭގެ ކުޅިވަރު ނޫސްވެރިންނާއެކު ދުނިޔޭގެ އެންމެ އިތުބާރުހުރި ކުޅިވަރު ނޫސްވެރިޔާ ފެބްރީޒިއޯ ރޮމާނޯ ޚާއްސަ ފުޓްސަލް މެޗެއް ކުޅެފިއެވެ.
ރާއްޖޭގެ ކުޅިވަރާއި ބެހޭ ވަޒީރު އަހްމަދު މަހްލޫފްގެ އިސްނެންގެވުމާއެކު ރޭވި މި މެޗު ކުޅުނީ ހޯމަ ދުވަހުގެ ހަވީރު ކްރޮސް ރޯޑް ރިސޯޓުގައެވެ. ރާއްޖެ އައިސް ފެބްރީޒިއޯ ޗުއްޓީ ހޭދަ ކުރަމުންދަނީ އެރިސޯޓުގައެވެ. މި މެޗުގައި ރާއްޖޭގެ ގިނަ އަދަދެއްގެ ކުޅިވަރު ނޫސްވެރިން ބައިވެރިވިއެވެ. އަދި މިނިސްޓަރ މަހްލޫފްވެސް ކުޅުއްވިއެވެ.
މި މެޗަށްފަހު ދިން އިންޓަވިއުއެއްގައި ފެބްރީޒިއޯ ވަނީ ކުޅިވަރު ނޫސްވެރިއެއްގެ ގޮތުގައި އޭނާގެ ތަޖުރިބާ ރާއްޖޭގެ ކުޅިވަރު ނޫސްވެރިންނާއި ހިއްސާކޮށްފައެވެ. އަދި މޮޅު ކުޅިވަރު ނޫސްވެރިއަކަށް ވުމަށްޓަކައި ކޮންމެހެން ހުންނަޖެހޭނެ ސިފަތަކުގެ ވާހަކަވެސް ހިއްސާކުރިއެވެ.
މީގެ އިތުރުން މިފަހަރުގެ ވޯލްޑް ކަޕާއި ގުޅޭ ގޮތުންވެސް ފެބްރީޒިއޯ ވާހަކަދެއްކިއެވެ. އޭނާ ބުނީ މިފަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކުރާނެ ކަމަށް ގަބޫލުކުރެވެނީ އާޖެންޓީނާ ކަމަށެވެ. އެއީ މުބާރާތުގެ ފެށުން އެހާ ރަނގަޅު ނޫން ނަމަވެސް މިހާރު އެޓީމުން ދައްކަމުން އަންނަ ކުޅުމަށް ބަލާފައިކަމަށް ފެބްރީޒިއޯ ބުންޏެވެ.
ފެބްރީޒިއޯ ބުނީ އޭނާ ދެވަނަ ފަހަރަށް ރާއްޖެއަށް ޒިޔާރަތްކުރީ ރާއްޖޭގެ މާހައުލު ކަމުދާތީ ކަމަށެވެ. އަދި ހުރިހާ އެންމެނަކީވެސް ވަރަށް ގުޅިގެން ގާތުން މަސައްކަތްކުރާ ބައެއްގެ ގޮތުގައި އޭނާ ފާހަގަކުރިއެވެ. ފެބްރީޒިއޯ އެންމެ ފުރަތަމަ ރާއްޖެ އައީ މިނިސްޓަރ މަހްލޫފްގެ ދައުވަތަކަށް މޯލްޑިވްސް ސްޕޯޓްސް އެވޯޑަށެވެ.