ދިވެހިރާއްޖެ އަށް ކެމިކަލް އެތެރެކުރާ ފަރާތްތަކުން، ވިއްކާ ކެމިކަލްގެ މައުލޫމާތު ހިމެނޭ ރިޕޯޓު ޑިސެމްބަރު މަހުގެ 11 ވަނަ ދުވަހުން ފެށިގެން 60 ދުވަހުގެ ތެރޭގައި ޑިފެންސް މިނިސްޓްރީއަށް ހުށަހެޅުމަށް އެ މިނިސްޓްރީން އެދެފިއެވެ.
ދިވެހިރާއްޖެ އަށް ކެމިކަލް އެތެރެކުރާ ފަރާތްތަކުން އެތެރެކުރާ ކެމިކަލް ވިއްކުމާގުޅޭ ގޮތުން ޑިފެންސް މިނިސްޓްރީން ކޮށްފައިވާ އިއުލާނުގައި ވަނީ ނުރައްކާތެރި ކެމިކަލާއިބެހޭ ގަވާއިދުގެ ދަށުން ދިވެހިރާއްޖެ އަށް ކެމިކަލް އެތެރެކުރާ ފަރާތްތަކުން، އެތެރެކުރާ ކެމިކަލް ވިއްކުމަށްޓަކައި "ކެމިކަލް ވިއްކުމުގެ ހުއްދަ" ނެގުމަށް ހަނދާންކޮށްދީފައެވެ.
ނުރައްކާތެރި ކެމިކަލާއިބެހޭ ގަވާއިދު 2019 ގެ 7 ވަނަ މާއްދާ ދަށުން ދިވެހިރާއްޖެ އަށް ކެމިކަލް އެތެރެކުރާ ފަރާތްތަކުން، އެތެރެކުރާ ކެމިކަލް ވިއްކަންވާނީ ޑިފެންސް މިނިސްޓްރީން "ކެމިކަލް ވިއްކުމުގެ ހުއްދަ" ނަގައިގެންނެވެ. އަދި އެ މާއްދާގެ (ބ) ގެ ދަށުން، ކެމިކަލް ވިއްކާ ފަރާތްތަކުން ކެމިކަލް ވިއްކާގޮތުގެ ތަފްސީލު ގަވާއިދުގެ ޖަދުވަލު 5 ގައިވާ ފޯމާއި އެއްގޮތަށް ބަލަހައްޓަން ވާނެކަމަށް ބަޔާންކޮށްފައިވެއެވެ. އަދި މި ގަވާއިދުގެ 15 ވަނަ މާއްދާގެ ދަށުން މި ރިކޯޑުތަކުގެ ކޮޕީ ހިމެނޭ ރިޕޯޓެއް ކޮންމެ 6 މަހަކުން އެއްފަހަރު ޑިފެންސް މިނިސްޓްރީއަށް ފޮނުވަންވާނެކަމަށް އެގަވާއިދުގައި ބުނެފައިވެއެވެ.
2019 ވަނަ އަހަރު ނުރައްކާތެރި ކެމިކަލާބެހޭ ގަވާއިދު ޑިފެންސް މިނިސްޓްރީން އެކުލަވާލީ އެއަހަރުގެ ސެޕްޓެމްބަރު މަހު ހިނގާދިޔަ ނުރައްކާތެރި އަލިފާނުގެ ހާދިސާއާ ގުޅިގެންނެވެ. އެ ގަވާއިދުގެ ދަށުން ކެމިކަލް ރައްކާކޮށްފައި ހުންނަ ގުދަން ހުންނަންވާނީ މީހުން ދިރިއުޅޭ ތަންތަނާއި ދުރުގައި ކަމަށް ވަނީ ބަޔާންކޮށްފައެވެ. އަދި ކެމިކަލް ގެންގުޅޭ ފަރާތްތަކުން މި ގަވާއިދާ އެއްގޮތަށް ޢަމަލުކުރޭތޯ ބެލުމަށްޓަކައި، މިނިސްޓްރީއަށް ފެނިއްޖެ ހިނދެއްގައި، ކެމިކަލް ރައްކާކޮށްފައި ހުންނަ ތަންތަން އިންސްޕެކްޓް ކުރުމުގެ އިޚްތިޔާރު މިގަވާއިދުގެ ދަށުން ޑިފެންސް މިނިސްޓްރީއަށް ލިބިދީފައިވެއެވެ.
2019 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހު ހިނގި އަލިފާނުގެ ހާދިސާ އާ ގުޅިގެން ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ އޭރު ވިދާޅުވެފައިވަނީ މާލޭގައި މީހުން ދިރިއުޅޭ ސަރަހައްދުގައި 82 ކެމިކަލް ގުދަން ހުރިއިރު، މީހުން ދިރިއުޅޭ ގެތަކާއި އިންވެގެން 96 ގުދަން ހުރި ކަމަށެވެ. އަދި މިގަވާއިދު ހަދާ އަމަލުކުރަން ފެށިފަހުން މާލޭގައި މީހުން ދިރިއުޅެމުން އައި ތަންތަނުގައި ހުރި ކެމިކަލް ގުދަން ތަން މާލެއިން ބޭރު ކުރަން ފެށިއެވެ.