ކ. މާލެ
|
12 ޑިސެންބަރ 2022 | ހޯމަ 11:05
އެންޓިބަޔޯޓިކް ބޭސް
އެންޓިބަޔޯޓިކް ބޭސް
ވަޔަން
އެންޓިބަޔޯޓިކް ލިބުން ދަތިވުން
އެންޓިބަޔޯޓިކް ލިބުން ދަތިވެ ޑޮކްޓަރުންގެ ކަންބޮޑުވުން
އެންޓިބަޔޯޓިކް ދީގެން ފަރުވާ ކުރަންޖެހޭ ލޭގެ އަދި އެހެންވެސް އިންފެކްޝަންފަދަ އާންމު ބަލިތައް އިތުރު ވެފައިވާ ކަމަށް 2020 ވަނަ އަހަރު 87 ގައުމަކުން ރިޕޯޓުކޮށްފައިވޭ

އެންޓިބަޔޯޓިކް އުފެއްދުމާއި އެ ބޭހުގެ ވިޔަފާރީގައި ސަޕްލައި ޗެއިންގެ ގޮންޖެހުންތަކެއް ކުރިމަތިވެ ޔޫރަޕުގެ އެތައް ގައުމަކުން އެންޓިބަޔޯޓިކްގެ ބައެއް ބާވަތްތައް ލިބުން ދަތިވެފައިވާ ކަމަށް ޚަބަރު ލިބިއްޖެއެވެ. އެއާއެކު އެންޓިބަޔޯޓިކް އަށް އޮތް ޑިމާންޑުވަނީ އިތުރުވެގެން ގޮސްފައެވެ.

ވޯލްސްޓްރީޓް ޖަރނަލްގައިވާ ރިޕޯޓަކާ ހަވާލާދީ  ވިއޯން ޗެނެލުން ބުނާގޮތުން ގައުމުތަކުން ލިބެމުންދާ ޑޭޓާ ދައްކާގޮތުން ފުޅާ ދާއިރާއެއްގައި ބޭނުން ކުރަމުންދާ އެންޓިބަޔޯޓިކްގެ ތެރެއިން އެމޮކްސިސިލިން އަދި ސެފަލޮސްޕޮރިންގެ ބާވަތްތައް ވަނީ ލިބުން ވަރަށް ބޮޑަށް ދަތިވެފައެވެ.

އެ ގައުމުތަކުގެ ސިއްހީ އިދާރާތަކާ އަދި ބޭސް އުފައްދާ ފަރާތްތަކުން ބުނާ ގޮތުގައި މި މައްސަލަ މިވަގުތު ކުރިމަތިވެގެން މިއުޅެނީ ކޮވިޑް 19 އަށް ފަހު، ޚާއްސަކޮށް ރައްކާތެރިކަމުގެ ފިޔަވަޅުތައް ދޫކޮށްލުމުން ތަފާތު ބަލިތައް ގިނަވެފައިވާތީއެވެ. މިގޮތުން ކަންފަތުގެ އިންފެކްޝަންތަކާއި ނިއުމޯނިއާ ފަދަ ބަލިތަކަށް ފަރުވާ ކުރުމަށް ބޭނުންވާ ވަރަށްވެސް އެންޓިބަޔޯޓިކް ނުލިބިދާނެ ކަމުގެ ކަންބޮޑުވުން ޑޮކްޓަރުންގެ އެބައޮތް ކަމަށް ވެއެވެ.

ޔޫރަޕްގެ ގިނަ ބޭސް މެނުފެކްޗަރުން، ބޭސް އުފެއްދުމަށް ބޭނުންވާ ގިނަ ބައިތައް އެތެރެކުރަނީ ޗައިނާއިންނެވެ. އެހެން ކަމުން ކޮވިޑް19 އާ ދެކޮޅަށް ޗައިނާގައި އަޅާފައިއޮތް ރައްކާތެރިކަމުގެ ފިޔަވަޅުތައް މިހާރު ދޫކުރަން ފަށާފައިވުމުން އެ ގައުމުގައި ވެސް ބަލިތައް ގިނަވެ، ސަޕްލައި ޗޭނަށް ވަރަށް ބޮޑަށް ބުރޫ އަރާފައިވެއެވެ.

މީގެ އިތުރުން ރަޝިޔާ ޔޫކްރެއިން ހަނގުރާމައިގެ ސަބަބުން ތެޔޮ ލިބުން ދަތިވެފައިވުމުން ވެސް މަތީ ހަކަތަ ބޭނުންވާ، ބޭސް އުފައްދާ ޕްލާންޓުތަކުގެ އުފެއްދުން ދަށަށް ގޮސްފައިވާ ކަމަށް ވެއެވެ.

ޑިސެމްބަރު 9 ވަނަ ދުވަހު ޑަބްލިއުއެޗްއޯ އިން ނެރުނު ރިޕޯޓަކާ ހަވާލާދީ ވިއޯން ނިއުސް ބުނާގޮތުން އެންޓިބަޔޯޓިކް ދީގެން ފަރުވާ ކުރަންޖެހޭ ލޭގެ އަދި އެހެންވެސް އިންފެކްޝަން ފަދަ އާންމު ބަލިތައް އިތުރުވެފައިވާ ކަމަށް 2020 ވަނަ އަހަރު 87 ގައުމަކުން ރިޕޯޓުކޮށްފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 13 ގަޑިއިރު ކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް