ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ ފީފާގެ ފަރާތުން ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯއަށް ހީރޯއެއްގެ ދަރަޖައިގައި ފެއާވެލްއެއް ދީފިއެވެ.
ފީފާ ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލުގައި މޮރޯކޯ އަތުން ޕޯޗުގަލް ބަލިވީ 1-0ންނެވެ. މޮރޯކޯގެ ހަމައެކަނި ލަނޑު އެޓީމުން ޖެހީ މެޗުގެ ފުރަތަމަ ހާފުގައެވެ. އޭރު ރޮނާލްޑޯ ކުޅެން ނާރުވައެވެ. ރޮނާލްޑޯ ދަނޑަށް ނުކުތީ ޓީމު ބަލިވެފައި ވަނިކޮށް ދެވަނަ ހާފުގައެވެ. ޓީމު މޮޅުކޮށްދެން އޭނާއަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރިއެވެ.
ނަމަވެސް މެޗުން ބަލިވުމާއެކު އޭނާ ވަނީ ހިތާމައިގައި ރޮމުން ދަނޑުން ނުކުމެގެން ގޮސްފައެވެ. މިއާއެކު ގިނަ ބައެއްގެ ފާޑުކިއުންތަކެއް ރޮނާލްޑޯއަށް އަމާޒުވީ ޓީމު ސެމީ ފައިނަލަށް ގެންގޮސް ނުދެވުނު ކަމަށް ބުނެއެވެ. ގިނަ އަދަދެއްގެ އިދިކޮޅު ސަޕޯޓަރުން އޭނާއަށް މަލާމާތްކުރިއެވެ.
ޓީމު ސެމީ ފައިނަލަށް ގެންގޮސް ނުދެވުނު ނަމަވެސް ރޮނާލްޑޯއަކީ ދުނިޔޭގައި މިހާތަނަށް އުފެދުނު އެންމެ މޮޅު އެއް ކުޅުންތެރިޔާއެވެ. މުބާރާތުން ކެޓުމާއެކު ފީފާއިން ވަނީ އޭނާއަށް ޚާއްސަ ފެއާވެލް ވީޑިއޯއެއް ފީފާގެ ޓްވިޓާގައި އާންމުކޮށްފައެވެ. ރޮނާލްޑޯގެ ރަން ޒަމާނުގެ މަންޒަރުތައް އެވީޑިއޯގައި ހިމަނާފައިވެއެވެ. އަދި ފުޓްބޯޅައިގައި އޭނާ ދެއްކި މޮޅު ކުޅުމާއި ނަމޫނާއަށް ޝުކުރުއަދާކޮށްފައިވެއެވެ.
މުބާރާތުން ކެޓި ނަމަވެސް ރޮނާލްޑޯ ވަނީ ގައުމީ ޓީމަކަށް އެންމެ ގިނަ މެޗު ކުޅެދިން މިސްރުގެ ބަދްރުލް މުތާވާގެ ރެކޯޑާއި އަރާ ހަމަކޮށްފައެވެ. ބަދްރު ވަނީ މިސްރުގެ ޤައުމީ ޓީމަށް 196 މެޗު ކުޅެދީފައެވެ. ރޮނާލްޑޯ މި އަދަދާއި އަރާ ހަމަކުރިއިރު، އޭނާ ވަނީ މިހާތަނަށް ފަސް ވޯލްޑް ކަޕް މުބާރާތުގައި ކުޅެފައެވެ.