ފީފާ ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުން ޖަރުމަނު ކެޓުމުން ހައިރާންވިކަމަށް, ދުނިޔޭގައި އުފެދުނު އެންމެ މޮޅު އެއް ކުޅުންތެރިޔާ ލިއޮނެލް މެސީ ބުނެފިއެވެ.
މެސީ ބުނީ ދުނިޔޭގެ ފުޓްބޯޅައިގެ އެންމެ މަތީ ފަންތީގައި ގުނާލެވޭ އެތަކެއް ބައިވަރު ކުޅުންތެރިންނާއި މޮޅެތި ޒުވާން ކުޅުންތެރިންތަކަކާއެކު މުބާރާތާ ކުރިމަތިލި ޖަރުމަނު، ގްރޫޕް ސްޓޭޖުން ކެޓުމުން ހައިރާންވި ކަމަށެވެ. އަދި މިކަމުން ދައްކުވައިދެނީ މިފަހަރުގެ މުބާރާތުގެ ވާދަވެރިކަންކަމަށް މެސީ ބުންޏެވެ. މި މުބާރާތުގައި މުހިންމީ ނަން ހިނގާ ބޮޑެތި ގައުމުތައް ނޫންކަމަށާއި، ދަނޑުމަތީގައި ދައްކާ ކުޅުމާއި ނެރޭ ނަތީޖާކަންވެސް މެސީ ފާހަގަކުރިއެވެ.
މީގެ އިތުރުން މެސީ ވަނީ، މުބާރާތުގައި އޭނާގެ ޓީމާ ބެހޭގޮތުންވެސް ވާހަކަ ދައްކާފައެވެ. މެސީ ބުނީ އާޖެންޓީނާއަކީ މުބާރާތުގެ އެންމެ ވަރުގަދަ ޓީމުތަކުގެ ލިސްޓުގައި އަބަދުވެސް ހިމެނޭ ޓީމެއްކަމަށާއި މިފަހަރުވެސް ކަން އޮތީ އެހެން ކަމަށެވެ. ނަމަވެސް ޓީމުން އެކަން ދައްކަން ޖެހޭނީ ދަނޑުމަތީގައިކަން ފާހަގަކޮށް މެސީ ބުނީ، އޮސްޓްރޭލިއާ މެޗުގައިވެސް މަސައްކަތްކުރީ އެކަން ދެއްކުމަށް ކަމަށެވެ.
މުބާރާތުގެ ގަދަ 16ގައި އޮސްޓްރޭލިއާގެ މައްޗަށް އާޖެންޓީނާ ކުރިހޯދީ 2-1ންނެވެ. މެޗުގެ ފުރަތަމަ ލަނޑު ޖަހައި އާޖެންޓީނާއަށް ހިތްވަރު ހޯދައިދިނީ ކެޕްޓަން މެސީއެވެ. ކުއާޓަރ ފައިނަލުގައި އާޖެންޓީނާ ވާދަކުރަން ޖެހޭނީ ނެދަލެންޑްސްއާއެވެ.
މިފަހަރުގެ މުބާރާތް ކާމިޔާބުކުރާނެ ކަމަށް އެންމެ ބޮޑަށް ބެލެވޭ އެއް ގައުމަކީ ބްރެޒިލް ކަމަށް މެސީ ބުންޏެވެ. ބްރެޒިލް ޓީމުން މިފަހަރުގެ މުބާރާތުގައި ދައްކަމުން އަންނަ މޮޅު ކުޅުން ފާހަގަކޮށް މެސީ ބުނީ، ކެމަރޫން އަތުން ބަލިވި ނަމަވެސް މުބާރާތުގެ އެންމެ ބޮޑު އެއް ފޭވަރިޓުންނަކީ ބްރެޒިލް ކަމަށެވެ. މީގެ އިތުރުން ފްރާންސާއި ސްޕެއިންއަކީވެސް މިފަހަރުގެ މުބާރާތް ކާމިޔާބު ކުރެވިދާނެ ޓީމުތަކުގެ ގޮތުގައި މެސީ ފާހަގަކުރިއެވެ.