ކ. މާލެ
|
4 ޑިސެންބަރ 2022 | އާދީއްތަ 20:55
އީރާންގެ މަހްސާ އަމީނީ
އީރާންގެ މަހްސާ އަމީނީ
ގެޓީ އިމޭޖަސް
އީރާންގެ މޯރަލިޓީ ޕޮލިސް އުވާލުން
އީރާންގައި މައްސަލަ ބޮޑުވި "މޯރަލިޓީ ޕޮލިސް" އުވާލަނީ
މުޒާހަރާތަކާގުޅިގެން ހައްޔަރުކުރެވުނު މީހުންގެ މައްޗަށް ޝަރީއަތް ކުރެވި، ބައެއް މީހުންނަށް މަރުގެ ހުކުމްވެސް އިއްވާފައިވޭ

އީރާންގައި ރައްޔިތުން ހެދުން އަޅަނީ އިސްލާމީ އުސޫލުތަކާއެއްގޮތަށްކަން ޔަގީންކުރުމުގެ މަސްއޫލިއްޔަތު އޮންނަ ފުލުހުންގެ ގޮފިކަމަށްވާ "މޯރަލިޓީ ޕޮލިސް" އުވާލަން ނިންމާފައިވާކަމަށް އެގައުމުގެ އެޓަރނީ ޖެނެރަލް ވިދާޅުވެއްޖެއެވެ. އާދީއްތަ ދުވަހު އޮތް ހަރަކާތެއްގައި ވާހަކަފުޅުދައްވަމުން އެޓަރނީ ޖެނެރަލް، މުހައްމަދު ޖައުފަރު މުންތަޒިރީ ވިދާޅުވީ، މޯރަލިޓީ ޕޮލިހަކީ ޖުޑީޝަރީގެ ބައެއް ނޫންކަމަށާއި، އަދި މިހާރު އެޔުނިޓް އުވާލުމުގެ ޕްރޮސެސް ފަށާފައިވާކަމަށެވެ. މީގެ އިތުރުން މޯރަލިޓީ ފުލުހުންނަކީ އިންޓީރިއަރ މިނިސްޓްރީގެ ދަށުގައިވާ ބައެއްކަމަށްވެސް އޭނާ ވިދާޅުވެފައި ވެއެވެ.

އީރާން ސަރުކާރުން މިފިޔަވަޅު އަޅާފައި މިވަނީ، 22 އަހަރުގެ ކުރުދީ އަންހެނެއްކަމަށްވާ މަހްސާ އަމީނީ މޯރަލިޓީ ފުލުހުންގެ ބެލުމުގެދަށުގައި ހުއްޓައި ކުއްލިއަކަށް މަރުވުމާ ގުޅިގެން އެކަމާ އިހްތިޖާޖް ކުރުމުގެ ހަރަކާތްތަކެއް ފެށި، މުޅި އީރާނަށް ފުޅާވަމުންދާ ދަނޑިވަޅެއްގައެވެ. މަހްސާ ހައްޔަރުކުރީ ބުރުގާ އަޅަންޖެހޭ ގޮތް ނޫން ގޮތަކަށް އަޅާފައި ހުރުމުން ކަމަށް ބުނެއެވެ.

ސެޕްޓެމްބަރ 16 ވަނަ ދުވަހު ކުއްލި ގޮތަކަށް މަހްސާ މަރުވުމުން، އޭނާ މަރުވީ ފުލުހުން އޭނާއަށް ކުރި އަނިޔާގެ ސަބަބުންކަމަށް މަހްސާގެ އާއިލާއިން ވަނީ ތުހުމަތު ކޮށްފައެވެ. ނަމަވެސް ފުލުހުން ބުނަނީ މަހްސާ މަރުވީ ހާރޓްއެޓޭކެއް ޖެހިގެން ކަމަށެވެ.

މަހްސާގެ ކުއްލި މަރާގުޅިގެން އީރާންގައި މުޒާހަރާތައް ހޫނުވެ، ބޭރުގެ ގައުމުތަކުންވެސް ސަރުކާރާ ދެކޮޅަށް ދަނީ ފިޔަވަޅުތައް އަޅަމުންނެވެ.

ސަރުކާރާ ދެކޮޅަށް މުޒާހަރާކުރި އެތައްހާސް ބަޔަކު ވަނީ ހައްޔަރުކޮށްފައެވެ. އަދި މީގެތެރެއިން އެއްހާސް މީހުންގެ މައްޗަށް ހުޅުވާލެވިފައިވާ ޝަރީއަތެއްކޮށް، ބައެއް މީހުންނަށް މަރުގެ ހުކުމްވެސް އިއްވާފައިވެއެވެ.

އީރާންގެ ޕާރލަމަންޓްގައި ވާހަކަފުޅު ދައްކަވަމުން މުންތަޒިރީ ހޮނިހިރު ދުވަހު ވިދާޅުވިކަމަށް ޚަބަރުތައް ބުނާގޮތުގައި، އީރާންގައި އަންހެނުން ބުރުގާ އަޅަން މަޖްބޫރުކަމަށް ބުނާ ގާނޫނު ބަދަލު ކުރުމާމެދުވެސް ސަރުކާރުން ދަނީ ވިސްނަމުންނެވެ.  

- ކޮމެންޓް