ކ. މާލެ
|
4 ޑިސެންބަރ 2022 | އާދީއްތަ 21:27
ބްރެޒިލްގެ ތަރި ނޭމާ
ބްރެޒިލްގެ ތަރި ނޭމާ
ރޮއިޓާސް
ފީފާ ވޯލްޑް ކަޕް
ކޮރެއާ މެޗަށް ނޭމާ ފިޓް: ޓީޓޭ
ނޭމާ ބޭނުން ކުރާނީ އެއްވެސް ސިއްހީ މައްސަލައެއް ނެތްނަމަ
ބްރެޒިލް ޓީމުގައި އަނިޔާގެ މައްސަލަތައް ގިނަ

ފީފާ ވޯލްޑް ކަޕްގެ ދެވަނަ ބުރުގައި ސައުތު ކޮރެއާ އާއި ބައްދަލުކުރާ މެޗަށް ޓީމުގެ ތަރި ނޭމާ ފިޓްވާނެ ކަމަށް ބްރެޒިލްގެ ކޯޗު ޓީޓޭ ބުނެފިއެވެ.

ނޭމާއަށް ވަނީ މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުގައި އަނިޔާވެފައެވެ. ސާބިއާ އަތުން 2-0ން ބްރެޒިލް މޮޅުވި މެޗުގައި ނޭމާގެ ކުޑަ ހުޅަށް އަނިޔާވުމާއެކު އޭނާ ވަނީ ބަދަލުކޮށްފައެެވެ. އޭގެ ފަހުން 1-0ން ސްވިޒަލެންޑްގެ މައްޗަށް ކުރިހޯދި މެޗާއި، ހައިރާން ކުރުވަނިވި ގޮތަކަށް ކެމަރޫން އަތުން ބަލިވި މެޗުގައި ނޭމާއަށް ނުކުޅެވެއެވެ.

މީގެ ކުރިންވެސް ނޭމާގެ ކުޑަހުޅަށް ގިނަ އަނިޔާތަކެއް ލިބިފައިވެއެވެ. އެއަނިޔާތަކާއި ގުޅިގެން މީގެ ހަތަރު އަހަރު ކުރިން ނޭމާ އޮޕަރޭޝަނެއްވެސް ކުރިއެވެ.

ގަދަ 16ގެ މެޗަށް ނޭމާ ފިޓްވާނޭތޯ ކުރެވުނު ސުވާލަށް ޖަވާބުދެމުން ޓީޓޭ ބުނީ ކޮރެއާ މެޗަށް ނޭމާ ހުރީ ފިޓްކޮށް ކަމަށެވެ. އަދި އާދީއްތަ ދުވަހު އޮންނަ ޓީމުގެ ފަރިތަކުރުމުގައި ނޭމާ ރަނގަޅަށް ކުޅެފި ނަމަ ކޮރެއާ މެޗުގައި ނޭމާ ބޭނުންކުރާނެ ކަމަށެވެ.

މީގެ އިތުރުން ޓީޓޭ ބުނީ އޭނާގެ ވިސްނުމަކީ ފުރަތަމަ 11އަށް އެންމެ ރަނގަޅު ޓީމު ނެރުން ކަމަށެވެ. އަދި ނޭމާ ބޭނުންކުރާނީ އޭނާގެ އެއްވެސް ސިއްހީ މައްސަލައެއް ނެތްކަން ކަށަވަރު ކުރުމަށްފަހު ކަމަށްވެސް ޓީޓޭ ބުންޏެވެ. ނޭމާގެ އަނިޔާއިން ސަލާމަތްވުމަށް އޭނާ ކުރާ މަސައްކަތާއި ޓީމުގެ އެހެން ކުޅުންތެރިންނާއި މެޑިކަލް ޓީމުގެ ފަރާތުން ނޭމާއަށް ލިބޭ އެހީތެރިކަން ޓީޓޭ ފާހަގަކުރިއެވެ.

މުބާރާތުގެ ދެވަނަ ބުރަށް ކުރިމަތިލާއިރު، ބްރެޒިލްގައި އަނިޠާގެ މައްސަލަތައް ގިނައެވެ. އެގޮތުން ސްވިޒަލެންޑާއި ބައްދަލުކުރި މެޗުގައި ޑެނީލޯ އާއި އަލެކްސް ސަންޑްރޯއަށްވެސް ވަނީ އަނިޔާވެފައެވެ. މީގެ އިތުރުން ކެމަރޫން މެޗުގައި ގަބްރިއެލް ޖީސަސް އަދި އަލެކްސް ޓެލެސްއަށް ލިބުނު އަނިޔާގެ ސަބަބުން މި ދެކުޅުންތެރިންނަށް މުބާރާތުގައި އިތުރު އެއްވެސް މެޗެއް ނުކުޅެވޭނެއެވެ. ޓީޓޭ ބުނީ ކޮރެއާ މެޗަށް ޑެނީލޯވެސް ފިޓް ކަމަށާއި ނަމަވެސް ސަންޑްރޯއަށް އެމެޗުގައި ނުކުޅެވޭނެ ކަމަށެވެ.

ބްރެޒިލް އާއި ކޮރެއާ ބައްދަލުކުރާ މެޗު އޮންނާނީ ހޯމަ ދުވަހުގެރޭ ރާއްޖެ ގަޑިން ދަންވަރު 12 ޖަހާއިރުއެވެ.

- ކޮމެންޓް