އއ. އުކުޅަހުގައި އެމްއެންޑީއެފުން ޕެރޭޑް ބާއްވައިފިއެވެ.
އުކުޅަހުގެ ކައުންސިލުގެ އެދުމަކަށް އެ ރަށުގައި ހޮނިހިރު ދުވަހުގެ ހަވީރު އެމްއެންޑީއެފުން ބޭއްވި ޕެރޭޑުގެ ހަރަކާތް، މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޒާ މާރިޔާ އަހުމަދު ދީދީއާއި، ޗީފް އޮފް ޑިފެންސް ފޯރސް މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލް ވަނީ ބައްލަވާލައްވާފައެވެ. މިނިސްޓަރުގެ އަރިހުގައި އެމްއެންޑީއެފް މެރިން ކޯރގެ ކޮމަޑާންޓް، ބްރިގޭޑިއަރ ޖެނެރަލް ވައިސް ވަހީދާއި، އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑްގެ ކޮމާންޑަރ، ކާނަލް އަހުމަދު ޣިޔާސްއާއި، ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމްގެ އިތުރުން އުކުޅަހު ކައުންސިލްގެ މެންބަރުން ބައިވެރިވެވަޑައިގަތެވެ. މީގެ އިތުރުން އުކުޅަހު ސްކޫލް ދަރިވަރުންނާއި، އުކުޅަހުގެ ގިނަ އަދަދެއްގެ އާންމު ރައްޔިތުންވެސް މިއަދުގެ ޕެރޭޑު ބެލުމަށް މަގުތަކަށް ނުކުތެވެ.
އޭގެތެރޭގައި ގިނަ އަދަދެއްގެ ކުޑަކުދިންވެސް ހިމެނެއެވެ. އުކުޅަހުގައި މިއަދު ޕެރޭޑް ކުރިއަށްދިޔަ ވަގުތުތަކުގައި އެމްއެންޑީއެފް އާޓްސް އެންޑް ސެރެމޯނިއަލް ސަރވިސްގެ މިލިޓަރީ ބޭންޑުގައި ވަނީ ރާގު ކުޅެފައެވެ. ޕެރޭޑް ހުއްޓާފައިވާ ސަރަހައްދުތަކުގައި ބޭންޑުން ރާގު ކުޅެމުންދިޔައިރު ކުޑަކުދިން ވެސް ބޭންޑާއެކު ބައިވެރިވެ، ތަރުހީބުދީފައިވެއެވެ.
އެމްއެންޑީއެފުން ބާއްވާ މިލިޓަރީ ޕެރޭޑަކީ ވަރަށް ގިނަ ރައްޔިތުންގެ ތަރުހީބު ލިބެމުންދާ، އަދި އެ ހަރަކާތްތައް ބަލާލުމަށް ބޭނުންވާ ހަރަކާތެކެވެ. އެމްއެންޑީއެފްގެ ޕެރޭޑްތައް އާންމުކޮށް ބާއްވަމުންދަނީ މާލޭގައި ނަމަވެސް، ފަހަކަށް އައިސް އަތޮޅުތަކުގެ ރަށްރަށުގައި ޕެރޭޑްތައް ބޭއްވުން ވަނީ އިތުރުކޮށްފައެވެ. އެމްއެންޑީއެފްގެ ލީޑަރޝިޕުގެ ވިސްނުން ހުރީ، ވަގުތު ލިބުނު ވަރަކުން މި ފަދަ ހަރަކާތްތައް ޖަޒީރާވަންތަ ރާއްޖޭގައި ދިރިއުޅޭ ރައްޔިތުންނާ ކައިރިއަށް ގެންގޮސް، ގިނަ ބަޔަކަށް މި ހަރަކާތްތައް ދައްކާލުމެވެ.