ޗައިނާގެ ކޮމިޔުނިސްޓު ޕާޓީގެ ކުރީގެ ލީޑަރު އަދި ރައީސް ޖިއާންގ ޒެމީން އަވަހާރަވެއްޖެއެވެ. ޖިއާންގ ޒެމީން އުމުރުފުޅުން 96 އަހަރުގައި އަވަހާރަވެފައިވަނީ ލުކީމިޔާ އަދި މަލްޓިޕްލް އޯގަން ފެއިލިއަރއިން ކަމަށް، ބުދަދުވަހު ސްޓޭޓް މީޑިއާއިން ބުނެފައިވެއެވެ. އަވަހާރަވިއިރު އަނބިކަނބަލަކާއި ދެފިރިހެން ބޭފުޅުންނާއި ކާފަ ވިދާޅުވާ ދެބޭފުޅުން އެބަތިއްބެވިއެވެ.
1989ގައި ހިނގި ޓިއަނަންމަން ލޭއޮހޮރުވުމަށްފަހު ދުނިޔޭގެ ނަފްރަތާއި ފުރައްސާރައިން ޗައިނާ ސަލާމަތްކޮށް، ޗައިނާ އަލުން ބައިނަލްއަގުވާމީ ދުނިޔެއާ ގުޅުވުމުގައި ޖިއާންގ ޒެމީން މުހިންމު ދައުރެއް އަދާކުރައްވާފައިވެއެވެ. އަދި ޗައިނާ މިއަދު ދެކޭ އިގްތިސާދީ ކުރިއެރުމުގެ ފަހަތުގައި ވެސް ވާ އެންމެ މުހިންމު އެއް ބޭފުޅަކީ ޖިއާންގކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ.
ކުރިން ސިޔާސީ މައިދާނުން މާބޮޑަށް މީހުން ނުދަންނަ ޖިއާންގއަށް ޕާޓީގެ ލީޑަރުކަން ލިބިވަޑައިގަތީ އޭރުގެ ސުޕްރީމް ލީޑަރު ޑެންގ ޒިއާއު ޕިންގގެ ނިންމެވުމަކަށެވެ. ފުރަތަމަ ވަގުތީ ބަދަލެއްކަމަށް ގިނަ ބަޔަކަށް ހީވިނަމަވެސް ޖިއަންގ މަގާމާ ހަވާލުވެވަޑައިގެންނެވުމަށްފަހު ޕާޓީ އާއި އަދި މުޅި ޗައިނާއަށް ވެސް ބޮޑެތި ބަދަލުތަކެއް ގެންނަވަން ފައްޓަވައި، މަގާމުގައި ފައިތިލަ ހަރުކުރެއްވިއެވެ. ހުޅަނގުގެ ސަގާފަތަށް އިހްތިރާމް ކުރެއްވުމާއެކު، ޗައިނާގެ ޕޮލިޓިކަލް ސިސްޓަމް ހަނދުމަފުޅުގައި ބެހެއްޓެވިއެވެ. މިގޮތުން ޑެންގ ޒިއާއު ޕިންގގެ އުސޫލުތައް ތަންފީޒްކުރައްވަމުން ގެންދެވުމާއެކު، އޭނަ އަމިއްލަފުޅަށް ޗައިނާއަށް ގެންނަވަން ބޭނުންފުޅުވި ޒަމާނީ ބަދަލުތައް ގެންނަވަމުން ގެންދަވާފައިވެއެވެ.
1997 ވަނައަހަރު ޑެންގ އަވަހާރަވުމާ އެކު ޗައިނާގެ އަސްކަރިއްޔާގެ ކަންތައްވެސް ބެއްލެވުމާ ހަވާލުވެވަޑައިގެން އެހެން ވާދަވެރިންނަށްވުރެ ކުޅަދާނަ ސްޓޭޓްސްމަނެއްކަން ވަނީ ސާބިތުކޮށްދެއްވާފައެވެ.
ދުނިޔޭގެ ސުޕަރޕަވަރެއްގެ ގޮތުގައި ޗައިނާ ފެނިގެން ދިއުމުގެ ފަހަތުގައިވާ އެންމެ އިސްފަރާތަކީ ޖިއާންގ ޒެމީންކަމަށް މިއަދު ގިނަ ބަޔަކު ގަބޫލުކުރެއެވެ. އެމެރިކާއާއެކު އޮތް ގުޅުން ބަދަހިކުރައްވައި، އެތައް ފަހަރަކު އެމެރިކާއަށް ދަތުރުކުރައްވާފައިވެއެވެ.
ޗައިނާގެ ގިނަ ލީޑަރުންނަކީ މާގިނައިން ދެއްކުންތެރި ކަންތައްތައް ކުރައްވާ އުޅުއްވާ ބައެއް ނޫނެވެ. ނަމަވެސް ޖިއާންގގެ ފަރާތްޕުޅުން މިކަހަލަ ކަންތައް ފެނިފައިވެއެވެ. މި ގޮތުން ދުނިޔޭގެ ވެރިންގެ ސަމިޓް ބައްދަލުވުމެއްގައި އެލްވިސް ޕްރެސްލީގެ ލަވައެއްގެ ތަންކޮޅެއް ވިދާޅުވެފައިވެއެވެ. އަދި ހަވާއީގެ މަޝްހޫރު ބީޗަކަށް ވަޑައިގެން، ފައްތަވާފައިވެއެވެ.
ފަހަކަށް އައިސް ސިޔާސީ ހަރަކާތްތަކުން ޖިއާންގ ނުފެނުނު ނަމަވެސް ޗައިނާގެ ރައްޔިތުން ޚާއްސަކޮށް ޒުވާނުން ދަނީ ސޯޝަލް މީޑިޔާގައި ޖިއާންގގެ ނަން ދިރުވަމުންނެވެ. މިގޮތުން ޖިއާންގ ބޭނުން ކުރައްވާ ފުޅާ ފްރޭމުތަކުގެ އައިނު އެޅި ކާޓޫނު ކެރެކްޓަރުތަކުގެ މީމްތައް ހަދަމުން ގެންދެއެވެ.
ޖިއާންގ ޒެމީން އަކީ ޗައިނާގެ ހުރިހާ އުމުރުފުރައެއްގެ މީހުންގެ ލޯބި ލިބިވަޑައިގެންނެވި ބޭފުޅެކެވެ.