ކޮރޯނާ ވައިރަސް ޑިޒީޒް (ކޮވިޑް-19) ފެތުރުން ކޮންޓްރޯލު ކުރުމުގެ ނަމުގައި ޗައިނާއިން ތަންފީޒު ކުރަމުންދާ ލޮކްޑައުންގެ ހަރުކަށި ފިޔަވަޅުތަކާ ދެކޮޅަށް ސުލްޙަވެރި ރޫހެއްގައި މުޒާހަރާތައް ކުރިއަށް ގެންދިއުމުގެ ފުރިހަމަ ޙައްޤު ޗައިނާގެ ރައްޔިތުންނަށް ލިބިގެންވާ ކަމަށް އެމެރިކާއިން ޤަބޫލު ކުރާ ކަމަށް އެމެރިކާގެ ރިޔާސީ އިދާރާ، ވައިޓްހައުސްއިން ހޯމަ ދުވަހު ބުނެފިއެވެ.
މި ދުވަސްވަރަކީ ލޮކްޑައުންގެ ހަރުކަށި ފިޔަވަޅުތަކާ ދެކޮޅަށް ޗައިނާގައި ވަރުގަދަ މުޒާހަރާތަކެއް ކުރިއަށްދާ ދުވަސްވަރަކަށްވީ ނަމަވެސް، އެ މުޒާހަރާތަކުގެ އަސަރު ސަޕްލައި ޗޭނަށް ފޯރަމުންދާ މަންޒަރު ފެންނަމުން ނުދާ ކަމަށް ވެސް ވައިޓްހައުސްއިން ވަނީ ބުނެފައެވެ.
ހީކުރެވިފައި އޮވެދާނެ ފަދައިން އަހަރަމެން މި ދަނީ މި ކަން ވަރަށް ގާތުން ބަލަމުން. އަހަރަމެން ދެމި ތިބެނީ ސުލްޙަވެރި ކަމާއެކު މުޒާހަރާ ކުރުމުގެ ޙައްޤު ނެގެހެއްޓުމުގެ މަތީގައި. މިކަން ކުރިއަށްދާ ގޮތެއް ވަރަށް ގާތުން ބަލަމުން ދާނެ ކަމަށް ބެލެވެނީ. ކަންތައްތައް ވެގެން ދާގޮތް އަހަރަމެން ބަލާނަންޖޯން ކަރބީ؛ އެމެރިކާގެ ޤައުމީ ސަލާމަތާ ބެހޭ ތަރުޖަމާނު
ނޮވެމްބަރު 28 ވަނަ ދުވަހު އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އެމެރިކާގެ ޤައުމީ ސަލާމަތާ ބެހޭ ތަރުޖަމާނު، ޖޯން ކަރބީ ވިދާޅުވީ، ސުލްޙަވެރިކަމާއެކު މުޒާހަރާ ކުރުމަށް ލިބިދީފައި އޮންނަ ޙައްޤަށް އެމެރިކާއިން ތާޢީދު ކުރާ ކަމަށެވެ.
ކަރބީ އިތުރަށް ވިދާޅުވީ ކޮވިޑް-19ގެ ވެކްސިން ހޯދުމަށް އެދި ޗައިނާއިން އަދި މިހާތަނަށް އެމެރިކާއަށް އެއްވެސް ކަހަލަ ހުށަހެޅުމެއް ހުށަހަޅާފައި ނުވާ ކަމަށެވެ.
ޗައިނާގައި މިހާރު ކުރިއަށްދާ މުޒާހަރާތަކަކީ ޝީންޖިއާންގް ސަރަޙައްދުގައި ހުސްވި ހަފުތާގައި ހިނގި އަލިފާނުގެ ހާދިޘާއެއްގައި އެޕާޓްމަންޓު ތެރޭގައި ތާށިވި 10 މީހެއްގެ ފުރާނަ ގެއްލުނު ހާދިޘާއާ ގުޅިގެން ފެށި މުޒާހަރާތަކެކެވެ. މުޒާހަރާ ކުރާ ފަރާތްތަކުން ވާކާލަތު ކުރާ ގޮތުގައި އެޕާޓްމަންޓުތަކުގެ ތެރޭގައި މީހުން ތާށިވެގެން މަރުވުމުގައި ލޮކްޑައުންގެ ފިޔަވަޅުތަކުގެ ޒިންމާ އެބައޮތެވެ. މިކަމުގެ ސަބަބުން ކަމާ ބެހޭ އޮފިޝަލުން އެކަން ދޮގު ކުރައްވައެވެ.
މީ ސުލްޙަވެރި ކަމާއެކު އެއްވެއުޅުމާއި މުޒާހަރާ ކުރުމުގެ ޙައްޤަށް އަހަރަމެން ކުރަމުންދާ ވަކާލާތުގައި ސާބިތުވާންވީ ވަގުތު ހެން ހީވަނީ. މީގެ ކުރިންވެސް އަހަރަމެން އެކަން ކުރިން. ކުރިއަށް އޮތް ތަނުގައި އެކަން ކުރުން މަތީ ދެމިވެސް ތިބޭނަން. އެއީ އީރާނާއި ޗައިނާ އަދި ދުނިޔޭގެ ކޮންމެ ހިސާބެއްގެ ކޮންމެ ޤައުމަކަށްވީ ނަމަވެސް. ޑިމޮކްރަސީއިން ލިބިދޭ ބާރުތަކާ މެދު ރައީސް ދެކެވަޑައިގަންނަވާ ގޮތް ބަދަލެއް ނުވޭ. މިއީ ވަރަށް މުހިންމު ވަގުތެއް. މިއީ ޗައިނާގެ ރައްޔިތުންނާއި ސަރުކާރަށްވެސް މުހިންމު ވަގުތެއް ވާހަކަދައްކަން. އަހަރަމެންގެ ރަޢުޔު ވަރަށް ސާފު. އެކަން އޮތީ ހަމަ އެގޮތަށް. ކުރިއަށް ދާތަންވެސް ފެންނާނެ ހެން ހީވަނީޖޯން ކަރބީ؛ އެމެރިކާގެ ޤައުމީ ސަލާމަތާ ބެހޭ ތަރުޖަމާނު
ހޯމަ ދުވަހަކީ ޗައިނާއިން ރެކޯޑް ޢަދަދަކަށް ކޮވިޑް ކޭސްތައް ރިޕޯޓުކުރި ދުވަހެއްވެސް މެއެވެ. ނަމަވެސް ޗައިނާއަކީ ޒީރޯ-ކޮވިޑް ސިޔާސަތު ތަންފީޒު ކުރަމުންދާ ޤައުމެކެވެ. ކޮވިޑް-19އާ ގުޅިގެން ލޮކްޑައުންގެ ހަރުކަށި އަމުރު މިވަގުތު ތަންފީޒު ކުރަމުންދާ ހަމައެކަނި ޤައުމަކީ ވެސް ޗައިނާ ކަމުގައި ޤަބޫލު ކުރެވެއެވެ. އެފަދަ ފައްތަރެއްގައި ވަނިކޮށް ދުނިޔޭގައި 2 ވަނައަށް އެންމެ ވަރުގަދަ އިޤްތިޞާދުގެ މަޤާމުގައި އޮތް ޗައިނާގައި ކޮވިޑްގެ އިތުރު ރާޅެއް ބިންދާލަފާނެ ކަމާ މެދު ބައިނަލްއަޤުވާމީ ފެންވަރުގައި ވަނީ ކަންބޮޑުވުން އުފެދިފައެވެ.