ހުސްވި ހަފުތާގެ ތެރޭގައި ތުރުކީވިލާތުގެ އިސްތަންބޫލްގައި ދިން ހަމަލާއާ ގުޅިގެން، ހުރިހާ ފަރާތަކުންވެސް ހައްދުގެ އިމުގެ ތެރޭގައި ހަރަކާތްތެރި ވުމަށާ، ސަރަޙައްދީ ފެންވަރުގައި ހަމަނުޖެހުމާއި ނުތަނަވަސްކަން އުފައްދަނިވި ހުރިހާ ކަމަކުން އެއްކިބާވެ ތިބުމަށް އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރޭޒް ގޮވާލައްވާފައި ވާ ކަމަށް، އދގެ އެންމެ އިސްވެރިޔާގެ ނައިބު ތަރުޖަމާނު، ފަރްހާން ޙައްޤު ވިދާޅުވެއްޖެއެވެ.
ސޫރިޔާގެ އުތުރުގައި ހަރަކާތްތެރިވާ ކަރޑިޝް ޕީޕަލްސް ޕްރޮޓެކްޝަން ޔުނިސްޓް (ވައިޕީޖީ)އާއި ކަރޑިޝްޓާން ވާކަރޒް ޕާޓީ (ޕީކޭކޭ)އާ ދެކޮޅަށް، ތުރުކީވިލާތުން ހާއްސަ އަސްކަރީ އޮޕަރޭޝަނެއް ފެށީ މިދިޔަ އާދީއްތަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ. ތުރުކީވިލާތުގެ ދިފާޢީ ވުޒާރާއިން ވަނީ އެކަން ކަށަވަރުވެސް ކޮށްދީފައެވެ.
މި ދުވަސްވަރަކީ ހަނގުރާމައިގެ ނުތަނަވަސްކަން މުޅި ދުނިޔެއަށްވެސް ފެތުރިފައި ވާ ދުވަސްވަރަކަށް ވާ އިރު، އދގެ ސެކްރެޓަރީ ޖެނެރަލްގެ މެސެޖުގައިވެސް ހުރީ އެފަދަ ރާގެއް ކަން، ނައިބު ތަރުޖަމާނުގެ ބަޔާނުން އެނގިގެންދެއެވެ.
ސެކްރެޓަރީ ޖެނެރަލް ގޮވާލައްވަނީ ހުރިހާ ފަރާތަކުންވެސް ހައްދުގެ އިމުގެ ތެރޭގައި ހަރަކާތްތެރިވެ، ސަރަޙައްދީ ނުތަނަވަސްކަމެއް އުފެދޭނެ ހުރިހާ ހާލަތަކުން ދުރުވެ ތިބުމަށް. ދެކޮޅުވެރިކަމާއި ޢަދާވާތްތެރިކަމުގެ ސަބަބުން އާންމުންނަށް ލިބެމުންދާ ގެއްލުންތަކުގެ ރިޕޯޓްތަކާ ގުޅިގެން ސެކްރެޓަރީ ޖެނެރަލް ވަނީ ކަންބޮޑުވުން ފާޅު ކުރައްވާފައެވެ. މަދަނީ ފަރުދުންނާއި މަދަނީ ޢުމްރާނީ ބިނާވެއްޓަކީ ބައިނަލްއަޤުވާމީ އިންސާނީ ޙައްޤުތަކުގެ ޤާނޫނުން ހިމާޔަތާއި ރައްކާތެރިކަން ކަށަރުވާ ބަޔަކާއި ތަންތަން ކަން ސެކްރެޓަރީ ޖެނެރަލް ފާހަގަ ކުރައްވާ. ސޫރިޔާގެ މިނިވަންކަމާއި ސިޔާދަތަށްވެސް ހުރިހާ ފަރާތްތަކުން އިޚްތިރާމް ކުރަން ޖެހޭ ކަމަށް ސެކްރެޓަރީ ޖެނެރަލް ވަނީ ތަކުރާރުކޮށް ގޮވާލައްވާފަ. އަދި އަވަށްޓެރި ކަމުގެ ރޫޙުގައި، މަޝްވަރާގެ ތެރެއިން ކަންކަން ހައްލު ކުރުމަށްވެސް ގޮވާލައްވާ.ަރްހާން ޙައްޤު؛ އދގެ އެންމެ އިސްވެރިޔާގެ ނައިބު ތަރުޖަމާނު
"އޮޕަރޭޝަން ކްލޯ-ސްވޯޑް"ގެ ނަމުގައި ފެށި އޮޕަރޭޝަންގެ ދަށުން 89 އަމާޒެއް ސުންނާފަތި ކޮށްލާފައި ވާ ކަމަށް ތުރުކީވިލާތުގެ އަސްކަރިއްޔާއިން ޢާންމު ކުރި ބަޔާނެއްގައި ބުނެފައިވެއެވެ. އަދި 180 އަށް ވުރެ ގިނަ ޓެރަރިސްޓުން މަރާލާފައި ވާނެ ކަމަށްވެސް ތުރުކީވިލާތުން ވަނީ ބުނެފައެވެ. ހަމަލާ ދީފައި ވަނީ އެއްގަމާއި ވައިގެ މަގުން ކަމަށްވެސް ތުރުކީވިލާތުގެ އަސްކަރިއްޔާއިން ވަނީ އިޢުލާން ކޮށްފައެވެ.
މި އޮޕަރޭޝަނަކީ ނޮވެމްބަރު 13 ވަނަ ދުވަހުގެ ބޮމުގެ ހަމަލާގެ ރައްދުގައި ފެށި އޮޕަރޭޝަނެއް ކަމަށްވެސް ތުރުކީވިލާތުގެ އަސްކަރިއްޔާއިން އިޢުތިރާފުވެއެވެ. 6 މީހެއްގެ ފުރާނަ ގެއްލި، 80 އެތައް ބަޔަކު ޒަޚަމްވި ހާދިޘާއާ ގުޅިގެން ތުރުކީވިލާތުން ވަނީ ސޫރިޔާއަށް ނިސްބަތްވާ އަހްލާމް އަލްބަޝީރު ނަމަކަށް ކިއާ އަންހެނަކު ހައްޔަރު ކޮށްފައެވެ. އެމީހާއަކީ، ހަމަލާ ދިނުމަށް ވައިޕީޖީއިން އޯޑަރު ކަމަށް ޢިއުތިރާފުވި މީހެއް ކަމަށް މައުލޫމާތު ލިބެއެވެ.