ދުނިޔޭގެ ތައްޓަށް ކުޅޭ އެންމެ ވަރުގަދަ މުބާރަތަކީ ފީފާ ވޯލްޑްކަޕް ކަމާ މެދު ދެބަސްވާނެ މީހަކު މަދުވާނެއެވެ. 22 ވަނަ ފީފާ ވޯލްޑްކަޕް ފުޓުބޯޅަ މުބާރާތް ފަށަން ދެތިން ދުވަހަށް ވެފައި ވާ އިރު، ދުނިޔޭގެ އެކި ކަންކޮޅުތަކުން އެތައް މިލިއަން ބަޔަކު ދަނީ އެންމެ ފަހުގެ ތައްޔާރީތައް ވަމުންނެވެ. ވީހާވެސް މަޖާ މާޙައުލެއްގައި މުބާރާތް ބަލާލުމުގެ ކަންކަން ރާވާ، މާލަންތައް ޒީނަތްތެރި ކުރަމުން ދާއިރު، އެންމެ ފޯރީގައި ވޯލްޑްކަޕަށް ތައްޔާރު ވަމުންދާ އެއް ބަޔަކީ، މުބާރާތް ކުޅޭ ޤަތަރަށް ޒިޔާރަތްކޮށްގެން ހަމަލޮލުން މެޗު ބަލާލަން ތައްޔާރުވަމުންދާ މީހުން ކަމާ މެދުވެސް ދެބަސްވެވޭކަށް ނެތެވެ.
ވޯލްޑްކަޕްގެ މެޗުތައް ބަލާލަން ޤަތަރަށް ޒިޔާރަތް ކުރާ މީހުންނާއެކު، އެ ޤައުމަށް ޒިޔާރަތް ކުރާ މީހުންގެ ޢަދަދު އިތުރުވަމުން ދަނީ ރެކޯޑް މިންވަރަކަށެވެ. ޤަތަރުގައި އޮޕަރޭޓް ކުރާ ބައިނަލްއަޤުވާމީ ފެންވަރުގެ ވައިގެ 2 ބަނދަރަށް، ދުވާލެއްގެ މައްޗަށް ޖައްސާ ފްލައިޓްތަކުގެ ޢަދަދު އުޅޭނީ 900 އިން މަތީގައި ކަމަށް އަންދާޒާ ކުރެވޭ ކަމަށް، ހަމަދު އިންޓަރނޭޝަނަލް އެއަރޕޯޓް (އެޗްއައިއޭ)ގެ ޗީފް އޮޕަރޭޓިންގް އޮފިސަރު، ބަދްރު މުޙައްމަދު އަލް މީރް ވަނީ ނޮވެމްބަރު 17 ވީ ބުރާސްފަތި ދުވަހު ވިދާޅުވެފައެވެ.
ފްލައިޓްގެ ޢަދަދުތަކާ ބެހޭ ގޮތުން ބުނަން ޖެހޭނީ، މި ދައްކަނީ، ހަމަދު އިންޓަރނޭޝަނަލް އެއަރޕޯޓާއި ދޯހާ އިންޓަރނޭޝަނަލް އެއަރޕޯޓްވެސް ހިމެނޭހެން، ދުވާލެއްގެ މައްޗަށް 900 އަށް ވުރެ ގިނަ ފްލައިޓްގެ ވާހަކައޭ.ބަދްރު މުޙައްމަދު އަލް މީރް؛ ހަމަދު އިންޓަރނޭޝަނަލް އެއަރޕޯޓްގެ ސީއޯއޯ
ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން، ޤަތަރު އެއަރވޭޒްގެ ޗީފް އެގްޒެކެޓިވް އޮފިސަރ، އަކްބަރު އަލް ބަކްރު ވިދާޅުވީ، މުބާރާތް ނިމެން ދާ ވަރަކަށް، އަދިވެސް އިތުރު ފްލައިޓްތަކެއް އެޅުމަށް އެ އެއަރލައިން ތައްޔާރު ވެފައި ވާ ކަމަށެވެ.
މީރްއާއި ބަކްރު މިފަދަ ރޫޙެއްގައި ވާހަކަދައްކަވާފައި ވަނީ، އެޗްއައިއޭގައި ތަރައްޤީ ކުރި ޕެސެންޖަރ އޯވަރފްލޯ އޭރިއާ ހުޅުވުމުގެ ރަސްމިއްޔާތުގައެވެ. ޕެސެންޖަރ އޯވަރފްލޯއޭރިއާ އަކީ، ވޯލްޑްކަޕް ބަލަން ޤަތަރަށް ޒިޔާރަތް ކުރާ ފަސެންޖަރުން ޤަތަރުން ފުރައިގެން ދިއުމުގެ ކުރިން މުނިފޫހިފިލުވާލެވޭ ގޮތަށް ފަރުމާކޮށްފައިވާ ސަރަޙައްދެކެވެ.
ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯވެސް ވަނީ، ޕެސެންޖަރ އޯވަރފްލޯ އޭރިއާ ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެފައެވެ. އަލްޖަޒާއިރުގެ މަޝްހޫރު ޕޮޕް ލަވަކިއުންތެރިޔާ ޝީބް ޚާލިދު ވަނީ، ފީފާ ވޯލްޑްކަޕް ފުޓުބޯޅަ މުބާރާތާ ގުޅުވައިގެން ޤަތަރު އެއަރވޭޒްއިން ތައްޔާރުކުރި އާ ލަވައެއްވެސް ހުށަހަޅާ ދީފައެވެ.
އަހަރަމެންގެ ގިނަ ފްލައިޓްތަކެއް އޮންނާނެ ސްޓޭންޑްބައިގަވެސް. މުބާރާތުގެ ފަހަތުކޮޅަށް ދާ ވަރަކަށް، ސެމީ ފައިނަލާއި ފައިނަލާ ހިސާބަށް ދާ އިރު، މޮޅުވާ ޤައުމުތަކުން މިކޮޅަށް އަންނަން ވަރަށް ޑިމާންޑް ކުރާނެ. ޑިމާންޑް އިތުރުވެ، ބުކިންގް އިތުރުވާ އެ މަންޒިލްތަކަށް އިތުރު ފްލައިޓްތައް އަޅަން، އަހަރަމެން ޤަތަރު އެއަރވޭޒް މިއޮތީ ތައްޔާރަށް.އަކްބަރު އަލް ބަކްރު؛ ޤަތަރު އެއަރވޭޒްގެ ސީއީއޯ
ދުނިޔޭގެ ތައްޓަށް ކުޅޭ އެންމެ ފޯރިގަދަ ފުޓުބޯޅަ މުބާރާތް، ނޮވެމްބަރު 20 ވަނަ ދުވަހު ޤަތަރުގައި ފަށާ އިރު، ހަމަ ލޮލުން މުބާރާތް ބަލާލުމަށް އެކަނިވެސް 1.2 މިލިއަނެއްހާ މީހުން ޤަތަރަށް އެތެރެ ވާނެ ކަމަށް ވަނީ ލަފާ ކޮށްފައެވެ. ވޯލްޑްކަޕްގެ ތަށި އުފުލާލާނެ ޤައުމެއް އެނގޭނީ ޑިސެމްބަރު 18 ވަނަ ދުވަހުއެވެ.
ޢަރަބި ގަލްފުގެ ޤައުމެއްގައި ފުރަތަމަ ފަހަރަށް ކުރިއަށް ގެންދާ ވޯލްޑްކަޕް ފުޓުބޯޅަ މުބާރާތް، ހަމަ ލޮލުން ބަލާލުމަށް ޤަތަރަށް ޒިޔާރަތް ކުރާ ގިނަ ފަތުރުވެރިން އެ ޤައުމަށް އެތެރެވާނީ ހަމަދު އިންޓަރނޭޝަނަލް އެއަރޕޯޓުން ކަމަށް މައުލޫމާތު ލިބެއެވެ. އެޗްއައިއޭއަކީ ޤަތަރުގެ މައި ވައިގެ ބަނދަރުގެ އިތުރުން، އެ ޤައުމުގެ ޤައުމީ އެއަރލައިން ކަމުގައި ވާ ޤަތަރު އެއަރވޭޒްގެ ރަސްމީ މަރުކަޒުވެސްމެއެވެ. ނަމަވެސް ފަތުރުވެރިންގެ ޢަދަދު، އިންތިހާއަށް އިތުރުވެގެންދާނެ ކަމަށް ބަލާ، އިހުގެ، ދޯހާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ ދޮރުތައްވެސް ވަނީ ހުޅުވާލާފައެވެ.