މ. ނިރުފެހިގޭގައި ހިނގި އަލިފާނުގެ ހާދިސާގައި މަރުވި އިންޑިއާގެ އަށް މީހުންގެ ހަށިގަނޑު އެ ގައުމަށް ފޮނުވާލާފައިވާ ކަމަށް އިންޑިއާ ހައި ކޮމިޝަނުން ބުނެފިއެވެ.
ނިރުފެހީގައި ހިންގި ގަރާޖެއްގައި އަލިފާން ރޯވެ، އެތަނުގެ މަތީ ފްލޯގައި ދިރިއުޅެމުންދިޔަ ބިދޭސީންގެ ތެރެއިން 10 މީހުން ވަނީ މަރުވެފައެވެ.
މަރުވި މީހުންގެ ތެރޭގައި ހިމެނެނީ އިންޑިއާގެ ފަސް ފިރިހެނުންނާއި ތިން އަންހެނުންނާއި ބަންގްލަދޭޝްގެ އަންހެނަކާއި ފިރިހެނެކެވެ.
އިންޑިއާ ހައިކޮމިޝަނުން ބުނީ އަލިފާނުގެ ހާދިސާގައި މަރުވި މީހުންގެ ތެރެއިން އިންޑިއާގެ އަށް މީހުންގެ ހަށިގަނޑުތައް އެގައުމަށް މިހާރު ފޮނުވާލާފައިވާ ކަމަށެވެ.
ހޯމަ ދުވަހު ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިންސްޕެކްޓަރ އޮފް ޕޮލިސް މުޙައްމަދު ސާމިހު ވިދާޅުވީ މިހާތަނަށް ބެލި ބެލުމުން އަލިފާން ރޯވީ ގަރާޖުގައި ކަމަށް ލަފާ ކުރެވޭ ކަމަށެވެ. އެ ގެ ހަދާފައިވަނީ ލަކުޑިން ޑެކު އަޅައިގެން ދެ ފަންގިފިލާއަށް ވާގޮތަށް ކަމަށާއި އަލިފާން ރޯވި އިރު 26 މީހުން އެ ގޭގެ ތެރޭގައި ތިބި ކަމަށް އޭނާ ވިދާޅުވިއެވެ.
އަލިފާން ރޯވި ކަމަށް ބެލެވޭ ގަރާޖަކީ މާލޭގައި ހުއްދަ ނުހޯދައި ހިންގަމުން އައި ގަރާޖެއް ކަން ވެސް މި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ވަނީ ބުނެފައެވެ. އެ ގަރާޖުގައި މިއަހަރުގެ މެއި މަހު ވެސް އަލިފާނުގެ ހާދިސާއެއް ހިނގާފައިވާއިރު އެ މައްސަލަ ވެސް ފުލުހުން އަންނަނީ ތަހުގީގު ކުރަމުން ކަމަށް ސާމިހު ވިދާޅުވިއެވެ.