ޒަޚަމެއް ފަސޭހަ ކުރުމަށް ނުވަތަ ފާރު ހިއްކަން އަޅާ ބޭސްގަނޑު، ތާއަބަދު، އިރު އިރުކޮޅާ ނައްޓަން ނުޖެހި، އެ ޒަޚަމެއް ނުވަތަ ފާރުގަނޑު ފަސޭހަވަމުން ދާ ގޮތް ދެނެގަނެވޭ ފަދަ ސްމަރޓް ބޭސް މަލަމެއް އީޖާދު ކޮށްފިއެވެ.
ޕޯލަންޑްގައި މަތީ ތަޢުލީމު ހާސިލު ކުރަމުން ދާ 3 ދަރިވަރެއްގެ މި އީޖާދަށް، މި އަހަރުގެ ޑައިސަން އެވޯޑް އިންޓަރނޭޝަނަލް ޕްރައިޒްވެސް ވަނީ ލިބިފައެވެ. ބޭސްމަލަމުގައި އެކުލެވޭ ޕީއެޗް ލެވެލް މޮނިޓަރ ކޮށްގެން، ޒަޚަމެއް ނުވަތަ ފާރުގަނޑު ފަސޭހަވާ މިންވަރު ދެނެގަނެވޭ ގޮތަށް ފަރުމާކުރި ބޭސް މަލަމަށް ދީފައި ވާ ނަމަކީ "ސްމަރޓްހީލް"އެވެ.
ބޮޑެތި ފާރުގަނޑުތަކާއި ޒަޚަމްތަކުގައި އަޅަން ހާއްސަކޮށްފައިވާ ސްމަރޓްހީލް ފަރުމާ ކޮށްފައިވަނީ، އާންމު ބޭސް މަލަން ނުވަތަ ބޭސްގަނޑު ނަގާއިރު، ޓިޝޫތަކަށް ގެއްލުންވާވުން ކުޑަ ކުރެވޭ ގޮތަށެވެ. މާނައަކީ، ބޭސް މަލަންގަނޑު ނުނައްޓާ، އެ ޒަޚަމެއް ނުވަތަ ފާރުގަނޑު ފަސޭހަ ވަމުން އަންނަ ގޮތް ދެނެގަނެވޭނެ ޓެކްނޮލޮޖީއާއެކުގައެވެ. އަދި އެ ޒަޚަމެއް ނުވަތަ ފާރުގަނޑެއްގައި އިންފެކްޝަނެއް ހުރި ނަމަ، އެކަންވެސް ދެނެގަނެވޭނެ ގޮތަކަށް ކަން، ސްމަރޓްހީލް އީޖާދު ކުރި 3 ދަރިވަރުންގެ ތެރޭގައި ހިމެނޭ، ވޯސޯ ޔުނިވަރސިޓީ އޮފް ޓެކްނޮލޮޖީގައި ޕީއެޗްޑީ ހާސިލު ކުރަމުން ދާ ޓޮމަޒް ރެޒީންސްކީ ވަނީ ފާހަގަ ކޮށްފައެވެ.
މިކަހަލަ ޒަޚަމްތަކަކީ ވާންޖެހޭ ގޮތަށް ފަސޭހަ ނުވާ ޒަޚަމްތައް. ބައެއް ފަހަރު މަސްތަކެއް ނުވަތަ އަހަރުތަކެއްވެސް ވޭތުވެދާނެ ފަސޭހަ ނުވެ. އެކަހަލަ ޒަޚަމްތަކާއި ފާރުގަނޑުތަކުގައި އަޅާފައި އޮންނަ ބޭސްގަނޑު ނަގާ ކޮންމެ ފަހަރަކު އިތުރު އިންފެކްޝަންތަކަށް ހުށަހެޅޭ. އެތަނުގައި ހުންނަ ޓިޝޫތަކަށް ގެއްލުންވޭ. ފަސޭހަވުމުގެ ދުވެލި ލަސްކޮށްލާ. ބަލި މީހާއަށް އެތައް ވޭނަކާ ކުރިމަތިވޭ. އިންތިހާއަށް ތަދުވާނެ. ސްމަރޓްހީލް ފަރުމާކޮށްފައިވަނީ، ބޭސްގަނޑު ނުނަގާ، ޒަޚަމް ނުވަތަ ފާރުގަނޑުގެ ހާލަތު ބަލާލެވޭ ގޮތަށް.ޓޮމަޒް ރެޒީންސްކީ؛ ސްމަރޓްހީލް ޑިވަލޮޕަރ
ސްމަރޓްހީލްގެ އެހީގައި، އެ ޒަޚަމެއް ނުވަތަ ފާރުގަނޑުގެ ޕީއެޗް ލެވެލް، ޑޮކްޓަރުންނާއި ޕޭޝަންޓުންނަށް ފޯރުކޮށްދެއެވެ. އެއީ ފަސޭހަ ވަމުން އަންނަ މިންވަރުގެ މަޢުލުމާތު އަންގައިދޭ ސިގުނަލެކެވެ.
މިއިން ކޮންމެ ބޭސް މަލަންކޮޅެއްވެސް ފަރުމާ ކޮށްފައި ވަނީ، ފޮއްޗަށް ޕްރިންޓް ކޮށްފައި ވާ ޕީއެޗް މޮނީޓަރަކާ، އާރްފިޑް އެންޓަނާއަކާވެސް އެކީގައެވެ. މި އެންޓަނާއަކީ ކައިރީގައި އޮންނަ ސެލްފޯނެއް ނުވަތަ ޓެބްލެޓަކަށް މަޢުލޫމާތު ފޯރުކޮށްދޭ އެންޓަނާއެކެވެ.
އަހަރަމެންގެ އީޖާދަކީ އޭގެ ޒާތުގައި ތޫނުފިލިކަން ލިބިގެންވާ، ސްމަރޓް ބޭސް މަލަމެއް. ފަސޭހަ ނުވެ، ދިގުލާ ދާ ފާރުގަނޑުތަކުގައި އަޅަން ބޭނުން ކުރެވޭނެ ބެންޑޭޖެއް. މައިގަނޑު ގޮތެއްގައި މި އީޖާދު ބިނާ ވަނީ ޕީއެޗް ސެންސަރެއްގެ މައްޗަށް. މި ސެންސަރުގެ އެހީގަ، އެ ޒަޚަމެއް ނުވަތަ ފާރުގަނޑުގެ ހާލަތު ބަލާލެވޭ. ބޭސްގަނޑު ބަދަލު ކުރަންވީތޯ ނުވަތަ ބަދަލު ނުކޮށް ބަހައްޓަންވީތޯ، އެކަހަލަ ކަންކަން ދެނެގަނެވޭ.ޑޮމިނީކް ބަރަނިއެއްޗީ؛ ސްމަރޓްހީލް ޑިވަލޮޕަރ
ސްމަރޓްހީލް އީޖާދު ކުރި ޓީމުން ބުނީ، މި ޒަމާނީ ބޭސް މަލަން ފަރުމާ ކޮށްފައި ވަނީ މި ޒަމާނުގައި ފޭރާން އުފެއްދުމުގެ ސިނާޢަތަށްވެސް ފުޅާ ދާއިރާއެއްގައި އެ މަސައްކަތް ކުރެވޭނެ ފަދަ ގޮތަކަށް ކަމަށާ، ކޮންމެ ބޭސް މަލަން ކޮޅެއްގެ އަގުވެސް އުޅޭނީ މަދު ސެންޓްކޮޅެއްގައި ކަމަށެވެ.
ސްމަރޓްހީލް ބޭސް މަލަން ހާއްސަކޮށްފައި ވަނީ އާންމު ޒަޚަމްތަކުގެ ބަދަލުގައި، ފަސޭހަވުން ދިގުލާދާ ފާރުގަނޑުތަކަށެވެ. އެފަދަ ޒަޚަމްތަކާއި ފާރުގަނޑުތަކަކީ ގިނަ ދުވަސްތަކެއް ވަންދެން ބަންދުކޮށްފައި ބަހައްޓަން މަޖުބޫރުވާ ޒަޚަމް ނުވަތަ ފާރުގަނޑުތަކަކަށް ވާ އިރު، އަދުގެ ހާލަތު އޮތް ގޮތުން، ފަސޭހަ ވަމުންދާ ގޮތް ބަލަން ބޭނުން ނަމަ ބޭސްގަނޑު ނެގުމުގެ ވޭނާ ކުރިމަތިލާން ޖެހެއެވެ.
ޒަޚަމެއްގައި އުފެދޭ ފާރުގަނޑު ފަސޭހަ ވުން ލަސްވުމަށް މެދުވެރިވަނީ ހެދޭ ބައެއް ގޯސްތަކުގެ ސަބަބުން ކަމަށް ވާ އިރު، އެފަދަ އެއް ގޯހަކީ، މާ އަވަސް އަވަހަށް ބޭސްގަނޑު ބަދަލު ކުރުމެވެ. މިފަދަ ބައެއް ހާލަތްތަކުގައި ފުރާނައަށް ނުރައްކާވެ، މަރާވެސް ކުރިމަތިލާން ޖެހިފައި އެބަހުއްޓެވެ.
މި އަހަރުގެ ޑައިސަން އެވޯޑް އިންޓަރނޭޝަނަލް ޕްރައިޒްއާއެކު ސްމަރޓްހީލްއަށް ލިބުނު 35000 ޑޮލަރު ޚަރަދު ކުރާނީ ކްލިނިކަލް ޓްރަޔަލްތައް ފެށުމަށް ކަމަށް ދިރާސާ ޓީމުން ބުނެއެވެ. އަދި އަމާޒަކީ ވިޔަފާރި އުސޫލުން ސްމަރޓްހީލް ބޭސް މަލަން ވިއްކުމުގެ މަސައްކަތް، 2025 ވަނަ އަހަރުގެ ތެރޭގައި ފެށުން ކަމަށްވެސް ދިރާސާ ޓީމުން ވަނީ ބުނެފައެވެ.