މެންޗެސްޓަރ ޔުނައިޓެޑް އަދި އެޓީމްގެ ކޯޗު އެރިކް ޓެން ހާގާ ގުޅޭގޮތުން ކްރިސްޓިއާނޯ ރޮނަލްޑޯ ދިން އިންޓަރވިއުގެ އަސަރު ޕޯޗުގަލް ޓީމަށް ނުކުރާނެކަމަށް ކޯޗު ފެނާންޑޯ ސަންޓޯސް ބުނެފިއެވެ.
ކޯޗު ބުނީ ރޮނަލްޑޯގެ އިންޓަރވިއުއަކީ ވަރަށް ވަރަށް ޕާސަނަލް އިންޓަރވިއުއެއް ކަމަށާއި, އޭގެ އަސަރު ޤައުމީ ޓީމަށް ނުކުރާނެކަމަށެވެ. އަދި އެކަމުގައި ރޮނަލްޑޯގެ ނިންމުމަށް އިހުތިރާމްކުރަން ޖެހޭކަމަށެވެ. ސަންޓޯސް ބުނީ އޭނާ އާއި ޓީމުން ވާހަކަދައްކަނީ ހަމައެކަނި ވޯލްޑްކަޕަށް އަދި މިރޭ ނައިޖީރިޔާއާ ދެކޮޅަށް ކުޅޭ ރަހުމަތްތެރިކަމުގެ މެޗާ ގުޅޭގޮތުން ކަމަށެވެ. ޓީމްގެ އެއްވެސް ކުޅުންތެރިއަކުވެސް އޮފިޝަލަކުންވެސް ރޮނަލްޑޯގެ އިންޓަރވިއުގެ ވާހަކަ ނުދައްކާކަމަށް ކޯޗު ސަންޓޯސް ބުންޏެވެ.
މިރޭ ޕޯޗުގަލްގައި ނައިޖީރިޔާއާ ދެކޮޅަށް ކުޅޭ މެޗުގައި އަނިޔާގެ ސަބަބުން ރޮނަލްޑޯ ނުކުޅޭނެއެވެ. ބުދަ ދުވަހުގެ ޕްރެކްޓިސްގައިވެސް ރޮނަލްޑޯ ބައިވެރިއެއް ނުވެއެވެ. ކޯޗު ބުނީ މެޗަށް ރޮނަލްޑޯ ފިޓް ނޫންކަމަށެވެ. ރޮނަލްޑޯގެ އިތުރުން މެންޗެސްޓަރ ސިޓީގެ ރުބެން ޑިއާސް މެޗުގައި ނުކުޅޭނެއެވެ. އޭނާގެ ބަދަލުގައި ފުރުޞަތު ދޭނީ 19 އަހަރުގެ ޑިފެންޑަރ އެންޓޯނިއޯ ސިލްވާ އަށެވެ. އެކަމަކު އޭނާއަށް މުޅި މެޗުގައި ފުރުޞަތު ދޭނެކަން ކޯޗު އަދި ނުނިންމައެވެ.
ވޯލްޑް ކަޕްގައި ޕޯޗުގަލް އޮތީ ގާނާއާއި, އުރުގުއޭ އަދި ސައުތު ކޮރެޔާއާ އެކު ގްރޫޕް އެޗްގައެވެ.