ކުރިއަށް އޮތް ފޯރިގަދަ، ފީފާ ވޯލްޑްކަޕް ފުޓުބޯޅަ މުބާރާތާ ދިމާކޮށް، މުބާރާތް ހޮސްޓްކުރާ ޤަތަރުން، ދުނިޔޭގެ އެންމެ ބޮޑު ފުޓުބޯޅަ ބޫޓު ކަމަށް އެ ޤައުމުން ޤަބޫލުކުރާ ބޫޓު، އާންމުކޮށް ދައްކާލައިފިއެވެ.
ވޯލްޑްކަޕް ހޮސްޓް ކުރުމުގެ ޝަރަފު ހޯދި ފުރަތަމަ ޢަރަބި ޤައުމުގެ މަޤާމުގައި އޮތް ޤަތަރުން ދައްކާލި މި ފުޓުބޯޅަ ބޫޓަށް، ގިނިސް ވޯލްޑް ރެކޯޑް ފޮތުން ޖާގަ ލިބޭނެ ކަމަށް، އެ ޤައުމުން ޢުއްމީދު ކުރެއެވެ.
މީ ޤަތަރަށް އަހަރެން ކުރާ ފުރަތަމަ ދަތުރު. މި ވަގުތަކީ، ފީފާ ވޯލްޑްކަޕަށް ތައްޔާރުވަމުންދާ ހިތްގައިމު ވަގުތެއް. ބައިވަރު ކަންކަން އެބަ ހިނގާ. މިހާރު އެ ދައްކާލަނީ ދުނިޔޭގެ އެންމެ ބޮޑު ބޫޓު.
ޤަތަރުން ދައްކާލި ފުޓުބޯޅަ ބޫޓުގެ އުސް މިނުގައި ގާތްގަނޑަކަށް 7 ފޫޓު ހުރިއިރު، އެ ބޫޓަކީ 17 ފޫޓު ނުވަތަ ގާތްގަނޑަކަށް 5 މީޓަރު ދިގު ބޫޓެއް ކަމަށް މައުލޫމާތު ލިބެއެވެ.
ދުނިޔޭގެ ތައްޓަށް ކުޅޭ ވޯލްޑްކަޕް ފުޓުބޯޅަ މުބާރާތް ފެށުމަށް ހަފުތާއަކަށްވުރެވެސް ވަގުތު ކުޑަތަން ވެފައި ވަނިކޮށް، ދުނިޔޭގެ ރެކޯޑަކަށް އަމާޒުކޮށްގެން ޤަތަރުން ދައްކާލި ބޮޑު ފުޓުބޯޅަ ބޫޓު ބަލާލުމަށް، ގިނަ ޢަދަދެއްގެ ބަޔަކު ޖަމާވިއެވެ. އޭގެ ތެރޭގައި، ވޯލްޑްކަޕްގެ މެޗުތައް ހަމަ ލޮލުން ބަލާލުމަށް، ދުނިޔޭގެ އެކި ކަންކޮޅުތަކުން ޤަތަރަށް ޒިޔާރަތް ކޮށްފައި ވާ ފުޓުބޯޅަ ފޭނުން ހިމެނެއެވެ.
ވޯލްޑްކަޕަށް ވަރަށް ކެތްމަދުވެފަ މި ތިބެނީ. ބޫޓު ދައްކާލާތީވެސް ވަރަށް އެކްސައިޓްވެފަ މި ތިބެނީ. ކޮންމެއަކަސް މިތާ ހުންނަން ވަރަށް ގަޔާވޭ. މި ހުރިހާ ދިދަތަކާއި ފޭނުން ފެނުނީމަވެސް ވަރަށް އުފާވޭ. ހުރިހާ ކަމެއްވެސް ވަރަށް ޝަޢުޤުވެރި. ވަރަށް ފުރިހަމަ މުބާރާތަކަށް ވާނެ ވޯލްޑްކަޕް.ރަޔަން ޝާލްޓަން؛ ޔޫކޭއިން ޤަތަރަށް ޒިޔާރަތް ކުރަމުންދާ ފަތުރުވެރިއެއް
އެންމެ ބޮޑު ފުޓުބޯޅަ ދައްކާލުމަށް ޤަތަރުން ކުރިއަށް ގެންދިޔަ ހާއްސަ އިވެންޓްގައި، ބަލާ މީހުން ހައިރާން ކުރުވާ ވަރުގެ ބޮޑެތި ދިދަތައް ބޭނުން ކޮށްފައި ވާ އިރު، އެ ސަރަޙައްދުގެ ފަޒާ ފަޅުފިލުވަމުން ދިޔައީ ޤަތަރުގެ ޘަޤާފީ މިއުޒިކުން ކަން ފާހަގަ ކުރަން ޖެހެއެވެ.
ޤަތަރުގެ ޘަޤާފީ ތަސްވީރު ވަރަށް ނަލަ. އަހަރެންގެ ފަހަތުން ތި ފެންނަނީ މުބާރާތް ކުޅޭ ޤައުމުތަކުގެ ދިދަތައް. މިތަނަށް އައިސް މި ހުރީ، ދުނިޔޭގެ ރެކޯޑު ފޮތުން ޖާގަ ހޯދާ ބޫޓު ދައްކާލާ މަންޒަރު ބަލަންވެގެން. އަސްލު މުބާރާތުގެ ބޭރުން މިކަހަލަ އެތައް ކަމެއް ހިނގާތީ ވަރަށް އުފާވެރި. ޢުއްމީދު ކޮށްގެން މި ހުންނަނީ، އިނގިރޭސިން މޮޅުވާނެ ކަމަށް.ލޫކަސް މީގޯ؛ ޔޫކޭއިން ޤަތަރަށް ޒިޔާރަތް ކުރަމުންދާ ފަތުރުވެރިއެއް
ނޮވެމްބަރު 20 ވަނަ ދުވަހު، ޤަތަރާއި އިކުއެޑޯ ކުޅޭ ކިކް-އޯފް މެޗަށް ގިނަ ބަޔަކު އިންތިޒާރު ކުރަމުން ދާ އިރު، ބޮޑު ބޫޓު ދައްކާލުމަށް ކުރިއަށް ގެންދިޔަ ހާއްސަ އިވެންޓަށްވެސް ގިނަ ބައެއްގެ ތަޢުރީފާއި ސަމާލުކަން ވަނީ ލިބިފައެވެ.
މިހާތަނަށް، ބަޔަކަށް ކިއާ ހޫނު މަރުޙަބާ ޤަތަރުން ފެނިގެންދާނެ. ވަރަށްވެސް ހޫނު މަރުޙަބާއެއް. ސަބަބެއް ނެތިއެއްވެސް ނޫން. މިކަމަށް އަހަރެން ތައްޔާރުވާތާ 12 އަހަރު. މި ދުވަހުގެ ހުވަފެންތައް ދެކެމުން މިދަނީ 2010 ވަނަ އަހަރުން ފަށައިގެން. ހުރިހާ އެންމެންވެސް ގަޔާވާނެ ކަމަށް ޢުއްމީދު ކުރަން.މުބާރަކް އަލްޚައިރިން؛ ޤަތަރުގެ ރައްޔިތެއް
ދުނިޔޭގެ އެކި ކަންކޮޅުތަކުން އެތައް ބައެއްގެ އިންތިޒާރުތަކާ ގުޅިފައިވާ ފީފާ ވޯލްޑްކަޕްގެ ފޯރި، ޤަތަރުގައި އެންމެ ގަދައަށް ނަގަމުންދާ އެއް ސަރަޙައްދަކީ ސޫޤު ވާޤިފް ސަރަޙައްދު ކަމާ މެދަކު ޝައްކެއް ނެތެވެ. ކާރޫބާރު ބޮޑުވި ނަމަވެސް، މީހުން ތިބީ އުފަލުންނެވެ.
ކަން މިހެން އޮތަސް، ޤަތަރު ވަރަށް ހިތްގައިމު މިހާރު. މީހުން އެބަ އުޅޭ. އަހަރަމެން މި ތިބީ ވަރަށް އުފަލުން. އެތައް ޤައުމެއްގެ އެތައް ބަޔަކު އެބަ އުޅޭ. އެކި ނަސްލާއި އެކި ޘަޤާފަތުގެ މީހުން އެބަ އުޅޭ. މީ ވަރަށް އެދެވޭ ކަމެއް.ޚާލިދު ތުރުކީ އަލް ސުބާއީ؛ ޤަތަރުގެ ރަށްވެއްސެއް
ދުވަހަކަށް ވުރެ ދުވަހެއް، ވޯލްޑްކަޕްގެ މޫޑު ގަދަވަމުން ދާއިރު، ސޫޤު ވާޤިފް ސަރަޙައްދުގެ ފޯރިވެސް ދަނީ ގަވަމުންނެވެ.