އަފްޣާނިސްތާނުގައި ހިންގޭ ޝަރީއަތްތަކުގައި އިސްލާމީ ޝަރީއަތާ އެއްގޮތްވާގޮތުގެ މަތިން ހުކުމް ކަނޑައެޅުމަށް، ތާލިބާން ލީޑަރ ހަބީބަތުﷲ އަޚުންދްޒާދާ އެގައުމުގެ ފަޑިޔާރުންނަށް އަންގަވައިފިއެވެ.
އަޚުންދްޒާދާގެ ތަރުޖަމާނު ބުނެފައިވާގޮތުގައި، ވައްކަންކުރުމާއި ކިޑްނެޕްކުރުން އަދި ސަރުކާރު ނުވަތަ ވެރިކަމުގެ ނިޒާމާ ދެކޮޅަށް ހަކާތްތައް ހިންގުންފަދަ އަމަލުތަކަށް އަދަބު ކަނޑައަޅަން ޖެހޭނީ އިސްލާމީ ޝަރީއަތާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށް މުއްލާ ވިދާޅުވެފައިވެއެވެ.
ވިހި އަހަރަށް ފަހު މިދިޔަ އަހަރު ތާލިބާނުން ވަނީ އަނެއްކާވެސް އަފްޣާނިސްތާނުގެ ވެރިކަމާ ހަވާލުވެފައެވެ.
90ގެ އަހަރުތަކުގައި ތާލިބާނުންގެ ވެރިކަމެއް އަފްޣާނިސްތާނުގައި އޮތްއިރު މިފަދަ އެތައް ހުކުމެއް ތަންފީޒްކޮށްފައި ވެއެވެ. މިގޮތުން އާންމުކޮށް ފެންނަގޮތަށް ބޯކެނޑުމާއި، އަތް ކެނޑުމާއި އަދި ރަޖަމްކުރުން ފަދަ އަދަބުތައް ދީފައިވެއެވެ. މިއަމަލު ތަކުގެ ސަބަބުން ގިނަ ފަރާތްތަކެއްގެ ފާޑުކިއުން ތާލިބާނުންނަށް އަމާޒުވިއެވެ.
ތާލިބާން ޖަމާއަތުން މިދިޔަ އަހަރު އަލުން އަފްޣާނިސްތާނުގެ ވެރިކަމަށް އައިސްފައިވާއިރު، އެފަރާތުން ވަނީ ކުރިއަށްވުރެ އަދަބުތައް ލުއިކުރާނެ ކަމަށް ބުނެފައެވެ. ނަމަވެސް ހަރުކަށި ފިކުރުގެ އިސްލާމިސްޓް ގްރޫޕުން އަނެއްކާވެސް ގެންދަނީ މިނިވަންކަން ހަނިކޮށް، އަދަބުދިނުން އިތުރުކޮށްފައެވެ. ޚާއްސަކޮށް އަންހެނުންގެ ހައްގުތައް ނިގުޅައިގަނެ އެމީހުންގެ މިނިވަންކަމަށް އަންނަނީ ހުރަސް އަޅަމުންނެވެ.
ތާލިބާނުންގެ ސުޕްރީމް ލީޑަރ ވިދާޅުވިކަމަށް ތަރުޖަމާނު ހާމަކޮށްފައިވާގޮތުގައި، އިސްލާމީ ޝަރީއަތުގެ ދަށުން، އެފަދަ އަދަބުތައް ހައްގުވާ ޖަރީމާތަކަށް އަރައިގެންފައިވާނަމަ ފަޑިޔާރުން ހުކުމް ކުރަންވާނީ ޝަރީއަތާ އެއްގޮތަށެވެ.
ތަރުޖަމާނު ޒަބީހުﷲ މުޖާހިދު ހާމަކޮށްފައިވާގޮތުގައި މުއްލާ އަހުންދްޒާދާ މިފަދަ އަމުރެއް ކުރައްވާފައިވަނީ ފަޑިޔާރުންގެ ގްރޫޕަކާއެކު އާދީއްތަ ދުވަހު ބޭއްވެވި ބައްދަލުވުމެއްގައެވެ.
އިސްލާމީ ޝަރީއަތުގެ ދަށުން ހުކުމް ކަނޑައަޅަންޖެހޭ ޖަރީމާތަކާއި ހުކުމްތައް، ސީދާ ކަނޑައެޅިގެން ތާލިބާން ޖަމާއަތުން އަދި އަންގާފައިނުވާކަމަށްވެއެވެ. ނަމަވެސް ވަގުންނާއި ކިޑްނެޕަރުންނާއި ވެރިންނަށް ޣައްދާރުވާ ފަރާތްތަކުގެ ފައިލްތައް ރަގަޅަށް ބަލައި މުތާލިއާކުރުމަށް އަންގާފައިވާ ކަމަށް ވެއެވެ.