ކ. މާލެ
|
14 ނޮވެންބަރ 2022 | ހޯމަ 15:15
ތުރުކީގައި ބޮން ގޮއްވި ހާދިސާއަށްފަހު މީހުން ރޮނީ
ތުރުކީގައި ބޮން ގޮއްވި ހާދިސާއަށްފަހު މީހުން ރޮނީ
ގެޓީ އިމޭޖަސް
ތުރުކީގައި ބޮން ގޮއްވުން
ތުރުކީ ބޮމުގެ ހަމަލާއާ ގުޅިގެން އެކަކު ހައްޔަރުކޮށްފި
މިހަމަލާގައި 6 މީހުން މަރުވެ، 81 މީހުންނަށް އަނިޔާލިބިފައިވޭ

ތުރުކީގެ އިސްތަންބުލްގެ ކާރޫބާރޫ ބޮޑު މަގެއްގައި އާދީއްތަ ދުވަހު ހަވީރު ދިން ބޮމުގެ ހަމަލާއާ ގުޅިގެން އެކަކު ހައްޔަރުކޮށްފިއެވެ. ބޮން ގޮއްވާލާފައިވަނީ ވިޔަފާރީގެ މައި މަރުކަޒެއްކަމަށްވާ ތަކްސިމް ސްކޮޔާ ސަރަހައްދުގައި، އެގައުމުގެ ގަޑިން ހަވީރު ހަތަރުގަޑި ވިހި އެހާކަންހާއިރުވެއެވެ. ހަމަލާގައި 6 މީހުން މަރުވެފައިވާއިރު 81 މީހުންނަށް އެކިވަރުގެ އަނިޔާތައް ލިބިފައިވާކަމަށް ފަހުގެ ޚަބަރުތައް ބުނެއެވެ.

ހަމަލާއާ ގުޅިގެން ނައިބު ރައީސް ފުއާދު އޮކްތޭ ވިދާޅުވީ، މިހަމަލާއަކީ ޓެރަރިސްޓް ހަމަލާއެއްކަމަށާއި ހަމަލާ ދިންކަމަށް ބެލެވެނީ އަންހެނެއްކަމަށެވެ.

ރައީސް ރަޖަބް ތައްޔިބް އުރްދުޣާންވެސް ވަނީ ހަމަލާއާ ގުޅިގެން ނޫސްވެރިންނާ ބައްދަލުކުރައްވާފައެވެ. ރައީސްވެސް ވަނީ މިއީ ޓެރަރިސްޓް ހަމަލާއެއް ކަމުގެ "ވަސް" އެބަހުރިކަމަށް ވިދާޅުވެފައެވެ. އަދި މިކަމުގެ ފަހަތުގައިވާ ބަޔަކަށް ހައްގު އަދަބު ދެއްވާނެކަމަށް ވިދާޅުވެފައިވެއެވެ. އަދި މިމައްސަލަ ތަހްގީގުކުރުމަށް 5 ޕްރޮސެކިއުޓަރުންނާ ވަނީ ހަވާލުކުރައްވާފައެވެ. 

ތުރުކީގެ ޖަސްޓިސް މިނިސްޓަރ މައުލޫމާތުދެއްވާފައިވާ ގޮތުގައި، ބޮންގޮއްވި ސަރަހައްދުގައި ހުރި ދިގު ގޮނޑިއެއްގައި އަންހެނަކު 40 މިނިޓަށްވުރެ ގިނަ އިރުވަންދެން އިންކަން ފާހަގަ ކުރެވިފައިވާ ކަމަށާއި، ބޮން ގޮވާފައިވަނީ އޭނާ ތެދުވެގެން ދިޔަތާ ކުޑައިރުކޮޅެއް ތެރޭ ކަން ފާހަގަކުރައްވާފައިވެއެވެ.

ހޯމަ ދުވަހު ހެދުނު އިންޓީރިއަރ މިނިސްޓަރ ސުލައިމާން ސޮއިލު ވިދާޅުވީ، ބޮން ބޭއްވިކަމަށް ޝައްކުކުރެވޭ މީހާ ހައްޔަރުކޮށްފައިވާކަމަށެވެ. އަދި މި ހަމަލާއަކީ ކުރުދިސްތާން ވަރކަރސް ޕާޓީ ނުވަތަ ޕީކޭކޭއިން ދިން ހަމަލާއެއްކަމަށް އިންޓީރިއަރ މިނިސްޓަރ ތުހުމަތު ކުރެއްވިއެވެ. ޕީކޭކޭއަކީ ތުރުކީގައި ކުރުދީންގެ ވަކި ދައުލަތެއް އުފެއްދުމަށް ގޮވާލައި، އެކަމަށް މަސައްކަތް ކުރަމުން ގެންދާ ހަރުކަށި ޖަމާއަތެކެވެ. އީޔޫއާއި އެމެރިކާއިން ވަނީ ޕީކޭކޭއަކީ ޓެރަރިސްޓް ޖަމާއަތެއްކަމަށް ބުނެފައެވެ.

ބޮންގޮއްވާލެވުނު އިސްތިގްލާލް އެވެނިއުއަކީ ވެހިކަލްތަކަށް ނުވަދެވޭގޮތަށް އޮންނަ، އާންމުގޮތެއްގައި ވިޔަފާރިއާއި މުނިފޫހި ފިލުވުމުގެ ހަރަކާތްތަކުން ފުރިފައި އޮންނަ މަގެކެވެ.

- ކޮމެންޓް