ކ. މާލެ
|
13 ނޮވެންބަރ 2022 | އާދީއްތަ 21:37
ތުރުކީގައި ބޮމުގެ ހަމަލާ ދިން ތަން
ތުރުކީގައި ބޮމުގެ ހަމަލާ ދިން ތަން
ރޮއިޓާރސް
ތުރުކީގައި ބޮން ގޮއްވުން
ތުރުކީގެ އިސްތަންބުލްގައި ދިން ބޮމުގެ ހަމަލާގައި 6 މީހުން މަރުގެ، އަނިޔާވި މީހުންގެ އަދަދު 53ށް
 
6 މީހުން މިހާރުވެސް މަރުވެފައިވާއިރު، މި އަދަދު އަދިވެސް އިތުރުވާނެކަމަށް ދަނީ ބެލެމުން

އާދީއްތަ ދުވަހުގެ ހަވީރު ތުރުކީގެ، ހިނގާފައިއުޅޭ ބާރުބޮޑު މަގެއްކަމަށްވާ އިސްތިގްލާލް އެވެނިއުގައި ބޮމެއް ގޮއްވާލުމުގެ ސަބަބުން 6 މީހުން މަރުވެ، ޒަޚަމްވި މީހުންގެ އަދަދު 53ށް އަރައިފިއެވެ. ހަމަލާދިން ތަނުގައި 4 މީހުން މަރުވިއިރު، ހޮސްޕިޓަލަށް ގެންދެވުނުފަހުން ދެމީހުން މަރުވެފައި ވެއެވެ. ގިނަބަޔަކަށް ސީރިއަސް ޒަޚަމްތައް ލިބިފައިވުމާއެކު މަރުވާ މީހުންގެ އަދަދު އަދިވެސް އިތުރުވާނެކަމަށް ދަނީ ބެލެމުންނެވެ.

މިހަމަލާއާ ގުޅިގެން ތުރުކީގެ ރައީސް ރަޖަބް ތައްޔިބް އުރްދުޣާން ވަނީ ހިތާމަ ފާޅުކުރައްވައި އަދި އާއިލާތަކަށް ތައުޒިޔާ ވިދާޅުވެފައެވެ. އިންޑޮނީޝިޔާގެ ބާލީގައި އަންގާރަދުވަހު ފެށޭ ޖީ 20 ސަމިޓަށް ފުރާވަޑައިގެންނެވުމުގެ ކުރިން ވާހަކަފުޅު ދައްކަވަމުން ރައީސް އުރްދުޣާން ވިދާޅުވީ، މިއީ ހީލަތްތެރިގޮތަކަށް ދިން ހަމަލާއެއްކަމަށާއި، މިކަމުގެ ފަހަތުގައިތިބި ބަޔަކަށް ހައްގު އަދަބު ދެއްވާނެ ކަމުގައެވެ.

އަދި މައްސަލަ ތަހުގީގު ކުރުމަށް މިހާރުވެސް ވަނީ 5 ޕްރޮސެކިއުޓަރުންނާ ހަވާލުކުރައްވާފައެވެ.

އަނިޔާވި މީހުންނާއި މަރުވި މީހުން އަވަހަށް އެތަނުން ނެރުމަށް ހެލިކޮޕްޓަރުތަކާއި އަދި އެމްބިއުލާންސްތައް ހަރަކާތްތެރިވަމުން ގޮސްފައިވެއެވެ. މީގެ އިތުރުން ފަޔަރ ޓްރަކްތަކާއި ފުލުހުންގެ ވެހިކަލްތައްވެސް އެތަނަށް ގޮސްފައިވެއެވެ.

އިސްތަންބުލްގެ އިސްތިގްލާލް އެވެނިއުއަކީ މީހުން ގިނައިން އެއްވާ، ޓުއަރިސްޓުންގެ ވެސް މަގްބޫލް މަގެއްކަމަށް ޚަބަރުތައް ބުނެއެވެ. މިމަގުގައި ބޮޑެތި ފިހާރަތަކާއި ޗެއިން ސްޓޯރުތަކާއި ކަލްޗަރަލް ސައިޓްތަކުގެ އިތުރުން ބައެއް ޑިޕްލޮމެޓިކް އައުޓްޕޯސްޓްތައް ވެސް ހުންނަކަމަށްވެއެވެ.

ވީޑިއޯތަކުން ފެންނަގޮތުގައި ބާރު ގޮވުމަކާއެކު އަލިފާންވެސް ފެނެއެވެ. އެއާއެކު، އެއްވެފައިވާ ޓުއަރިސްޓުންނާއި އެހެންވެސް މީހުން ދުވާތަން ފެނެއެވެ.

މައްސަލަ ތަހުގީގުކުރަމުން ދިއުމާއެކު ސަރުކާރުންވަނީ މިހާދިސާގެ ޚަބަރުތައް ރިޕޯޓްކުރުން ވަގުތީގޮތުން މަނާކޮށްފައެވެ. މިގޮތަށް މަނާކުރުމުން އެއްވެސް ޚަބަރު ޗެނެލަކުން، ބޮންގޮވި މަންޒަރާއި އެއާގުޅިގެން ހިނގާ ކަންތައްތައް ރިޕޯޓެއް ނުކުރެވޭނެއެވެ. ނަމަވެސް ސޯޝަލް މީޑިއާއިން ފެންނަ ވީޑިއޯތަކުން، ފިހާރަތަކުގެ ބިއްލޫރިތައް ކުދިކުދިވެފައިވާތަން ފެނެއެވެ.

އިސްތިގްލާލް އެވެނިއު މިހާރުވަނީ ބަންދުކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
100%
0%
0%
0%
ކޮމެންޓް