ހަތަރު ވަނަ ގައުމީ ގްރޯން ޕްރީގެ އެންމެ މޮޅު އެތުލީޓުންނަށް ހުސެއިން ފަޒީލް ހާރޫންއާއި, މަރިޔަމް ރޫޔާ އަލީ ހޮވިއްޖެއެވެ.
ދެ އެތްލީޓުންވެސް އެންމެ މޮޅު އެތްލީޓްގެ މަޤާމް ހޯދީ ޤައުމީ ރެކޯޑާވެސް އެކުއެވެ. މުބާރާތުގައި ފަޒީލް ވަނީ 1500 މީޓަރާއި, 3000 މީޓަރު ދުވުން ގައުމީ ރެކޯޑާއެކު ކާމިޔާބުކޮށް, ރަން މެޑަލް ހޯދާފައެވެ. މީގެއިތުރުން ފަޒީލް ވަނީ 800 މީޓަރުގެ ރަން މެޑަލްވެސް ހޯދާފައެވެ. ފަޒީލް 3000 މީޓަރުގެ ގައުމީ ރެކޯޑް ހެދީ ނުވަ މިނެޓު 02.57 ސިކުންތުން ރޭސް ނިންމައިގެންނެވެ. ކުރިންވެސް މިރެކޯޑް އޮތީ ފަޒީލް އަތުގައެވެެ. 1500 މީޓަރު ފަޒީލް ކާމިޔާބުކުރީ ހަތަރު މިނެޓު 08.09 ސިކުންތުން ރޭސް ނިންމައިގެންނެވެ. ފަޒީލްގެ ފަހަތުން ދެވަނަ ހޯދި ސާއިދުވެސް ތިން ރަން މެޑަލް ހޯދިއެވެ. އެއީ 100, 200 އަދި 400 މީޓަރުންނެވެ.
ރޫޔާ އެއްވަނަ އެތްލީޓްގެ މަގާމް ހޯދީ ދެ ރަން މެޑަލް ހޯދައިގެންނެވެ. އެއީ 100 މީޓަރު ދުވުމުގެ އަންހެން ކެޓަގަރީންނާއި, ލޯންގް ޖަމްޕުންނެވެ. މީގެތެރެއިން ލޯންގް ޖަމްޕުން ރޫޔާ ވަނީ ޤައުމީ ރެކޯޑް ހަދާފައެވެ. އެއީ 5.19 މީޓަރަށް ފުންމައިގެންނެވެ. ގައުމީ މުބާރާތުގެ އެންމެ މޮޅު އަންހެން އެތްލީޓް ޖާއިޝާވެސް މިމުބާރާތުގައި ދެ ރަން މެޑަލް ހޯދިއެވެ. އެއީ 1500 މީޓަރާއި 800 މީޓަރުންނެވެ.