ރާއްޖޭގައި މިއަހަރު ބޭއްވުނު ކޮންމެ ބައިނަލްއަގްވާމީ މުބާރާތަކަށް ހިނގި ޚަރަދުގެ 95 ޕަސެންޓް ޚަރަދުކޮށްފައިވާނީ ޔޫތު މިނިސްޓްރީން ކަމަށް މިނިސްޓަރ އޮފް ޔޫތު ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަމެންޓް އަހްމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.
މިނިސްޓަރ ވިދާޅުވީ މިނިސްޓްރީން އެވަރަށް ޚަރަދު ނުކުރި ނަމަ އެމުބާރާތްތައް ރާއްޖޭގައި ނުބޭއްވޭނެ ކަމަށެވެ. އެއީ ސްޕޮންސަރުން ލިބުމުގައި ދިމާވި ދަތިތަކާއި ހުރެކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.
މިދިޔަ ދެއަހަރުތެރޭ ގާތްގަނޑަކަށް 140 މިލިޔަން ރުފިޔާ ކުޅިވަރަށް ޚަރަދުކުރެވިފައި ވާނެ. މިއަހަރު ނިމޭއިރު އަޅުގަނޑަށް ގަބޫލުކުރެވޭ ގޮތުގައި ގާތްގަނޑަކަށް 80 ވަރަކަށް މިލިއަން ރުފިޔާ މިއަހަރު ބޭއްވި ކުޅިވަރުތަކަށް ޚަރަދުވާނެ. މި ދެންނެވީ ޕީއެސްއައިޕީ ޕްރޮޖެކްޓަތައް ނުލާ.މިނިސްޓަރ އޮފް ޔޫތު ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަމެންޓް އަހްމަދު މަހްލޫފް
މިނިސްޓަރ ވިދާޅުވީ ޕީއެސްއައިޕީ ޕްރޮޖެކްޓްތައް ހިމަނައިގެން ކުޅިވަރަށް ކޮށްފައިވާ ޚަރަދުތައް ޖުމްލަ ކުރާނަމަ މިއަހަރުތެރޭ އެކަނިވެސް 250 މިލިއަނެއްހާ ރުފިޔާ ހަމައެކަނި ކުޅިވަރަށް ޚަރަދުކުރެވިފައި ވާނެ ކަމަށެވެ.
މިއަހަރު ރާއްޖޭގައި ބައިނަލްއަގްވާމީ ހަތް މުބާރާތެއް މިހާތަނަށް ވަނީ ބާއްވާފައެވެ. މިއީ އެއް އަހަރެއްގެ ތެރޭގައި ރާއްޖޭގައި އެންމެ ގިނަ ބައިނަލްއަގްވާމީ މުބާރާތް ބޭއްވި އަހަރެވެ.
މިނިސްޓަރ ވިދާޅުވީ ރާއްޖޭގައި ބައިނަލްއަގްވާމީ ކުޅިވަރު މުބާރާތްތައް ބޭއްވުމަކީ ރައީސް އިބްރާހިމް މުޙައްމަދު ސާލިޙުގެ ރިޔާސީ ވައުދުފުޅެއް ކަމަށެވެ. އަދި ކުޅިވަރުގެ ދާއިރާއާއި ގުޅޭ ހުރިހާ ކަމަށްވެސް ރައީސްގެ ފަރާތުން ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ލިބިވަޑައިގަންނަވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އެގޮތުން މީގެ ކުރިން އެއްވެސް ސަރުކާރަކުން ކުޅިވަރަށް ނުކޮށްދޭ އެތައް ކަމެއް މި ސަރުކާރުން ކޮށްދީފައިވާނެ ކަމަށާއި، އެތަކެއް ބަދަލުތަކެއް ގެނެސްދީފައިވާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.