އެމްބީއޭ ޗެމްޕިއަންޝިޕް އަންހެން ޑިވިޝަންގެ ދެވަނަ ބުރުގެ ޖާގަ ހޯދަން ޕްލޭއޮފް ކުޅެން ޖެހޭ ދެޓީމަކަށް ލަޔަނެސްއާއި ރައިޒިންގ ބާސްކެޓްބޯޅަ އެކަޑަމީ ވެއްޖެއެވެ.
ފުރަތަމަ ބުރުގެ ކުޅުން ނިމުނުއިރު ގްރޫޕް އޭގައި ކުޅުނު ދެ މެޗުންވެސް ބަލިވެ ފުލަށް ދިޔައީ ރައިޒިންގ ބާސްކެޓްބޯޅަ އެކަޑަމީއެވެ. އެޓީމް ފުރަތަމަ މެޗުގައި ބެންޗް ސްޕޯރޓްސް ކްލަބް އަތުން ބަލިވީ 98-18 ޕޮއިންޓުންނެވެ. ދެވަނަ މެޗުގައި އެލީޓް ސްޕޯރޓްސް ކްލަބް އަތުން ބަލިވީ 116-4 ޕޮއިންޓުންނެވެ. މިގްރޫޕުން އެއްވަނަ ހޯދީ ދެ މެޗުންވެސް މޮޅުވި އެލީޓް ސްޕޯރޓްސް ކްލަބެވެ.
ލަޔަނެސް ޕްލޭއޮފް ކުޅެން ޖެހުނީ ގްރޫޕް ބީގެ ފުލަށް ދިއުމުންނެވެ. އެޓީމްވެސް ވަނީ ފުރަތަމަ ބުރުގެ ދެ މެޗުންވެސް ބަލިވެފައެވެ. ފުރަތަމަ މެޗުގައި ސައިކްލޯން ބާސްކެޓްބޯޅަ ކްލަބް އަތުން ބަލިވީ 102-23 ޕޮއިންޓްގެ ބޮޑު ތަފާތަކުންނެވެ. ދެވަނަ މެޗުގައި ކްއީންސް އަތުންވެސް ބަލިވީ ބޮޑު ތަފާތަކުންނެވެ. އެއީ 109-15 ޕޮއިންޓުންނެވެ. މިގްރޫޕްގެ އެއްވަނަ ޓީމްގެ ގޮތުގައި ދެވަނަ ބުރަށް ދިޔައީ ދެ މެޗުންވެސް މޮޅުވި ކްއީންސްއެވެ. ދެވަނަ ޓީމްގެ ގޮތުގައި ދެވަނަ ބުރަށް ދިޔައީ ދެ މެޗުގެ ތެރެއިން އެއް މެޗުން މޮޅުވި ސައިކްލޯން ބާސްކެޓްބޯޅަ ކްލަބެވެ.
ޕްލޭއޮފްގައި ލަޔަނެސްއާއި ރައިޒިން ބާސްކެޓްބޯޅަ އެކަޑަމީ ވާދަކުރާނީ އާދިއްތަ ދުވަހުގެ ރެއެވެ. އެމެޗުން މޮޅުވާ ޓީމަކަށް ދެވަނަ ބުރުގެ ފަހު ޖާގަ ލިބޭނެއެވެ.