މިމަހު 20 ވަނަ ދުވަހު ފަށާ ވޯލްޑް ކަޕްގައި ޓޮޓެންހަމްގެ ސައުތު ކޮރެއާ ފޯވާޑް ސޮން ހެއުން-މިން އަށް ކުޅެވޭނެކަމަށް ޓޮޓެންހަމްގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ބުނެފިއެވެ.
ކޮންޓޭ ބުނީ އަނިޔާއަށްފަހު އެނބުރި އައިސް ވޯލްޑްކަޕްގައި ސޮން އަށް ކުޅެވޭނެކަމުގެ ޔަޤީންކަން އޭނާ އަށް އެބައޮތްކަމަށެވެ. ސޮން އަށް އަނިޔާވީ އަންގާރަ ދުވަހު ޗެމްޕިއަންސް ލީގުގައި 2-1 ން މާސޭ އަތުން މޮޅުވި މެޗުގައެވެ. އަނިޔާވީ ކަނާތު ލޮލުގެ ކަށިގަނޑަށެވެ. އަނިޔާ އިން ރަނގަޅުވުމަށް އޭނާ ވަނީ ހުކުރު ދުވަހު އޮޕަރޭޝަނެއް ކޮށްފައެވެ. ލިވަޕޫލް އަތުން ޓޮޓެންހަމް ބަލިވި މެޗުގައި ސޮން އަށް ނުކުޅެވެއެވެ. އެކަމަކު ކޯޗު ކޮންޓޭ ބުނީ ރަނގަޅަށް ރިކަވަރީގެ ކަންކަން ގޮސް ވޯލްޑްކަޕަށް ސޮން އެނބުރި އަންނާނެކަމަށް އުއްމީދުކުރެވޭކަމަށެވެ. އަނިޔާގެ ސަބަބުން ވޯލްޑް ކަޕް ގެއްލިދާނެތީ ސޮން ހުރީ ވަރަށް ބޮޑަށް ދެރަވެ މާޔޫސްވެފައިކަމަށް ވެސް ކޮންޓޭ ބުންޏެވެ.
އަހަންނަކީ ކުރިން ކުޅުންތެރިއެއް. އަހަންނަށް އެނގޭ ވޯލްޑްކަޕް ކުޅުން ކިހާ މުހިއްމުކަން.އެންޓޯނިއޯ ކޮންޓޭ/ ޓޮޓެންހަމް ކޯޗު
ކޮންޓޭ ތަކުރާރުކޮށް ބުނީ ޤަތަރު ވޯލްޑް ކަޕްގައި ސައުތު ކޮރެއާ ޓީމަށް ސޮން ކުޅޭނެކަމަށް ޔަޤީންކުރާކަމަށެވެ. ސައުތު ކޮރެއާގެ ފުރަތަމަ މެޗުގައި މިމަހު 24 ވަނަ ދުވަހު ވާދަކުރަން ޖެހޭނީ އުރުގުއޭއާއެވެ.