ބަޔާން މިއުނިކް އަދި ޖަރުމަނުގެ އެއްނަންބަރު ގޯލް ކީޕަރު މެނުއެލް ނޯޔާއަށް ލިބުނު އަނިޔާއިން ސަލާމަތްވެ ބަޔާން މިއުނިކްގެ ފަރިތަކުރުންތަކުގައި ބައިވެރިވާން ފަށައިފިއެވެ.
މިދިޔަ އޮކްޓޫބަރު މަހުގެ ކުރީކޮޅު ނޯޔާގެ ކޮނޑަށް ވަނީ އަނިޔާވެފައެވެ. މި އަނިޔާގައި މަހެއްހާ ދުވަހު ކުޅުމާއި ދުރުގައި ނޯޔާ ހޭދަކުރަން ޖެހުނުއިރު އޭނާއަށް ވަނީ ކުރިއަށް އޮތް ވޯލްޑް ކަޕް ނުކުޅެވިދާނެ ކަމުގެ ބިރުވެސް އޭރު ހީވެފައެވެ. ނަމަވެސް އަނިޔާއިން ރަނގަޅުވެ, ހޮނިހިރު ދުވަހުގެރޭ ހަރްތާ ބާލިންއާއި ދެކޮޅަށް ބަޔާން ނުކުންނަ މެޗުގައި ނޯޔާ ކުޅުމުގެ ފުރުސަތު ބޮޑެވެ.
ބަޔާންގެ ކޯޗު ހޫލިއަން ނާގަލްސްމަން ބުނީ އެމެޗުގައި އޭނާއަށް ފުރުސަތު ދޭނީ ފަރިތަކުރުންތައް ބެލުމަށްފަހު އަނިޔާއިން އެއްކޮށް ރަނގަޅުވެފައިވާ ކަމުގެ ފުރިހަމަ އިތުބާރު ލިބިއްޖެ ކަމުގައި ވާނަމައެވެ.
ނޯޔާގެ އަނިޔާއިން ސަލާމަތްވުމަކީ ޖަރުމަނުގެ ކޯޗު ހަންސީ ފްލިކްއަށްވެސް އޮތް ވަރަށް ބޮޑު ހިތްހަމަޖެހުމެކެވެ. ނޯޔާއަކީ ޖަރުމަނު ޓީމުގެ އެންމެ މުހިންމު އެއް ކުޅުންތެރިޔާއެވެ. ވޯލްޑް ކަޕްގައި ބައިވެރިވާ ޓީމުތަކުގެ ސްކޮޑު މިއަންނަ ބުރާސްފަތި ދުވަހު ފައިންލަ ކުރަން ޖެހޭއިރު, ނޯޔާގެ އަނިޔާއިން ސަލާމަތްވުމަކީ އެޓީމަށް ލިބޭނެ ބޮޑު ކުރިއެރުމެކެވެ.
ގަތަރުގައި ބާއްވާ ފީފާ ވޯލްޑް ކަޕް ފަށާނީ މި މަހުގެ 20 ވަނަ ދުވަހުއެވެ. މުބާރާތުގައި ޖަރުމަނުގެ ފުރަތަމަ މެޗުގައި މި މަހުގެ 23 ވަނަ ދުވަހު ނުކުންނަން ޖެހޭނީ ޖަޕާނާއި ދެކޮޅަށެވެ.