ރެއާލް ސޮސިއެޑާޑްގެ ރެކޯޑް ނިމުމަކަށް ގެނެސް ފަހު މެޗުގައި މޮޅެއް ހޯދި ނަމަވެސް, މެންޗެސްޓަރ ޔުނައިޓެޑަށް ޕްލޭއޮފް ކުޅެން ޖެހިއްޖެއެވެ.
ޔުއެފާ ޔޫރޮޕާ ލީގުގެ ގްރޫޕް ސްޓޭޖްގެ ފަހު މެޗުގައި މެންޗެސްޓަރ ޔުނައިޓެޑުން ރެއާލް ސޮސިއެޑާޑްގެ މައްޗަށް ކުރި ހޯދީ 1-0 ނެވެ. މެޗުގެ ހަމައެކަނި ލަނޑު ޖެހީ 18 އަހަރުގެ ގާނާޗޯއެވެ. ރޮނަލްޑޯ ތަނަވަސްކޮށްދިން ފުރުޞަތަކުން މެޑްރިޑަށް އުފަން ޒުވާން ކުޅުންތެރިޔާ ލަނޑު ޖެހީ 17 ވަނަ މިނެޓުގައެވެ. މިއީ އޭނާ ޔުނައިޓެޑްގެ ފުރަތަމަ އެގާރައިގައި ކުޅެން ނުކުތް ދެ ވަނަ މެޗެވެ.
މެޗުން މޮޅުވެ ޔުނައިޓެޑުން ވެސް ވަނީ އެއް ވަނައިގައި އޮތް ރެއާލް ސޮއިއެޑާޑާ ޕޮއިންޓްގެ ގޮތުން ހަމަކޮށްފައެވެ. ދެ ޓީމަށް ވެސް ހަ މެޗުން 15 ޕޮއިންޓް ލިބުނެވެ. އެކަމަކު ގޯލްގެ ތަފާތުން ކުރި ހޯދައިގެން ދެ ވަނަ ބުރު ޔަޤީންކުރީ ރެއާލް ސޮސިއެޑާޑްއެވެ. މެންޗެސްޓަރ ޔުނައިޓެޑަށް ޖެހޭނީ ދެ ވަނަ ބުރުގެ ޖާގަ ހޯދަން ޕްލޭއޮފް ދެ ލެގު ކުޅޭށެވެ. މިއީ މިސީޒަންގެ ޔޫރޮޕާ ލީގުގައި ރެއާލް ސޮއިއެޑާޑްގެ ފުރަތަމަ ބައްޔެވެ.
ޗެމްޕިއަންސް ލީގު ގްރޫޕް ސްޓޭޖުން ޔޫރޮޕާ ލީގަށް ސޮއްސާލި ޓީމްތަކުގެ ތެރޭގައި ބާސެލޯނާ އާއި ރޮނަލްޑޯގެ ކުރީގެ ކްލަބް ޔުވެންޓަސް އާއި އެރިކް ޓެން ހާގް ކުރިން ކޯޗުކޮށްދިން އަޔެކްސް ވެސް ހިމެނެއެވެ. މީގެއިތުރުން ހިމެނެނީ ސެވިއްޔާ އާއި ސްޕޯޓިންގ ލިޒްބަން އާއި ބަޔާ ލެވަކޫސަން އާއި ރެޑްބުލް ސަލްޒްބާގްއެވެ. ޕްލޭއޮފްގައި ވާދަކުރަން ޖެހޭނީ މީގެތެރެއިން ޓީމަކާއެވެ. ޕްލޭއޮފް ކުޅޭނީ އަންނަ އަހަރުގެ ފެބްރުއަރީ މަހުއެވެ.