ގްރޫޕް ސްޓޭޖް ފަހު މެޗުގައި 1-0 ން ޒިިޔުރިކް ބަލިކޮށް, އާސެނަލްއިން ޔުއެފާ ޔޫރޮޕާ ލީގުގެ ދެ ވަނަ ބުރުގެ ޖާގަ ޔަޤީންކޮށްފިއެވެ.
އާސެނަލް ދެ ވަނަ ބުރު ޔަޤީން ކުރީ ހަ މެޗުން 15 ޕޮއިންޓާ އެކު ގްރޫޕްގެ އެއް ވަނަ ކަށަވަރުކޮށްގެންނެވެ. ގްރޫޕްގެ ދެ ވަނަ ލިބުނީ 13 ޕޮއުންޓާ އެކު ޕީއެސްވީ އެއިންދޯވަންއަށެވެ. ޕީއެސްވީން ވަނީ ފަހު މެޗުގައި 2-1 ން ބޯޑޯ ބަލިކޮށްފައެވެ. ފަހު މެޗުގައި ޒިޔުރިކް ކޮޅަށް ހަމައެކަނި ގޯލް ޖެހީ ޓިއާނޭއެވެ. އޭނާ 20 ޔާޑުން ފޮނުވާލި ބޯޅަ ވަނީ ގޯލްގެ ކަނާތް ފަރާތު ކަނަށެވެ. މިއީ މިސީޒަންގެ ހުރިހާ މުބާރާތްތަކެއްގައި 12 މެޗުން ހޯދި 10 ވަނަ މޮޅެވެ. ޕްރިމިއަރ ލީގު ތާވަލްގެ އެއް ވަނައިގައި ވެސް އޮތީ އާސެނަލްއެވެ.
މެޗަށްފަހު އާސެނަލްގެ ކޯޗު އާޓެޓާ ބުނީ މިއީ އާސެނަލްގެ އެންމެ މޮޅު މެޗު ނޫން ކަމަށާއި, އެކަމަކު މެޗުން މޮޅުވުމުން ހިތްހަމަޖެހިއްޖެ ކަމަށެވެ.