އުތުރު ކޮރެޔާ އިން މިސައިލެއް ޓެސްޓުތަކެއް ކުރިތާ ދެތިން ގަޑިއިރު ތެރޭ ދެކުނު ކޮރެޔާ އިން ވެސް މިސައިލްތަކެއް ފޮނުވާލައިފިއެވެ. ދެ ފަރާތުން ފޮނުވާލި މިސައިލް ވެސް ވެއްޓިފައިވަނީ އަނެއް ފަރާތުގެ ކަނޑުގެ ސަރަހައްދަށެވެ. މިއީ މިގޮތަށް ދެ ފަރާތުން އެއް ފަހަރާ މިސައިލް ފޮނުވާލި ފުރަތަމަ ފަހަރެވެ.
އުތުރު ކޮރެޔާ އިން ބުދަ ދުވަހު ފޮނުވާލި އެއް މިސައިލް ވެއްޓިފައިވަނީ ދެކުނު ކޮރެޔާގެ ދެކުނުގެ ސިޓީ އެއްކަމަށްވާ ސޮކްޗޯ އާ 26 ކިލޯމީޓަރު ދުރުން ކަނޑު ތެރެއަށެވެ. މިއާއެކު އެގައުމުގެ އަސްކަރިއްޔާއިން ވަނީ އެކަން ކުށްވެރިކޮށް މިއީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ބުނެފައެވެ. އަދި މިއީ ސަރަހައްދީ މިނިވަންކަމަށް އަރައިގަތުމެއް ކަމަށް ބުނެފައިވެއެވެ. އޭގެ ދެތިން ގަޑިއިރު ތެރޭ ދެކުނު ކޮރެޔާ އިން ވަނީ ތިން އެއަރ-ޓު-ގްރައުންޑް މިސައިލް ފޮނުވާލާފައެވެ. މި ތިން މިސައިލް ވެސް ވެއްޓިފައިވަނީ އުތުރު ކޮރެޔާގެ އިންވަކިކުރާ ރޮނގުގެ އެތެރެ އަށް އެއް ދުރުމިނަކަށް ކަނޑު ތެރެއަށެވެ.
ޑިމާކޭޝަން ލައިން ނުވަތަ އިންވަކިކުރާ ރޮނގަކީ ދެކޮރެޔާ ދެމެދުގެ ކަނޑުގެ ސަރަހައްދު މެދުން ބައި ކުރުމަށް ކަނޑައަޅާފައިވާ "ރޮގެނވެ". ނަމަވެސް މިއީ އުތުރު ކޮރެޔާ އިން ގަބޫލު ކުރާ އިމެއް ނޫނެވެ.
އަންގާރަ ދުވަހު އުތުރު ކޮރެޔާ އިން ވަނީ އެމެރިކާ އާ ގުޅިގެން ދެކުނު ކޮރެޔާ އިން ކުރިޔަށްގެންދާ ޖޮއިންޓް މިލިޓަރީ ތަމްރީންތައް ކުރިޔަށް ގެންދާ ނަމަ މުޅި ތާރީޚުގައި ވެސް ދައްކަން ޖެހިފައި ނުވާވަރުގެ އަގެއް ދެކުނު ކޮރެޔާ އިން ދައްކަން ޖެހޭނެ ކަމަށް ބުނެ އިންޒާރު ދީފައެވެ. މިއީ ނިއުކްލިއަރ ހަތިޔާރު ބޭނުން ކުރާނެ ކަމުގެ އިޝާރާތެއް ކަމަށް މީޑިޔާ ރިޕޯޓްތައް ބުނެއެވެ.
ފަސް އަހަރުގެ މެދުކެނޑުމަކަށްފަހު އުތުރު ކޮރެޔާ އިން ނިއުކްލިއަރ ހަތިޔާރު ޓެސްޓުކުރުމުގެ މަސައްކަތް ދާދި އަވަހަށް އަލުން ފަށަން ތައްޔާރުވެފައިވާ ކަމަށް އެމެރިކާ އަދި ދެކުނު ކޮރެޔާގެ އިންޓެލިޖަންސް އިން ބުނެފައިވެއެވެ.
ދެކުނު ކޮރެޔާ އިން އުތުރު ކޮރެޔާ އަށް ރައްދުދީ މިސައިލް ފޮނުވާލާފައި މިވަނީ އެގައުމު ބޮޑުހިތާމައެއްގަ ވެސް ވަނިކޮށެވެ. އެއީ ހެލޮވީން ފާހަގަ ކުރުމަށް އެއްވި މީހުން ފިތިގެން 150 މީހުން މަރުވި ހިތާމަވެރި ހާދިސާއާ ގުޅިގެންނެވެ.
ދެކުނު ކޮރެޔާގެ އޮފިޝަލުން ހާމަކޮށްފައިވާ ގޮތުގައި ބުދަދުވަހު އުތުރު ކޮރެޔާ އިން އެކި މިސްރާބުތަކަށް މަދުވެގެން 10 މިސައިލް ފޮނުވާލާފައިވެއެވެ. ރައްދުގައި ދެކުނު ކޮރެޔާ އިން މިސައިލް ފޮނުވާލީ ހަނގުރާމަ މަތީ މަތިންދާ ބޯޓުތަކުންނެވެ.
އުތުރު ކޮރެޔާ އިން މިއަހަރުގެ މިހާތަނަށް 50 އަށް ވުރެގިނަ މިސައިލް ޓެސްޓުކޮށްފައިވެއެވެ. އޭގެ ތެރެއިން އެއް ބެލިސްޓިކް މިސައިލް ވަނީ ޖަޕާންގެ މަތިން ވެސް ގޮސްފައެވެ.
އެމެރިކާ އާއެކު ދެކުނު ކޮރެޔާ އިން އޮގަސްޓް މަހު ފަށާފައިވާ ޖޮއިންޓް މިލިޓަރީ ތަމްރީންތަކަށް އެމެރިކާގެ ނިއުކްލިއަރ ސަބްމެރީނެއް ވަނީ ހޯމަ ދުވަހު އެހިސާބަށް ގެނެސްފައެވެ.