ކ. މާލެ
|
1 ނޮވެންބަރ 2022 | އަންގާރަ 07:34
އީރާންގައި ސަރުކާރާ ދެކޮޅަށް މުޒާހަރާ ކުރިޔަށް ދަނީ
އީރާންގައި ސަރުކާރާ ދެކޮޅަށް މުޒާހަރާ ކުރިޔަށް ދަނީ
ރޮއިޓާރސް
އީރާންގެ މުޒާހަރާތައް
އީރާންގެ މުޒާހަރާތަކުގައި ބައިވެރިވި 1000 މީހެއްގެ މައްޗަށް ސަރުކާރުން ދައުވާކޮށްފި
ފުލުހުންގެ ބަޑީގެ ހަމަލާތަކުގައި 45 ކުޑަކުދިންނާ އެކު 284 މީހުން މިހާތަނަށް މަރުވެފައިވޭ
ޝަރީއަތް ކުރިޔަށް ގެންދާނީ ހުޅުވާލެވިގެން އެންމެންނަށް އެއްކޮށް

އީރާންގައި ސަރުކާރާ ދެކޮޅަށް މުޒާހަރާ ކުރިކަމުގެ ކުށުގައި ހައްޔަރުކޮށްފައިވާ މީހުންގެ ތެރެއިން އެއްހާސް މީހުންގެ މައްޗަށް ސަރުކާރުން ދައުވާ އުފުލައިފިއެވެ. ޗީފް ޕްރޮސެކިއުޓަރުގެ އޮފީހުން ބުނެފައިވާ ގޮތުގައި އެ މީހުންގެ މައްޗަށް ވަނީ ގައުމު ހަލަބޮލިކޮށް ގަޑުބަޑު އުފެއްދުމަށް އެކި ކަންތައްތައް ކުރިކަމުގެ ދައުވާ ކޮށްފައެވެ. މިގޮތުން ބައެއް ސެކިއުރިޓީ ގާޑުން މަރާލުމާއި އަދި ތަންތާ ހުޅުޖެހުން ފަދަ ކަންތައް ކުރި މީހުން މީގެ ތެރޭގައި ހިމެނޭ ކަމަށް ބުނެފައިވެއެވެ. އަދި މި ހަފްތާތެރޭ އެ މީހުންގެ މައްޗަށް ހުޅުވާލެވިފައިވާ ޝަރީއަތެއް (މާސް ޓްރަޔަލްއެއް) ބޭއްވޭނެ ކަމަށް ޕްރޮސެކިއުޓަރުގެ އޮފީހުން ބުނެފައިވެއެވެ.

އީރާންގައި ސަރުކާރާ ދެކޮޅަށް ކުރިޔަށް ދިޔަ މުޒާހަރާތަކުގައި ހައްޔަރުކޮށްފައިވަނީ ކިތައް މީހުން ކަމެއް އެ ޤައުމުގެ ސަރުކާރުން ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް ހިއުމަން ރައިޓްސް އެކްޓިވިސްޓުން ބުނާ ގޮތުގައި ޖުމްލަ 14 ހާސް މީހުން ވަނީ ހައްޔަރުކޮށްފައެވެ.

އީރާންގެ ސަރުކާރުން ބަޔާން ހާމަ ކުރި ދުވަހު ވެސް ސަލާމަތީ ބާރުތަކުން ހަމަލާ ދިނުމުގެ ސަބަބުން މަރުވި ދެ ޒުވާނުންގެ ޖަނާޒާ ބާއްވާފައިވެއެވެ.

އީރާންގައި ސަރުކާރާ ދެކޮޅަށް މުޒާހަރާތައް ފެށިފައިވަނީ ފުލުހުންގެ ހައްޔަރުގައި ހުރި ޒުވާން އަންހެނެއް ކުއްލިއަކަށް މަރުވުމާއި ގުޅިގެންނެވެ. ބުރުގާ އެޅުމުގެ މިންގަނޑަށް ނުފެތޭ ގޮތަށް ބުރުގާ އަޅާފައި ހުރިކަމަށް ބުނެ ފުލުހުން ހައްޔަރުކުރި 22 އަހަރުގެ މަހްސާ އަމީނީ ސެޕްޓެމްބަރު މަހުގެ ސޯޅަ ވަނަ ދުވަހު މަރުވުމާއި ގުޅިގެން އަންހެނުންގެ މިނިވަން ކަމަށް ގޮވާލާ ޒުވާން އަންހެނުންނާއި ކޮލެޖުތަކުގެ ކުދިން ހިމެނޭ ހެން އެތައް ސަތޭކަ މީހުން ދަނީ މެދުކެނޑުމެއް ނެތި މުޒާހަރާ ކުރަމުންނެވެ. 

އީރާންގެ ހިއުމަން ރައިޓްސް އެކްޓިވިސްޓުންގެ ނިއުސް އެޖެންސީ ބުނެފައިވާ ގޮތުގައި ފުލުހުންގެ ބަޑީގެ ހަމަލާތަކުގައި 45 ކުޑަކުދިންނާ އެކު ޖުމުލަ 284 މީހުން މިހާތަނަށް މަރުވެފައިވެއެވެ. މި ކުރިމަތިލުންތަކުގައި 35 ސިފައިން ނުވަތަ ސެކިއުރިޓީ ބަލަހައްޓާ ފަރާތްތައް ވެސް މަރުވެފައިވާ ކަމަށް އެ ފަރާތުން ބުނެފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް