ކ. މާލެ
|
31 އޮކްޓޯބަރ 2022 | ހޯމަ 10:01
ސްކޫލްތައް ހުޅުވުން
ސްކޫލްތައް ހުޅުވުން
ރާއްޖެއެމްވީ
2023 ބަޖެޓް: ތައުލީމީ ދާއިރާ
ތައުލީމާއި މަތީ ތަޢުލީމުގެ ދާއިރާއަށް އެންމެ ބޮޑު ބަޖެޓް އަންނަ އަހަރު
ތައުލީމީ ދާއިރާގެ އިމާރާތާއި ވަސީލަތްތައް ގާއިމްކުރުމަށްޓަކައި 142 ރަށެއްގައި، 195 މަޝްރޫއެއް 2023 ވަނަ އަހަރު ހިންގުމަށް ރާވާފައިވޭ
ހިލޭ ޑީގްރީ ޕްރޮގްރާމަށް އަންނަ އަހަރުގެ ބަޖެޓުގައި 166.7 މިލިއަން ރުފިޔާ ހިމަނާފައިވޭ
އަންނަ އަހަރުގެ ބަޖެޓްގައި 4.6 ބިލިއަން ރުފިޔާ ތައުލީމީ ދާއިރާއަށް

ތައުލީމާއި މަތީ ތަޢުލީމުގެ ދާއިރާއަށް މިހާތަނަށް ދެވޭ އެންމެ ބޮޑު ޖާގަ ކަނޑައަޅާފައިވާނީ އަންނަ އަހަރުގެ ބަޖެޓްގައި ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ ދިގުރާސްތާގެ އަމާޒަކީ އަމިއްލަ ފަސްގަނޑުގައި ތިބެގެން ފެންވަރު ރަނގަޅު ތައުލީމެއް ހޯދޭނެ މަގު ކޮންމެ ދަރިވަރަކަށްވެސް ފަހިކޮށްދިނުން ކަމަށެވެ. މިގޮތުން މިއަހަރުގެ މޭމަހުން ފެށިގެން ހިނގަމުންދާ ޕޭ ހާމަނައިޒޭޝަންގެ އިންގިލާބީ ހެޔޮ އަސަރު ތައުލީމީ ދާއިރާއަށް ދަނީ ކުރަމުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މިއީ ޓީޗަރުންގެ ފެންވަރު ރަނގަޅު ކުރުމަށް އެޅުނު ބިންގަލެއްކަމަށާއި ޓީޗަރުންގެ ފެންވަރު ރަނގަޅުކުރުމަކީ ތައުލީމީ ޖީލެއް ބިނާކުރުމުގެ އެއް އަސާސް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ޓީޗަރުންގެ މުސާރައިގެ އޮނިގަނޑަށް މިގެނައި ބަދަލަކީ، ރަށްރަށުގައި ވަޒީފާ އަދާކުރުމަށް ޕްރިންސިޕަލުންނާއި ޓީޗަރުންނަށްވެސް ލިބޭނެ އިތުރު ބާރަކަށްވެގެންދާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އަންނަ އަހަރުގެ ބަޖެޓްގައި 4.6 ބިލިއަން ރުފިޔާ ތައުލީމީ ދާއިރާއަށް ވަނީ ކަނޑައަޅާފައެވެ. މީގެ ތެރޭގައި ތައުލީމީ ދާއިރާގެ މުވައްޒަފުންގެ މުސާރަ އެއްހަމަ ކުރުމުގެ ސަބަބުން އިތުރުވި 636.2 މިލިއަން ރުފިޔާ ހިމަނާފައިވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މީގެއިތުރުން މިނިސްޓަރު ވިދާޅުވީ ތައުލީމީ ދާއިރާގެ އިމާރާތްތަކާއި ވަސީލަތްތައް ގާއިމުކުރުމަށް 195 މަޝްރޫޢެއް އަންނަ އަހަރު ހިންގުމަށް ހަމަޖެހިފައިވާކަމަށެވެ.

ތައުލީމީ ދާއިރާގެ އިމާރާތާއި ވަސީލަތްތައް ގާއިމްކުރުމަށްޓަކައި 142 ރަށެއްގައި، 195 މަޝްރޫއެއް 2023 ވަނަ އަހަރު ހިންގުމަށް ރާވާފައިވޭ. މީގެ ތެރޭގައި 21 ރަށެއްގެ ސްކޫލްތަކުގެ އިމާރާތާއި ވަސީލަތްތައް ތަރައްގީކުރުމުގެ އާ މަޝްރޫއުތައް ހިމެނޭ. އަލަށް އާބާދުވާ ސަރަހައްދުތަކުގައި މުޅިން އަލަށް ގާއިމްކުރެވޭ ސްކޫލްތައް ހިމެނޭ. ހުޅުމާލޭގެ ފޭސް 2 ގައި ގާއިމްކުރެވުނު ވަގުތީ ސްކޫލްތަކުގެ ބަދަލުގައި އަންނަ އަހަރު ދާއިމީ ސްކޫލްތައް ގާއިމްކުރެވިގެންދާނެ
އިބްރާހީމް އަމީރު / ފިނޭންސް މިނިސްޓަރު

ރާއްޖޭގައި ތިބެގެން މަތީ ތަޢުލީމު ހާސިލު ކުރުމުގެ ފުރުޞަތު ވީހާވެސް ގިނަ ދަރިވަރުންނަށް މިސަރުކާރުން ތަނަވަސްކޮށްދީފައިވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ހިލޭ ޑީގްރީ ޕްރޮގްރާމަށް އަންނަ އަހަރުގެ ބަޖެޓުގައި 166.7 މިލިއަން ރުފިޔާ ހިމަނާފައިވާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ހަމަ އެހެންމެ، މަތީ ތަޢުލީމު ހާސިލުކުރުމަށް ކުދިންނާއި މައިންބަފައިން ކުރަންޖެހޭ ހޭދަ ކުޑަކުރުމަށް ކުޑަ އިންޓަރެސްޓް ރޭޓެއްގައި ހުޅުވާލާފައިވާ ލޯނު ސްކީމް އަންނަ އަހަރުވެސް ކުރިއަށްދާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އެކަމަށް 216.1 މިލިއަން ރުފިޔާ ބަޖެޓްގައި ހިމަނާފައިވާނެ. އަދި ޖުމްލަކޮށް ބަލާއިރު މަތީ ތައުލީމަށް އަމާޒުކުރެވޭ 856.6 މިލިއަން ރުފިޔާ މިބަޖެޓްގައި ހިމެނޭނެ. މިއީ ދިވެހި ޒުވާނުންނަށް މަތީ ތައުލީމު ހޯދުމުގައި ހުރި ހުރަސްތައް ނައްތާލައި، އެމީހުންގެ ދިރިއުޅުން އަމިއްލައަށް ބައްޓަންކުރާ ޤަދަރުވެރި ބަޔަކަށް ހެދުމަށް އެޅޭ މުހިންމު ފިޔަވަޅެއް
އިބްރާހީމް އަމީރު / ފިނޭންސް މިނިސްޓަރު

ހިނގަމުންދާ 2022 ވަނަ އަހަރު ތައުލީމީ ދާއިރާއަށް ކަނޑައަޅާފައިވަނީ 4.1 ބިލިއަން ރުފިޔާ ބަޖެޓެކެވެ.

- ކޮމެންޓް