އިނގިރޭސި ޕްރިމިއަރ ލީގުގެ ގަދަ ހަތަރެއްގެ ޖާގައެއް ހޯދާ, ޗެމްޕިއަންސް ލީގަށް ކޮލިފައިވާން ބޭނުންނަމަ އެއްވަރެއްގައި ކުޅުން ދަމަހައްޓަން ޖެހޭކަމަށް ލިވަޕޫލްގެ ކޯޗު ކްލޮޕް ބުނެފިއެވެ.
ލީގުގައި އަމިއްލަ ދަނޑުގައި ލީޑްސް ޔުނައިޓެޑް އަތުން 2-1 ން ބަލިވި މެޗަށްފަހު ކްލޮޕް ބުނީ ކަންކަން ރަނގަޅު ކުރަން ޖެހޭކަމަށެވެ. ލީގު ތާވަލްގެ އެއް ވަނައިގައި އޮތް މެންޗެސްޓަރ ސިޓީ ބަލިކުރުމަށްފަހު ދެން ކުޅުނު ދެ މެޗުން ވެސް ލީގުގައި ލިވަޕޫލް ވަނީ ބަލިވެފައެވެ. އޭގެތެރޭގައި ލީގު ތާވަލުގެ ފުލުގައި އޮތް ނޮޓިންގހަމް ފޮރެސްޓް އަތުންވީ ބަލި ހިމެނެއެވެ.
1-1 ން އެއްވަރުވާން ދިޔަ މެޗު ލީޑްސް ޔުނައިޓެޑުން ކާމިޔާބުކުރީ މެޗުގެ ފަހު މިނެޓުގައި ލަނޑު ޖަހައިގެންނެވެ. މެޗުގެ ފުރަތަމަ ލަނޑު ޖަހާ ލީޑްސް ޔުނައިޓެޑަށް ކުރި ހޯދައިދިނީ ރޮޑްރީގޯއެވެ. އެކަމަކު އެލީޑްގައި ހިފަހައްޓާ ލެވުނީ 10 މިނެޓެވެ. 14 ވަނަ މިނެޓުގައި ސަލާހު ލަނޑު ޖަހާ ނަތީޖާ ހަމަހަމަކޮށްދިނެވެ. ލީޑްސް މެޗުން މޮޅުކޮށްދިން ލަނޑު 89 ވަނަ މިނެޓުގައި ޖެހީ ސަމާވިލޭއެވެ.
މި ބައްޔާ އެކު ލިވަޕޫލް ވަނީ ތާވަލުގެ ހަތަރު ވަނައިގައި އޮތް ނިއުކާސަލް ޔުނައިޓެޑާ ދެމެދު އަށް ޕޮއިންޓުގެ ފަރަޤަކާއެކު ނުވަ ވަނައިގައެވެ. ނިއުކާސަލް ވަނީ 4-0 ން އެސްޓޮން ވިލާ ބަލިކޮށް, 24 ޕޮއިންޓާ އެކު ހަތަރު ވަނައިގައެވެ.