ކްލަބުން ދިން އަދަބެއްގެ ގޮތުން އެއް މެޗުގެ ސަސްޕެންޝަނަކަށް ފަހު އެނބުރި އައި މެޗުގައި ރޮނަލްޑޯ ޖެހި ލަނޑަކާއެކު, ޔުއެފާ ޔޫރޮޕާ ލީގުގައި އެފްސީ ޝެރިފް އަތުން މެންޗެސްޓަރ ޔުނައިޓެޑް މޮޅުވެއްޖެއެވެ.
ޔުނައިޓެޑްގެ ދަނޑުގައި ކުޅުނު މެޗު އެޓީމުން ކާމިޔާބުކުރީ 3-0 ނެވެ. މެޗުގައި ޔުނައިޓެޑްގެ ފުރަތަމަ ގޯލް ފުރަތަމަ ހާފްގެ ފަހު މިނެޓުގައި ޖެހީ ޑިއޮގޯ ޑަލޮޓްއެވެ. ދެވަނަ ލަނޑު ރަޝްފޯޑް ޖެހީ 65 ވަނަ މިނެޓުގައެވެ. އޭނާ ކުޅެން ނުކުތީ ދެވަނަ ހާފްގެ ފުރަތަމަ މިނެޓުގައެވެ. ރޮނަލްޑޯ ލަނޑު ޖެހީ 81 ވަނަ މިނެޓުގައެވެ. މިއީ ޕްރިމިއަރ ލީގުގައި ޓޮޓެންހަމް އަތުން ޔުނައިޓެޑް މޮޅުވި މެޗުގައި ބަދަލެއްގެ ގޮތުގައި ކުޅެން ނުކުންނަން އިންކާރުކުރުމަށްފަހު, މެޗު ނުނިމެނީސް ބެންޗު ދޫކޮށް ދިއުމުން ދިން އެއް މެޗުގެ ސަސްޕެންޝަނަށްފަހު ރޮނަލްޑޯ އެނބުރި އައިމެޗެވެ. ޔުނައިޓެޑްގެ ކޯޗު އެރިކް ޓެން ހާގު ރޮނަލްޑޯ ސްކޮޑްގައި ނުހިމަނާ ދޫކޮށްލީ ލީގުގައި ޗެލްސީއާ ވާދަކުރި މެޗުގައެވެ. އެކަމަކު ޝެރިފް އަތުން މޮޅުވި މެޗުގައި ކޯޗު ވަނީ ރޮނަލްޑޯ ފުރަތަމަ އެގާރައިގަ ހިމަނާފައެވެ.
މިމޮޅަކީ ޔުނައިޓެޑުން ހުރިހާ މުބާރާތެއް ހިމެނޭ ގޮތަށް ބަލިނުވެ ފުރިހަމަ ކުރި ހަތް ވަނަ މެޗެވެ. ޔުނައިޓެޑް މެޗުން މޮޅުވިޔަސް އަދިވެސް ލިބެނީ ގްރޫޕްގެ ދެ ވަނައެވެ. ތިން ޕޮއިންޓުގެ ލީޑަކާއެކު އެއް ވަނައިގައި އޮތީ ސްޕެއިންގެ ރެއާލް ސޮއިއެޑާޑްއެވެ. އެޓީމް ވަނީ ބުރާސްފަތި ދުވަހުގެރޭ އޮމޯނިއޯ ނިކޯސިއާ 2-0 ން ބަލިކޮށްފައެވެ.