ޔޫރަޕިއަން ޔޫނިއަން (އީޔޫ) ގެ ހުރިހާ ގައުމަކުން ދިވެހިންނަށް އޮންއެރައިވަލް ވިސާ ލިބޭނެ ގޮތް ހަމަޖެއްސުމަށާއި ރާއްޖެއިން އެކްސްޕޯޓްކުރާ މަހުގެ ބާވަތްތަކުން އީޔޫއިން ނަގާ ޑިއުޓީ ކަނޑާލަން ރާއްޖެއިން އަނެއްކާ ވެސް އެޖަމާއަތުގައި އެދިއްޖެއެވެ.
"ރާއްޖެ-އީޔޫ ތިން ވަނަ ރަސްމީ ބައްދަލުވުން" އާ ގުޅޭގޮތުން ދެ ފަރާތުން ނެރެފައިވާ ގުޅިފައިވާ ބަޔާނުގައި ބުނެފައިވަނީ އީޔޫގެ އިސް އޮފިޝަލުންނާ އެކު މި ހަފުތާގައި ރާއްޖެއިން ބޭއްވި ބައްދަލުވުމުގައި، ދިވެހިންނަށް އީޔޫއިން ޝެންގަން ވިސާ ދިނުމަށާއި އަދި މަހުން ނަގާ ޑިއުޓީ ކަނޑާލަން އެދިފައިވާ ކަމަށެވެ. އީޔޫގެ ހުރިހާ ގައުމަކަށް ދަތުރުކުރަން ދޫކުރާ އޮންއެރައިވަލް ވިސާ ކަމަށްވާ ޝެންގަން ވިސާ ދިވެހިންނަކަށް ނުލިބެއެވެ. އަދި ރާއްޖެއިން އީޔޫއަށް އެތެރެކުރާ މަހުގެ ބާވަތްތަކުން ޑިއުޓީ ނަގާތީ އެ ޑިއުޓީ ކަނޑާލަން ރާއްޖެއިން އަންނަނީ އެދެމުންނެވެ.
އީޔޫގެ ގައުމުތަކުން ރާއްޖޭގެ ކަނޑުމަހުގެ އުފެއްދުންތަކަށް ޑިއުޓީ ނަގަން ފެށީ ކުޑަކޮށް ތަރައްގީވެފައިވާ ގައުމުތަކުގެ ލިސްޓުން ރާއްޖެ އުނިކޮށް، ތަރައްގީވަމުުން އަންނަ ގައުމުތަކުގެ ލިސްޓަށް 2011 ވަނަ އަހަރު ރާއްޖެ އެރުމުންނެވެ. ޑިއުޓީ މާފުކޮށްދޭން އެދި އޭގެ ފަހުން އެކި ސަރުކާރުތަކުން އީޔޫއާ އެކު ތަކުރާރުކޮށް މަޝްވަރާތައް ކުރިޔަށްގެންގޮސްފައިވީނަމަވެސް އަދި އެކަން ކާމިޔާބުވާ ގޮތެއް ނުވެއެވެ.
ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތާ ބެހޭ ގޮތުން އެ ބައްދަލުވުމުގައި ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްފައިވާކަމަށް ބަޔާނުގައި ބުނެއެވެ. އަދި ގާނޫނާއި ގަވާއިދާ ހިލާފަށް، ބެލެހެއްޓުމެއްނެތި އަދި ރިޕޯޓްކުރުމެއްނެތި ކުރާ މަސްވެރިކަން ހުއްޓުވުމަށް ބައިނަލްއަގުވާމީ ފެންވަރުގައި އެކުގައި ގުޅިގެން މަސައްކަތްކުރުމަށް ވެސް އެ މަޝްވަރާތަކުގައި ރާއްޖެއާއި އީޔޫއިން އެއްބަސްވެފައިވެއެވެ. އެ ބައްދަލުވުމުގައި އެކި ދާއިރާތަކުން އީޔޫއާ އެކު ގުޅުން ބަދަހިކުރަން މަޝްވަރާކޮށްފައިވެއެވެ.