ކ. މާލެ
|
28 އޮކްޓޯބަރ 2022 | ހުކުރު 07:11
ގަލޮޅު ސަހަރާ ކައިރިއަށް އަބްދުﷲ ރަޝީދުގެ އާއިލާގެ މީހުން އެއްވެފައި
ގަލޮޅު ސަހަރާ ކައިރިއަށް އަބްދުﷲ ރަޝީދުގެ އާއިލާގެ މީހުން އެއްވެފައި
ރާއްޖެއެމްވީ
އަބްދުﷲ ރަޝީދުގެ މަރުގެ ތަޙުޤީޤު
އިންސާފަށް ވާސިލުވުން މުހިންމުވާތީ ތަހުޤީޤުގެ ބޭނުމަށް ޢަބްދުﷲ ރަޝީދުގެ ޕޯސްޓް-މޯޓަމް ހަދާނެ: އެންއައިސީ
ކޮމިޝަނުން އިސްނަގައިގެން ޖިނާޢީ ތަޙުޤީޤެއް އަންނަނީ ކުރަމުން
ތަޙުޤީޤުކުރުމުގައި ލީޑިންގ އިންވެސްޓިގޭޓަރުގެ ދައުރު އަދާކުރާނީ އެންއައިސީގެ ފަރާތުން
އަބްދުﷲ ރަޝީދުގެ ހަށިގަނޑު, އާއިލާގެ ރުހުންނެތި ޕޯސްޓްމޯޓަމް ހަދަން މަސައްކަތްކޮށް، އާއިލާއަށް ހަށިގަނޑު ނުދައްކާތީ އެކަމާ އޭނާގެ އާއިލާއިން އަންނަނީ ނުރުހުން ފާޅުކުރަމުން

ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓައި ގދ. ހޯޑެއްދޫ، ސްވެން، ޢަބްދުﷲ ރަޝީދު އޮކްޓޫބަރު 25 ވަނަ ދުވަހު ނިޔާވި މައްސަލާގައި ފުލުހުންގެ އެއްވެސް އިހުމާލެއްވޭތޯ ބެލުމަށް ޖިނާއީ ތަޙުޤީޤެއް ކުރަމުންދާކަމަށް ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ)ން ބުނެފިއެވެ.

އެންއައިސީން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުގެ ޤާނޫނުގެ 30 ވަނަ މާއްދާގެ (ހ) ގެ (4) ވަނަ ނަންބަރުގެ ދަށުން، ކޮމިޝަނުން އިސްނަގައިގެން ޖިނާޢީ ތަޙުޤީޤެއް ކުރަމުން އަންނަ ކަމަށެވެ. މި މައްސަލަ ތަޙްޤީޤު ކުރަނީ ޖިނާއީ ޢިޖުރާއަތުގެ ޤާނޫނުގެ 76 ވަނަ މާއްދާގެ (ށ) ގެ (2) ވަނަ ނަންބަރުގެ ދަށުން ފުލުހުންނާ އެކީގައި ގުޅިގެން ހިންގާ ތަޙުޤީޤެއްގެ ގޮތުގައިކަމަށް ވެސް އެކޮމިޝަނުން ބުނެއެވެ.

މައްސަލައިގެ ތަޙުޤީޤު ކުރިއަށް ދާއިރު ތަޙުޤީޤުކުރުމުގައި ލީޑިންގ އިންވެސްޓިގޭޓަރުގެ ދައުރު އަދާކުރާނީ އެންއައިސީގެ ފަރާތުންކަމަށް އެކޮމިޝަނުން ބުނެއެވެ. އަދި މި ތަޙުޤީޤުގައި ދިވެހި ފުލުހުންގެ ޚިދުމަތުގެ މައިގަނޑު ދައުރަކީ ކޮމިޝަނުގެ ތަޙުޤީޤަށް އެހީތެރިވެދިނުންކަމަށް ވެސް ކޮމިޝަނުން ބުނެއެވެ.

މި މައްސަލާގައި އިންސާފަށް ވާސިލުވުމަށް މުހިންމުކަމަކަށްވާތީ ތަޙުޤީޤުގެ ބޭނުމަށް ކަނޑައެޅިފައިވާ އިޖުރާޢަތުގެ ދަށުން މަރުޙޫމް ޢަބްދުﷲ ރަޝީދުގެ ޕޯސްޓް-މޯޓަމް ހެދުމަށް ނިންމާފައިވާކަމަށް އެކޮމިޝަނުން ބުނެއެވެ.

އަބްދުﷲ ރަޝީދުގެ ހަށިގަނޑު އާއިލާގެ ރުހުންނެތި ޕޯސްޓްމޯޓަމް ހަދަން މަސައްކަތްކޮށް، އާއިލާއަށް ހަށިގަނޑު ނުދައްކާތީ އެކަމާ އެ އާއިލާއިން އަންނަނީ ނުރުހުން ފާޅުކުރަމުންނެވެ. މީގެ ކުރިން ފުލުހުން ބުނެފައިވަނީ އޭނާގެ އާއިލާއިން ޕޯސްޓްމޯޓަމް ހަދަން އެއްބަސްވިކަމަށެވެ. ނަމަވެސް އޭނާގެ އާއިލާއިން "ރާއްޖެއެމްވީ"އާ ވާހަކަދައްކަމުން ބުނެފައިވަނީ ޕޯސްޓް މޯޓަމް ހަދަން އާއިލާއިން އެއްބަސްނުވާ ކަމަށާއި އެކަމާ ދެކޮޅުކަމަށެވެ.

އަބްދުﷲ ރަޝީދުގެ ހަށިގަނޑު މާލެ ގެނެސް މިހާރު އޮތީ ގަލޮޅު ސަހަރާގެ މޯޗަރީގައެވެ. ބުރާސްފަތި ދުވަހު އޭނާގެ އާއިލާއިން ވަނީ ސަހަރާދޮށަށް ގޮސް ހަށިގަނޑު އާއިލާއަށް ދެއްކުމަށް އެދިފައެވެ. ނަމަވެސް ފުލުހުން އެކަމާ ދެކޮޅުހަދާފައިވެއެވެ.

މި މައްސަލައިގައި ފުލުހުން ނެރުނު ބަޔާނުގައި ބުނެފައިވާ ވާހަކަތައް އާއިލާއިން ވަނީ ދޮގުކޮށްފައެވެ. އަދި އަބްދުﷲ ރަޝީދުގެ މަރުގެ ފުރިހަމަ ޒިންމާ ފުލުހުން ނަގަންޖެހޭނެކަމަށާއި، މި މައްސަލައިގައި އިހުމާލުވާ ފުލުސް އޮފިސަރުންނަށް ފިޔަވަޅު އެޅުމަށް ވެސް އާއިލާއިން ވަނީ އެދިފައެވެ. ސަހަރާ ކައިރިއަށް އާއިލާއިން ދިޔަނަމަވެސް، ހަށިގަނޑު ދައްކަން ދެކޮޅުހެދިއެވެ. އަދި ފަހުން އާއިލާއަށް ހަށިގަނޑު ދައްކަން އެއްބަސްވެފައިވެއެވެ.

އަބްދުﷲ ރަޝީދުގެ އާއިލާގެ ގިނަ ތުހުމަތުތަކެއް އޭނާ ހައްޔަރުކުރި ފުލުހުންނަށް އަމާޒުވެފައިވާއިރު، ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އަންގާރަ ދުވަހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެ މައްސަލަ މިހާރު ފުލުހުންގެ ޕްރޮފެޝަނަލް ސްޓެންޑަރޑްސްއިން ބަލަން ފަށާފައިވާ ކަމަށެވެ. އަދި އެހެނިހެން އިދާރާތަކުން ވެސް އެ މައްސަލައަށް ޚާއްސަ ސަމާލުކަމެއް ދީގެން ބެލުމަށް ވިދާޅުވެފައިވާނެ ކަމަށެވެ.

މި މައްސަލައިގައި ފުލުހުން އިހުމާލުވެފައިވާކަމަށް ނުވަތަ އަނިޔާވެރި އަމަލެއް ހިންގާފައިވާކަމަށް ތަޙުޤީޤަށް ސާބިތުވެއްޖެނަމަ އަޅަންޖެހޭ ފިޔަވަޅެއް އަޅުއްވާނެކަމަށާއި، އަދި ފިޔަވަޅު އެޅުމުގައި ފަސްޖެހިވަޑައިނުގަންނަވާނެ ކަމަށް ވެސް މިނިސްޓަރު އިމްރާން ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް