ޖުމްހޫރީ ޕާޓީގެ މެމްބަރަކަށް ހުންނެވި އިމާދު ސޯލިހު މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ އެމްޑީޕީއާއި ގުޅިއްޖެއެވެ. އިމާދު ސޯލިހުގެ އިތުރުން އޭނާގެ އަނބިކަނބަލުންވެސް ވަނީ އެމްޑީޕީއާއި ގުޅިވަޑައިގެންފައެވެ.
އިމާދު ސޯލިހު އެމްޑީޕީއަށް ސޮއިކުރެއްވީ އެމްޑީޕީން އައްޑޫ މީދޫގައި ބޭއްވި ކޮންގްރެސްއަށް ތައްޔާރު ވުމުގެ ރަސްމިއްޔާތެއްގައި ބުރާސްފަތި ދުވަހުގެ ރޭގަ އެވެ.
އެމްޑީޕީއަށް ސޮއިކުރެއްވުމަށް ފަހު އިމާދުގެ މެމްބަޝިޕް ފޯމް ހަވާލުކޮށް ދެއްވީ، ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އަލީ ނިޒާރާ އެވެ.
އެމްޑީޕީއާއި ގުޅުމުގެ ކުރިން އިމާދު ހުންނެވީ ޖުމްހޫރީ ޕާޓީގައެވެ. ރައީސް ވަހީދުގެ ސަރުކާރުގައި އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމުގެ މަގާމު ވެސް އަދާކުރެއްވި އިމާދު ގައުމި ޕާޓީގައި ވެސް އުޅުއްވި އެވެ.