ކ. މާލެ
|
27 އޮކްޓޯބަރ 2022 | ބުރާސްފަތި 06:20
އަބްދުއްސަލާމް އާރިފް - ޗީފް އޮމްބަޑްސްޕާރސަން
އަބްދުއްސަލާމް އާރިފް - ޗީފް އޮމްބަޑްސްޕާރސަން
ރާއްޖެއެމްވީ
އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީސް
އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުން 111 މައްސަލައިގެ ތަހުގީގު ނިންމާލައިފި
 
ޖުމްލަ 489 މައްސަލަ ހުށަހެޅުނުއިރު، އޭގެތެރެއިން އޮފީހުގެ އިޚްތިޞާޞްގެ ތެރެއިން ބެލުމަށް ނިންމާފައިވަނީ 455 މައްސަލަ
 
އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހަށް މައްސަލަ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލީ 13 ޖޫން 2021 އިން 13 ސެޕްޓެންބަރު 2021ގެ ނިޔަލަށް

އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީސް (އޯ.ޓީ.ޖޭ) އަށް ހުށަހެޅުނު މައްސަލަތަކުގެ ތެރެއިން ގިނަ އަދަދެއްގެ މައްސަލަތަކުގެ ތަޙުޤީޤު ނިންމާފައިވާކަމަށް އެއޮފީހުން ބުނެފިއެވެ.

އެއޮފީހުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ އޮމްބަޑްސްޕާސަން އޮފީހަށް މައްސަލަ ހުށަހެޅުމުގެ މުއްދަތު ހަމަވި ދުވަސް ކަމުގައިވާ 13 ސެޕްޓެންބަރު 2021 އިން ފެށިގެން 26 އޮކްޓޯބަރު 2022 ގެ ނިޔަލަށް 111 މައްސަލަ ތަޙުޤީޤުކޮށް ނިމިފައިވާކަމަށެވެ. މީގެ ތެރޭގައި އިޤްތިޞާދީ އަދި އިޖުތިމާޢީ ޙައްޤާ ގުޅޭ 64 މައްސަލައާއި، ޤާނޫނާ ޚިލާފަށް ހައްޔަރުނުކުރުމާއި ބަންދުނުކުރުމުގެ ޙައްޤާ ގުޅޭ 23 މައްސަލައާއި، މަސައްކަތްކުރުމުގެ ޙައްޤާ ގުޅޭ 21 މައްސަލައާއި، އަދުލުވެރިކަމާއެކު އިދާރީ ފިޔަވަޅުތައް އެޅުމުގެ ޙައްޤާ ގުޅޭ އެއް މައްސަލައާއި، ޒާތީ ދިރިއުޅުމުގެ ޙައްޤާ ގުޅޭ އެއް މައްސަލަ އަދި ލާއިންސާނީ އަދަބު ނުދިނުމުގެ ޙައްޤާ ގުޅޭ އެއް މައްސަލަ ހިމެނެއެވެ.

އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހަށް މައްސަލަ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލީ 13 ޖޫން 2021 އިން 13 ސެޕްޓެންބަރު 2021ގެ ނިޔަލަށެވެ. މި މުއްދަތުގެ ތެރޭގައި ޖުމްލަ 489 މައްސަލަ ހުށަހެޅުނުއިރު، އޭގެތެރެއިން އޮފީހުގެ އިޚްތިޞާޞްގެ ތެރެއިން ބެލުމަށް ނިންމާފައިވަނީ 455 މައްސަލައެކެވެ.

އިންތިގާލީ އިންސާފުގެ ގާނޫނަކީ 1953 ޖަނަވަރީ 1ން ފެށިގެން 2018 ނޮވެންބަރު 17އާ ދެމެދު ހިނގައިދިޔަ މުއްދަތުގެ ތެރޭގައި، ނިޒާމީ ސިފައެއްގައި ރޭވިގެން، ދައުލަތުގެ މުއައްސަސާއަކުން ނުވަތަ އެއިން ތަނެއްގެ އިސް ހިންގުންތެރިއަކު، ރައްޔިތުންގެ އިންސާނީ ހައްގުތަކާއި އަސާސީ މިނިވަންކަމާއި ޚިލާފަށް ހިންގާފައިވާ އަމަލުތައް ބަލައި، ތަހުގީގުކޮށް، ހަގީގަތް ހާމަކޮށް، އެފަދަ ކަންކަމުގެ ސަބަބުން އަނިޔާލިބިފައިވާ ފަރާތްތަކަށް މި ގާނޫނުގެ ދަށުން ފޯރުކޮށްދޭ ހައްލުތައް މެދުވެރިކޮށް އިންސާފު ހޯދައިދިނުމުގެ ނިޒާމެއް އެކަށައެޅުމުގެ ގާނޫނެވެ.

2020 ވަނަ އަހަރު އަހަރު ތަސްދީގު ކުރި އިންތިގާލީ އިންސާފުގެ ގާނޫނުގައި ބުނާގޮތުން ނަމަ، އެ ގާނޫނުގެ ދަށުން ވުޖޫދުވި އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާސަންގެ އޮފީހަށް ހުށަހެޅޭ މައްސަލަތައް ބަލައި، ތަހުގީގުކޮށް ނިންމަން ދީފައި އޮންނަނީ ދެ އަހަރު ދުވަހުގެ މުހުލަތެކެވެ. އެމުއްދަތު މިއަހަރު ހަމަވާއިރު މުއްދަތު އިތުރުކުރުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. ނަމަވެސް އެމުއްދަތު އަދި ހާމަކޮށްފައެއްނުވެއެވެ.

މިހާރު ތަޙުޤީޤު މަރުޙަލާ ނުނިމި ހުރި މައްސަލަތަކުގެ ތަޙުޤީޤު، ޤާނޫނާއި ގަވާއިދާ އެއްގޮތަށް ކުރިއަށްގެންގޮސް ކުރިއަށް އޮތް ދުވަސްތަކުގައި ނިންމާލުމަށް ކުރެވެން އޮތް ހުރިހާ މަސައްކަތެއް އޮފީހުން ކުރަމުން އަންނަކަމަށް އެ އޮފީހުން ބުނެއެވެ. އަދި، އިންތިޤާލީ އިންސާފުގެ ޤާނޫނުގެ ދެވަނަ ބާބުގެ 27 ވަނަ މާއްދާގައި ބުނެފައިވާ ގޮތުގެ މަތިން ސުލްޙަކުރުމުގެ މަސައްކަތް ވެސް ދައުލަތުގެ އިދާރާތަކާ ގުޅިގެން ކުރަމުންދާކަމަށް އެ އޮފީހުން ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް