ބަޔާން މިއުނިކަށްވުރެ ބާސެލޯނާ މޮޅުކަން ދެއްކުމަށް ތައްޔާރުކަމަށާއި އެކަމަށްޓަކާ ކުރެވެންހުރި ހުރިހާ ކަމެއް ކުރާނެކަމަށް ބާސެލޯނާގެ ކޯޗު ޒަވީ ހެނާންޑޭޒް ބުނެފިއެވެ.
ޒަވީ މިހެން ބުނީ ޗެމްޕިއަންސް ލީގުގައި މި ދެޓީމު ވާދަކުރުމަށް ހަމަޖެހިފައިވާ މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.
ޗެމްޕިއަންސް ލީގު ގްރޫޕް ސްޓޭޖުގައި ބާސެލޯނާއާއި ބަޔާން ބައްދަލުކުރި ފުރަތަމަ މެޗު 2-0ން ކާމިޔާބުކުރީ ބަޔާންއެވެ. ޒަވީ ވަނީ އެމެޗުގައި ބާސެލޯނާއަށް ގިނަ ފުރުސަތުތަކެއް ލިބުނުކަން ފާހަގަކޮށްފައެވެ. ޒަވީ ބުނީ އެއީ އެމެޗުގައި ބާސެލޯނާއަށް ހައްގުވާ ނަތީޖާ ނޫން ކަމަށާއި، ނިންމަން ލިބުނު ފުރުސަތުގެ ބޭނުން ޓީމަށް ނުހިފުނު ކަމަށެވެ.
އޭގެ ފަހުން ބާސެލޯނާގެ ދަނޑުގައި އިންޓަ މިލާނާއި ބައްދަލުކުރި މެޗުންވެސް ބާސެލޯނާއަށް މޮޅު ނުވެވި ނިމުނީ އެއްވަރު ވެގެންނެވެ. މިއާއެކު ބާސެލޯނާ ވަނީ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރު ކަށަވަރު ކުރުމަށް އުނދަގޫ ހާލަތަކަށް ވެއްޓިފައެވެ.
ޒަވީ ބުނީ ވެދިޔަތަން ދޫކުރުމަށްފަހު އަމާޒަކީ މުބާރާތުގެ ދެވަނަ ބުރަށް ދަތުރުކުރުން ކަމަށެވެ. ހުރިހާ ހިސާބުތަކެއް ހުރީ ޓީމާއި ދެކޮޅަށް ނަމަވެސް މަސައްކަތްކޮށް މިކަން ކާމިޔާބު ކުރެވޭނެ ކަމުގެ އުންމީދު އެބައޮތް ކަމަށް ޒަވީ ބުންޏެވެ.
ޗެމްޕިއަންސް ލީގުގައި ބާޔާން އާއި ބާސެލޯނާ ބައްދަލުކުރާ މެޗު އޮންނާނީ ބުދަ ދުވަހުގެރޭ ދަންވަރު 12 ޖަހާއިރުއެވެ.