ކ. މާލެ
|
23 އޮކްޓޯބަރ 2022 | އާދީއްތަ 15:00
ބަނޑަށް ޖެހުމާ ދިމާއަށް ދާ މީހުންގެ ޢަދަދު މިހާރު ވަނީ 345 މިލިއަނަށް އަރާފައި
ބަނޑުހައިހޫނު ކަމުގެ މައްސަލަ
ދުނިޔެ ބަނޑަށް ޖެހޭ އިރު، ގަލްފުން އުފުލަން ޖެހޭ ޒިންމާއެއް އެބަ އޮތް: ޑަބްލިއުއެފްޕީ
ޑަބްލިއުއެފްޕީގެ ތަފާސް ހިސާބުތަކަށް ބަލާއިރު، ދުނިޔޭގެ އެކި ކަންކޮޅުތަކުން 82 ޤައުމަކުން 345 މިލިއަން މީހަކަށް ވަނީ އިންތިހާ ބަނޑުހައިހޫނު ކަމާ ކުރިމަތިލާން ޖެހިފައި
މިއަދު ދުނިޔެއަށް ކުރިމަތިލާން ޖެހިފައިވާ އިންސާނީ ކާރިޘާގެ ދަނޑިވަޅުގައި، ތެޔޮ އުފައްދާ މުއްސަނދި ޤައުމުތަކުން އެހީގެ އަތެއް ދިއްކޮށްލުމަށް އެ ޤައުމުތަކުގެ މައްޗަށް ޒިންމާއެއް އެބައޮތް

ބައިނަލްއަޤުވާމީ ފެންވަރެއްގައި މިއަދު ކުރިމަތިލާން ޖެހިފައިވާ ބަނޑުހައިހޫނު ކަމުގެ މައްސަލައަށް ހައްލު ހޯދުމަށްޓަކާ، ގަލްފްގެ ދައުލަތްތަކުން އިތުރު އެހީ ފޯރުކޮށްދޭން ޖެހޭ ކަމަށް، ކާބޯތަކެއްޗާ ބެހޭ އދގެ މަޝްރޫއު (ޑަބްލިއުއެފްޕީ)ގެ އިސްވެރިޔާ، ޑޭވިޑް ބީޒްލީ ވިދާޅުވެއްޖެއެވެ.

ބީޒްލީ މިފަދައިން ވިދާޅުވެފައި ވަނީ، ޖަރުމަނުވިލާތުގެ ތަރައްޤީއާ ބެހޭ ވަޒީރު ޝްވެންޏާ ޝުލްޒާއާއެކު އެ ޤައުމުގައި ހުންނަވާ، ވާހަކަދައްކަވަމުންނެވެ. މި ދަނޑިވަޅަކީ، ރަޝިއާއިން ޔޫކްރައިންގައި ކުރަމުންދާ ވަރުގަދަ ހަނގުރަމާއާ ގުޅިގެން ދުނިޔޭގެ ފެންވަރުގައި ކާބޯތަކެތީގެ ދަތިކަން ކުރިމަތިވެ، ވިލާތުގެ ޤައުމުތަކަށް ހަކަތައިގެ ދަތިކަން އިންތިހާއަށް ކުރިމަތިވެފައިވާ އިރު، އެ މައްސަލަތަކަށް ހައްލު ހޯދިދާނެ ގޮތްތަކާ ބެހޭ ގޮތުން މަޝްވަރާ ކުރުމަށް ވިލާތުގެ ލީޑަރުން މަޝްވަރާތަކެއް ކުރައްވަމުން ގެންދަވާ ދަނޑިވަޅެއްވެސްމެއެވެ.

ބީޒްލީ ވިދާޅުވީ މިއަދު ދުނިޔެއަށް ކުރިމަތިލާން ޖެހިފައިވާ މި އިންސާނީ ކާރިޘާގެ ދަނޑިވަޅުގައި، ތެޔޮ އުފައްދާ މުއްސަނދި ޤައުމުތަކުން އެހީގެ އަތެއް ދިއްކޮށްލުމަށް އެ ޤައުމުތަކުގެ މައްޗަށް ޒިންމާއެއް އެބައޮތް ކަމަށެވެ.

އެހީދޭ މިންވަރު އިތުރު ކުރަން ޖެހޭ ބައެއް ޤައުމުތައް އެބަހުރި. މިސާލަކަށް ގަލްފުގެ ދަޢުލަތްތައް. ތެލުގެ އަގުތައް އެހާ ބޮޑު އިރު، ދުވާލެއްގެ މައްޗަށް ބިލިއަނުން ފައިދާ ވެދާނެ. ތެލުގެ އަގުތައް ބޮޑުވީމަ އަސަރު ކުރަނީ ހަމައެކަނި ކަނޑުމަގުން މުދާ އުފުލުމާއި ހަކަތައިގެ އަގުތަކަކަށް ނޫން. ގަސްކަނާގެ އަގާއި، ކާބޯތަކެތި އުފެއްދުމަށްވެސް އެކަމުގެ އަސަރު ފޯރާ. އެހެންވީމަ، މީގެ ކުރިން ވެދީފައި ނުވާ ފަދަ ދަރަޖައަކަށް އެހީވުމަށް، އެ ޤައުމުތަކުގެ މައްޗަށް ޒިންމާއެއް އޮތް ކަމަށް ޤަބޫލު ކުރެވެނީ. ހަފުތާއެއްގެ މައްޗަށް ޖެހޭ އާމްދަނީ އަހަރަމެންނަށް ދީބަލަ ނިކަން. އެއީ މާ ބޮޑު އެއްޗެއްތަ؟ އެހެން ނޫނީ އެ ސަރަޙައްދުތަކުގަ އިންސާނީ ކާރިޘާއެއްގައި ފެތެމުންދާ، ޔަމަނު، ލުބްނާން، ސޫރިޔާ، އުރުދުން އަދި ސޯމާލިއާ ކަހަލަ ޤައުމުތަކަށް އެހީތެރިކަން ފޯރުކޮށްދީބަލަ.
ޑޭވިޑް ބީޒްލީ؛ ޑަބްލިއުއެފްޕީގެ އެގްޒެކެޓިވް ޑައިރެކްޓަރު

ޑަބްލިއުއެފްޕީގެ ތަފާސް ހިސާބުތަކަށް ބަލާއިރު، ދުނިޔޭގެ އެކި ކަންކޮޅުތަކުން 82 ޤައުމަކުން 345 މިލިއަން މީހަކަށް ވަނީ އިންތިހާ ބަނޑުހައިހޫނު ކަމާ ކުރިމަތިލާން ޖެހިފައެވެ. އަހަރު ފެށުނުއިރު އެ ޢަދަދު އުޅުނީ 282 މިލިއަންގައެވެ.

ބަނޑަށް ޖެހުމާ ދިމާއަށް ގެންދާ މީހުންގެ ޢަދަދު މިހާރު މިވަނީ 345 މިލިއަނަށް އަރާފަ. އޭގެ ތެރޭގައި، 45 ޤައުމަކުން 50 މިލިއަނެއްހާ މީހުން އެ ދަނީ ބަނޑަށް ޖެހުމުގެ ދޮރުގައި ޓަކިދެމުން. އެހެންވީމަ، ބަނޑަށް ޖެހުމާއި، ހަމަޖެހުން ގެއްލުމާއި، ހިޖުރަ ކުރުން އިންތިހާއަށް އިތުރުވެދާނެ ޤައުމުތަކަކީ ކޮބާތޯ ބަލާއިރު، އެންމެ ކުރީގަ އޮތް 45 ޤައުމަކީވެސް އެއީ. ޖަރުމަނުވިލާތުގެ ސަރުކާރާއި ޖަރުމަނުވިލާތުގެ ރައްޔިތުން ފޯރުކޮށްދޭ އެހީ އިތުރު ކުރުން މުހިންމު ވަނީވެސް މި ސަބަބާ ހެދި.
ޑޭވިޑް ބީޒްލީ؛ ޑަބްލިއުއެފްޕީގެ އެގްޒެކެޓިވް ޑައިރެކްޓަރު

ޖަރުމަނުވިލާތުގެ ތަރައްޤީއާ ބެހޭ ވަޒީރު ޝްވެންޏާ ޝުލްޒާ ވިދާޅުވީ، ޑަބްލިއުއެފްޕީއިން 27 ޤައުމެއްގައި ހިންގާ މަޝްރޫއަށް ޖަރުމަނުވިލާތުން އެއްބާރުލުން ދޭނެ ކަމަށެވެ. އަދި ހަކަތައިގެ އަގުތައް އުފުލި، މުދާ އުފައްދަން ކުރަން ޖެހޭ ހޭދަ އިތުރުވެ، ބާޒާރުތަކުގައި ތަކެތީގެ އަގުތައް އުފުލެމުން ދިއުމުގެ ސަބަބުން ކުރިމަތިވެފައިވާ ކާބޯތަކެތީގެ ހީނަރުކަމާ ދެކޮޅަށް ހަނގުރާމަ ކުރުމަށް ޖަރުމަނުވިލާތުން 530 މިލިއަން ޔޫރޯ އިންވެސްޓް ކުރާނެ ކަމަށްވެސް އެނާ ވަނީ ވިދާޅުވެފައެވެ.

- ކޮމެންޓް
23 އޮކްޓޯބަރ 2022 | އާދީއްތަ 15:49
ޙަބީބު
ނަމުގެ ކުރިޔައް އަރަބި މުސްލިމު މިހެން ލިޔެގެން އުޅެނީ ދިވެހި ސަރުކަރުންވެސް އެބަޖެހޭ އެއްރިސޯޓުގެ ޓެކްސްފައިސާ މިފަދަ ހާލުގަ ޖެހިފަތިބޭ މީހުނައް ހަރަދު ކުރުމައް ބައިނަލް އަގުވާމީ ފަރާތްތަކައް ދެއްވަން އަދި އަރަބި ގައުމު ތަކުގެ ވެރިންނައް އެބަ މިކަންދައްކަންޖެހޭ